ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ވިލާ ކުންފުނީގެ ޗެއާމަން ގާސިމް އިބްރާހިމްގެ ރިސޯޓު ތަކަށް ކަސްޓަމްސް އާއި ފުލުހުންގެ ޓީމުތަކުން އަރައި އެ ރިސޯޓުތަކުން މުދާ ބާލައި، ގާސިމަށް ދެމުންދާ ގެއްލުންތަކުން ސަރުކާރަށް ލިބިގެންދާނީ ގެއްލުން ކަމަށް މި ސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ގާސިމްގެ ރިސޯޓުތަކުން ބަނގުރަލާއި އޫރުމަސް ބޭލުމުގެ މަސައްކަތް ކުރަމުންދާތީ ޖޭޕީއަށް ދާދިފަހުން ގުޅިވަޑައިގެންނެވި އުމަރު ވިދާޅުވީ މީގެކުރީގެ ސަރުކާރު ތަކުންވެސް ގާސިމަށް ގެއްލުންދޭން އުޅެގެން އެ ސަރުކާރު ތަކަށްވެސް ލިބުނީ ގެއްލުން ކަމަށާއި މިހާރު ސަރުކާރުން ގާސިމަށް އަމާޒުކޮށް ހިންގަމުން އަންނަ ކަންކަމުންވެސް މި ސަރުކާރަށް ލިބޭނީ ގެއްލުން ކަމަށެވެ.
އުމަރު ވިދާޅުވީ ގާސިމްގެ ރިސޯޓުތަކަށް އަރައި ސަރުކާރުން މިހާރު ހިންގަމުން އަންނަ ކަންކަމުގެ ނަތީޖާއަކަށް ވެގެންދާނީ ރައްޔިތުންގެ ތާއީދު މި ސަރުކާރަށް އިތުރަށް ގެއްލުން ކަމަށާއި، އޭގެސަބަބުން އިންތިޚާބު ތަކުން ސަރުކާރު ބަލިވެގެންދާނެ ކަމަށްވެސް އުމަރު ވިދާޅުވިއެވެ.
ގާސިމްގެ ރިސޯޓުތައް ކަސްޓަމްސް އާއި ފުލުހުންގެ ޓީމުތަކުން އަރައި ފާސްކޮށް ފަން އައިލެންޑުގައި ހުރި ރާތައް މިހާރު ވަނީ ބާލައި ދޯންޏަކަށް ބަރުކުރަން ފަށާފައެވެ.
ވިލާ ހޮޓެލްސްގެ އިސްވެރިޔަކު ވިދާޅުވީ ގާސިމްގެ ރިސޯޓު ތަކަށް ފުލުހުންނާއި ކަސްޓަމްސްގެ މުއައްޒަފުން އަރައި ފާސްކޮށް ރާފުޅިތައް މިވަގުތު ބޭރު ކުރަމުން ދަނީ ފަން އައިލެންޑް ރިސޯޓުން ކަމަށެވެ. ނަމަވެސް ފުލުހުން ހިފައިގެންދިޔަ ކޯޓު އަމުރުގައި އެ ރިސޯޓުން އެއްވެސް އެއްޗެއް ގެންދިޔުމުގެ އަމުރު ނެތުމުން ރިސޯޓުގެ މެނޭޖްމެންޓުން އެއްބާރުލުން ނުދޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފަން އައިލެންޑުގައި ހުރި ހުރިހާ ރަލެއް ބޭލުމުގެ މަސައްކަތް މިހާރު ކުރިޔަށްދާއިރު ގާސިމްގެ އެހެން ރިސޯޓުތައް ކަމަށްވާ ޕެރަޑައިސް އައިލެންޑް ރިސޯޓާއި ސަން އައިލެންޑް ރިސޯޓުގެ އިތުރުން ރޯޔަލް އައިލެންޑާއި ހޮލިޑޭ އައިލެންޑަށް ވެސް ފުލުހުންނާއި ކަސްޓަމްސްގެ ތަހުގީގު ޓީމުތައް ވަނީ އަރާފައެވެ.
މި ރިސޯޓުތަކަށް ކަސްޓަމްސް އާއި ފުލުހުންގެ ޓީމުތަކުން އަރައި ފާސް ކުރަމުން ދަނީ ރޯޔަލްއަށް ދޫކުރި ރަލާއި އޫރުމަސް ގާސިމްގެ އެހެން ރިސޯޓުތަކަށް ގެންގޮސްފައިވާ ކަމަށް ބުނެއެވެ. މި ރިސޯޓު ތަކުން ބުނީ އެ ތަންތަނުގައި ހުރި ހުރިހާ ރަލަކާއި އޫރުމަހެއް ގެންގޮސްފިނަމަ ރިސޯޓުތައް ހުއްޓުމަކަށް އަންނާނެ ކަމަށާއި ރިސޯޓުގައި ޓޫރިސްޓުން ގިނަ އަދަދަކަށް ތިއްބައި ތަހުގީގު ޓީމުތަކުން އެރުމުން އެކަމުގެ އަސަރު މުޅި ޓޫރިޒަމް އިންޑަސްޓްރީއަށްވެސް ކުރާނެ ކަމަށެވެ.
ގާސިމްގެ ރިސޯޓު ތައް ފާސްކޮށް ރަލާއި އޫރުމަސް ބޭރު ކުރަން އުޅޭތީ އެ ރިސޯޓުތަކުގެ މުއައްޒަފުން ދަނީ އެކަމާ ދެކޮޅަށް ރިސޯޓުގައި އިހުތިޖާޖުވެސް ކުރަމުންނެވެ.