ދެ ރަށެއްގައި ހިންގި ބީއެމްއެލް ކޮމިއުނިޓީ ފަންޑު ޕްރޮޖެކްޓުތައް ނިންމާލައިފި

ދެ ރަށެއްގައި ހިންގި ބީއެމްއެލް ކޮމިއުނިޓީ ފަންޑު ޕްރޮޖެކްޓުތައް ނިންމާލައިފިއެވެ.

ބީއެމްއެލް އިން ބުނީ ބޭންކް އޮފް މޯލްޑިވްސް އިން ހިންގާ 'ބީއެމްއެލް ކޮމިއުނިޓީ ފަންޑު' ގެ ދަށުން ތ. ކިނބިދޫ އާއި ނ. ލަންދޫގައި ކުރިޔަށްދިޔަ ދެ ޕްރޮޖެކްޓް ކާމިޔާބު ކަމާއެކީ ނިންމާލާފައިވާ ކަމަށެވެ.

މި ޕްރޮޖެކްޓްގެ ދަށުން ތ. ކިނބިދޫގައި ޕިކްނިކް ސަރަހައްދެއް ތަރައްގީކޮށްފައިވާއިރު، ރަށުގެ ރައްޔިތުންނާއި ކިނބިދޫ ސްކޫލު ކުދިންނަށް ބޭނުން ކުރެވޭނެހެން މި ސަރަހައްދުގައި ވަނީ ހަޓް، ޖޯލި، ބެންޗު އަދި އައުޓްޑޯ ޝަވަރެއް ބަހައްޓާފައެވެ.

މި ޕްރޮޖެކްޓާ ގުޅޭގޮތުން އައިޝަތު ސަމާ ވިދާޅުވެފައިވަނީ އެރަށުގައި މޫދަށް އެރުމަށް ހާއްސަ ބީޗު ސަރަހައްދެއް ނެތުމުން ރަށުގެ ރައްޔިތުން ޕިކްނިކް ގޮސްއުޅުމާއި މުނިފޫހިފިލުވުމުގެ ހަރަކާތަތަކަށް އާންމު ގޮތެއްގައި ކައިރި ރަށްރަށަށް ދަތުރުކުރަން މަޖުބޫރުވާ ކަމށެވެ. ނަމަވެސް މި ސަރަހައްދު ތަރައްގީވުމާއެކު، މިއީ އެންމެނަށް ވެސް ބޭނުންކުރެވެނެ ތަނެއް ލިބުނީ ކަމަށެވެ.

ކޮމިއުނިޓީ ފަންޑުގެ އެހީގައި ނ. ލަންދޫގައި ވަނީ ބާބަކިއު ހެދުމަށް ޚާއްސަ ސަރަހައްދެއް ތަރައްގީކޮށްފައިވާއިރު، މި ސަރަހައްދުގައި ވަނީ ބެންޗު، އުނދޯލި، އަދި ހަޓު ބަހައްޓާފައެވެ. އަދި ބާބަކިއު ސަރަހައްދުގައި މިނީ ލައިބްރަރީ އަކާއެކު ކެންޓީނަކާއި ތަކެތި ރައްކާކުރުމަށް ސްޓޯރެއް ގާއިމްކޮށްފައިވެއެވެ.

ލަންދޫގެ ކޮމިއުނިޓީ ފަންޑު ޕްރޮޕޯސަލް ކާމިޔާބު ކުރި އަހުމަދު ރަޝީދު ވިދާޅުވީ މި ބާބަކިއު ސަރަހައްދު ހެދުމުގެ އެންމު ބޮޑު މަގުސަދަކީ ހިތްހަމަޖެހުމާއި އުފަލުގެ ތެރެއިން އެކުވެރި ބަދަހި އާއިލާތަކެއް އުފައްދާ އެއްބައިވަންތަ މުޖުތަމައުއެއް ބިނާކުރުން ކަމަށެވެ. އަދި މި ޕްރޮޖެކްޓް ހަގީގަތަކަށް ހެދުމަށް އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް ޚާއްސަ ޝުކުރެއް އަދާކުރައްވާ ކަމަށެވެ.

ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ. މިހާރު ބޭންކުން ދަނީ މިއަހަރުގެ ދެވަނަ ކުއާޓަރ އަށް ހުށަހެޅުނު ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތްކުރަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.