63 ވަނަ ޖިއޯ ފިލްމް ފެއަރގައި މި ދިޔަ އަހަރުގެ އެންމެ މޮޅު ފިލްމަކަށް ހޮވުނީ ހިންދީ މީޑިއަމް އެވެ.
ހިންދީ މީޑިއަމް އަކީ ބެލުންތެރީންގެ މެދުގައި ވަރަށް މަގްބޫލު ފިލްމެކެވެ. މި ފިލްމް 5 އިނާމަަކަށް ވާދަ ކުރިއެވެ. އެއީ އެންމެ މޮޅު ފިލްމާއި، އެންމެ މޮޅު ޑައިރެކްޓަރާއި އެންމެ މޮޅު އަންހެން ތަރި އާއި އެންމެ މޮޅު ފިރިހެން ތަރި އަދި އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ އިނާމެވެ.
ރޭގެ އިނާމު ހަފްލާގައި އެންމެ މޮޅު ފިރިހެން ތަރިއަކަށް ހޮވިފައިވަނީ ހިންދީ މީޑިއަމްގެ ތަރި އިރްފާނު ޚާން އެވެ. އިރްފާނާ އެކު މި ފިލްމުގައި އަންހެން ތަރިއެއްގެ ރޯލު އަދާ ކުރީ ޕާކިސްތާނު ގެ ޓީވީ ސިލްސިލާ ތަކުން ބެލުންތެރީންގެ ހިތް އަތުލައިފައިވާ ސަބާ ގަމަރް އެވެ. ރޭގެ ހަފްލާގައި އެންމެ މޮޅު ތަރީގެ މަގާމު ނުލިބުނަސް ސަބާ އަކީ ވަރަށް ހުނަރުވެރި ކުރިއަރަމުން އަންނަ މޮޅު ތަރިއެކެވެ. ހަމް ޓީވީ އިން ދުރަށް ދެއްކި ޑައިޖެސްޓް ރައިޓަރ އަކީ ސަބާގެ ފާހަގަކޮށްލެވޭ މޮޅު ޑްރާމާއެކެވެ. މިހާރު އުރުދޫ ޗެނަލް އިން ދައްކަމުންދާ ބާޢީ އަކީވެސް ސަބާ ގެ މޮޅު އެކްޓިން ފެނިގެންދާ ޑްރާމާ އެކެވެ.
ގިނަ ފަންނާނުންތަކެއް ބައިވެރިވި ފިލްމީ ހަފްލާ ހުށަހަޅައިދިނީ ޝާހް ރުކް ޚާން އާއި ކަރަން ޖޯހަރު އެވެ. މި ހަފްލާގައި އަކްޝޭ ކުމާރް އާއި ރަންވީރް ސިންހް އަދި ޕަރިނީތީ ޗޯޕްރާ ވަނީ މުނިފޫހި ފިލުވައިދިނުމުގެ ތަފާތު ހަރަކާތްތައް ހުށަހަޅާފައެވެ. އަދި މި ހަފްލާގައި ފަންނާނުންގެ އިތުރުން ދުނިޔޭގެ ރީތީގެ ރާނީ މަނޫޝީ ޗިއްލަރ ވެސް ބައިވެރި ވިއެވެ. މަނޫޝި އަކީ އިންޑިއާގެ ރައްޔިތެކެވެ.
ރޭގެ ހަފްލާގައި އެންމެ މޮޅު އަންހެން ތަރިއަކަށް ހޮވިަފައވަނީ ވިދްޔާ ބާލަން އެވެ. އޭނާ އަށް މި އިނާމު ލިބުނީ ތުމާރީ ސުލޫގައި އޭނާ ކުޅެފައިވާ ބަޔަށެވެ. އެންމެ މޮޅު ޑައިލޮގަކަށް ހޮވުނީ ޝުބް މަންގަލް ސާވްދާން ލިޔުނު ހިތޭޝް ކަންވާލް އެވެ. އެންމ މޮޅު ޑައިރެކްޓަރަކަށް ހޮވުނީ ބެރެއިލީ ކީ ބާރްފީ ގެ ޑައިރެކްޓަރު އަޝްވިނީ އަޔަރު އެވެ. ބައްޕީ ލެހެރީ އާއި މާލާ ސިންހާ އަށް ވަނީ ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ދީފައެވެ.