ދުނބުރި ހަސަން މަނިކު ގެ ކަށުނަމާދު މިއަދު ހުކުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގަ

ރޭ ގެ ވަގުތެއްގައި ނިޔާވި ރާއްޖޭގެ މަޝްހޫރު ވިޔަފާރި ވެރިޔާ މ. އެލްސިއޯން ހަސަން މަނިކު (ދުނބުރި ހަސަން މަނިކު) ގެ މައްޗަށް ކުރާ ކަށުނަމާދު މިއަދު ހުކުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި އޮންނާނެއެވެ.

އެލްސިއޯން ބޭކަރީގެ ބާނީ ހަސަން މަނިކު ނިޔާވީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށް ފަހު، ޢުމުރުން 80 އަހަރުގައެވެ. ނިޔާވީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށްނެވެ.

1960 ވަނަ އަހަރުގެ ފަހުކޮޅުގައި އެލްސިއޯން ބޭކަރީ އުފައްދަވާ އެ ވިޔަފާރި ފުޅާ ކުރައްވާފައިވާއިރު، އެ ޚިދުމަތް ފާހަގަ ކުރައްވާ ސަރުކާރުން، ހަސަން މަނިކަށް ވަނީ އިގްތިސާދީ ދާއިރާ އިން އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމް ދެއްވާފައެވެ. އެއީ  1981 ވަނަ އަހަރުއެވެ.

ހަސަން މަނިކުގެ އާލާސްކަންފުޅުގެ ސަބަބުން އެ ވިޔަފާރި މިހާރު ކުރިއަށް ގެންދަވަނީ އޭނާގެ ބޭފުޅުންނެވެ.

މަރްހޫމް ހަސަން މަނިކަކީ ގިނަ ރައްޔިތުންނަށް ތަފާތުއެކި ގޮތްގޮތުން އެހީތެރިކަން ވެސް ވެދެއްވާފައިވާ ބޭފުޅެކެވެ. އެގޮތުން ފަގީރުންނާއި ނިކަމެތީންނަށް އެހީވުމާއި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް މީހުން ގެންގޮސްގެން އެހީތެރިކަން ފޯރުކޮށްދެއްވާފައިވެއެވެ.

މާފަންނުގައި ހުންނަ ދުނބުރި މިސްކިތަކީ ވެސް އޭނާ ބިނާކޮށްދެއްވި މިސްކިތެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.