ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ވިލާ ކުންފުނީގެ ޗެއާމަން ގާސިމް އިބްރާހިމްގެ ރިސޯޓު ތަކަށް ކަސްޓަމްސް އާއި ފުލުހުންގެ ޓީމުތަކުން އަރައި އެ ރިސޯޓުތަކުން މުދާ ބާލަން ފެށުމާއެކު އިދިކޮޅު ފަރާތްތަކުން ޖުމްހޫރީ މައިދާނަށް މިރޭ އެއްވެ އެކަމާ ދެކޮޅަށް އަޑު އުފުލަން ފަށައިފިއެވެ.
ޖުމްހޫރީ މައިދާނަށް މިރޭ އިދިކޮޅު ފަރާތްތަކުން އެއްވުމާއެކު ފުލުހުން ވަނީ އެތަނުން މީހުން ދުރުކުރުމުގެ މަސައްކަތް މިހާރު ފަށާފައެވެ. އަދި އެއްވި މީހުންގެ ތެރެއިން ބަޔެއް މީހުން މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށްވެސް ގެންގޮސްފައެވެ. މިރޭ ޖުމްހޫރީ މައިދާނަށް އެއްވި މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ބަޔެއް މެމްބަރުންވެސް ހިމެނެއެވެ.
ގާސިމްގެ ރިސޯޓުތައް ކަސްޓަމްސް އާއި ފުލުހުންގެ ޓީމުތަކުން އަރައި ފާސްކޮށް ފަން އައިލެންޑުގައި ހުރި ރާތައް މިހާރު ވަނީ ބާލައި ދޯންޏަކަށް ބަރުކުރަން ފަށާފައެވެ.
ވިލާ ހޮޓެލްސްގެ އިސްވެރިޔަކު ވިދާޅުވީ ގާސިމްގެ ރިސޯޓު ތަކަށް ފުލުހުންނާއި ކަސްޓަމްސްގެ މުއައްޒަފުން އަރައި ފާސްކޮށް ރާފުޅިތައް މިވަގުތު ބޭރު ކުރަމުން ދަނީ ފަން އައިލެންޑް ރިސޯޓުން ކަމަށެވެ. ނަމަވެސް ފުލުހުން ހިފައިގެންދިޔަ ކޯޓު އަމުރުގައި އެ ރިސޯޓުން އެއްވެސް އެއްޗެއް ގެންދިޔުމުގެ އަމުރު ނެތުމުން ރިސޯޓުގެ މެނޭޖްމެންޓުން އެއްބާރުލުން ނުދޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފަން އައިލެންޑުގައި ހުރި ހުރިހާ ރަލެއް ބޭލުމުގެ މަސައްކަތް މިހާރު ކުރިޔަށްދާއިރު ގާސިމްގެ އެހެން ރިސޯޓުތައް ކަމަށްވާ ޕެރަޑައިސް އައިލެންޑް ރިސޯޓާއި ސަން އައިލެންޑް ރިސޯޓުގެ އިތުރުން ރޯޔަލް އައިލެންޑާއި ހޮލިޑޭ އައިލެންޑަށް ވެސް ފުލުހުންނާއި ކަސްޓަމްސްގެ ތަހުގީގު ޓީމުތައް ވަނީ އަރާފައެވެ.
މި ރިސޯޓުތަކަށް ކަސްޓަމްސް އާއި ފުލުހުންގެ ޓީމުތަކުން އަރައި ފާސް ކުރަމުން ދަނީ ރޯޔަލްއަށް ދޫކުރި ރަލާއި އޫރުމަސް ގާސިމްގެ އެހެން ރިސޯޓުތަކަށް ގެންގޮސްފައިވާ ކަމަށް ބުނެއެވެ. މި ރިސޯޓު ތަކުން ބުނީ އެ ތަންތަނުގައި ހުރި ހުރިހާ ރަލަކާއި އޫރުމަހެއް ގެންގޮސްފިނަމަ ރިސޯޓުތައް ހުއްޓުމަކަށް އަންނާނެ ކަމަށާއި ރިސޯޓުގައި ޓޫރިސްޓުން ގިނަ އަދަދަކަށް ތިއްބައި ތަހުގީގު ޓީމުތަކުން އެރުމުން އެކަމުގެ އަސަރު މުޅި ޓޫރިޒަމް އިންޑަސްޓްރީއަށްވެސް ކުރާނެ ކަމަށެވެ.
ގާސިމްގެ ރިސޯޓު ތައް ފާސްކޮށް ރަލާއި އޫރުމަސް ބޭރު ކުރަން އުޅޭތީ އެ ރިސޯޓުތަކުގެ މުއައްޒަފުން ދަނީ އެކަމާ ދެކޮޅަށް ރިސޯޓުގައި އިހުތިޖާޖުވެސް ކުރަމުންނެވެ.