50 އަށްވުރެ ކުދިން މަދު 9 ސްކޫލްތައް ވީޑިޔޯ ކޮންފަރެންސަކުން އިސްކަންދަރާ ގުޅާލަނީ

ކިޔަވާ ކުދިންގެ އާބާދީ 50 އަށްވުރެ މަދު 9 ސްކޫލެއްގައި ވީޑިޔޯ ކޮންފަރެންސަކުން އިސްކަންދަރު ސްކޫލާ ގުޅުވާލައިގެން ކިޔަވައިދޭ ގޮތަށް ނިންމައިފިއެވެ.

އެކަން އިފްތިތާޙު ކުރުމަށް މިއަދު އޮތް ރަސްމިއްޔާތެއްގައި އެޑިޔުކޭޝަން މިނިސްޓަރ ޑރ އައިޝަތު ޝިހާމް ވިދާޅުވީ ރާއްޖޭގައި މިވަގުތު 50 ކުދިންނަށްވުރެ ދަށް އާބާދީއެއް އޮތީ އެންމެ 9 ސްކޫލްގައި ކަމަށާއި އިސްކަންދަރު ސްކޫލާ ވީޑިޔޯ ކޮންފަރެންސަކުން ގުޅުވާލައިގެން އެ 9 ސްކޫލްގެ ކިޔެވުން އަންނަ ހަފްތާގެ ތެރޭގައި ފެށޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ޒަމާނީ ވަސީލަތުގެ އެހީގައި ވީޑިޔޯ ކޮންފަރެންސަކުން އިސްކަންދަރު ސްކޫލާއި އެ 9 ސްކޫލް ގުޅުވާލައިގެން ކިޔަވައިދެވޭނެ ހުރިހާ އިންތިޒާމެއް މިހާރު ވަނީ އެ ސްކޫލްތަކުގައި ގާއިމްކޮށް ނިމިފައެވެ. މިކަމަށް ޚަރަދު ކޮށްފައި ވަނީ ވޯލްޑް ބޭންކުން ލިބުނު ލޯނު އެހީއަކުންނެވެ.

ރާއްޖޭގައި މިވަގުތު 50 ކުދިން ހަމަނުވާ 9 ސްކޫލަކީ  ހއ. ތަކަންދޫ ސްކޫލް، ހއ. މޮޅަދޫ ސްކޫލް، ނ. ފޮއްދޫ ސްކޫލް، ނ. މަންދޫ ސްކޫލް، ބ. ފުޅަދޫ ސްކޫލް، އދ. ދިއްދޫ ސްކޫލް، މ. ރަތްމަންދޫ ސްކޫލް، މ. ވޭވަށު ސްކޫލްގެ އިތުރުން ގއ. ކޮނޑޭ ސްކޫލެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.