ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ވިލާ ކުންފުނީގެ ޗެއާމަން ގާސިމް އިބްރާހިމްގެ ރިސޯޓުތަކަށް ކަސްޓަމްސްގެ މުއައްޒަފުން އަރައި ބަޔެއް ރިސޯޓު ތަކުގައި ހުރި ރާފުޅިތައް ފޮށިގަނޑު ތަކަށް އަޅައިގެން އެރަށުން ބޭރުކުރަން ފަށައިފިއެވެ.
ވިލާ ހޮޓެލްސްގެ އިސްވެރިޔަކު ވިދާޅުވީ ގާސިމްގެ ރިސޯޓު ތަކަށް ފުލުހުންނާއި ކަސްޓަމްސްގެ މުއައްޒަފުން އަރައި ފާސްކޮށް ރާފުޅިތައް މިވަގުތު ބޭރު ކުރަމުން ދަނީ ފަން އައިލެންޑް ރިސޯޓުން ކަމަށެވެ. ނަމަވެސް ފުލުހުން ހިފައިގެންދިޔަ ކޯޓު އަމުރުގައި އެ ރިސޯޓުން އެއްވެސް އެއްޗެއް ގެންދިޔުމުގެ އަމުރު ނެތުމުން ރިސޯޓުގެ މެނޭޖްމެންޓުން އެއްބާރުލުން ނުދޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފަން އައިލެންޑުގައި ހުރި ހުރިހާ ރަލެއް ބޭލުމުގެ މަސައްކަތް މިހާރު ކުރިޔަށްދާއިރު ގާސިމްގެ އެހެން ރިސޯޓުތައް ކަމަށްވާ ޕެރަޑައިސް އައިލެންޑް ރިސޯޓާއި ސަން އައިލެންޑް ރިސޯޓުގެ އިތުރުން ރޯޔަލް އައިލެންޑާއި ހޮލިޑޭ އައިލެންޑަށް ވެސް ފުލުހުންނާއި ކަސްޓަމްސްގެ ތަހުގީގު ޓީމުތައް ވަނީ އަރާފައެވެ.
މި ރިސޯޓުތަކަށް ކަސްޓަމްސް އާއި ފުލުހުންގެ ޓީމުތަކުން އަރައި ފާސް ކުރަމުން ދަނީ ރޯޔަލްއަށް ދޫކުރި ރަލާއި އޫރުމަސް ގާސިމްގެ އެހެން ރިސޯޓުތަކަށް ގެންގޮސްފައިވާ ކަމަށް ބުނެއެވެ. މި ރިސޯޓު ތަކުން ބުނީ އެ ތަންތަނުގައި ހުރި ހުރިހާ ރަލަކާއި އޫރުމަހެއް ގެންގޮސްފިނަމަ ރިސޯޓުތައް ހުއްޓުމަކަށް އަންނާނެ ކަމަށާއި ރިސޯޓުގައި ޓޫރިސްޓުން ގިނަ އަދަދަކަށް ތިއްބައި ތަހުގީގު ޓީމުތަކުން އެރުމުން އެކަމުގެ އަސަރު މުޅި ޓޫރިޒަމް އިންޑަސްޓްރީއަށްވެސް ކުރާނެ ކަމަށެވެ.
ގާސިމްގެ ރިސޯޓު ތައް ފާސްކޮށް ރަލާއި އޫރުމަސް ބޭރު ކުރަން އުޅޭތީ އެ ރިސޯޓުތަކުގެ މުއައްޒަފުން ދަނީ އެކަމާ ދެކޮޅަށް ރިސޯޓުގައި އިހުތިޖާޖުވެސް ކުރަމުންނެވެ.