ތުއްތު އިރު ބައްޕައިން ފޮތް ކިޔައދިނުމުން ދަރީންގެ ބަހުގެ ހުނަރާއި ލިޔަންކިޔަން ދަތުމުގެ ގާބިލުކަން އިތުރުވޭ

އުމުރުން އެއް އަހަރާއި ތިން އަހަރާއި ދެމެދުގެ ކުދީންނަށް ބައްޕައިން ފޮތް ކިޔައިދިނުމުން ހަތަރު އަހަރަށް ދާއިރު އެކުދީންގެ ބަހުގެ ހުނަރާއި ލިޔަންކިޔަން ދަތުމުގެ ހުނަރު ރަނގަޅުވާ ކަމަށް އޮސްޓްރޭލިއާގެ މެލްބަންގައި ހެދި ދިރާސާ އަކުން ދައްކައިފިއެވެ. މި ދިރާސާގެ ހޯދުންތަކުން ދައްކާ ގޮތުގައި ތުއްތު ކުދީންގެ ވިސްނުމާއި ތޫނު ފިލިކަން ތަރައްގީ ކުރުމަށް ބައްޕައިންގެ ދައުރު ވަރަށް މުހިއްމެވެ.

މަރޑޮކް ޗިލްޑްރެންސް ރިސަރޗް ސެންޓަރުގެ އިސް މުސައްނިފް ޑރ. ޖޯން ކުއަޗް ހާމަކުރައްވައިފައވާ ގޮތުގަައި މި ދިރާސާ އަކީ ތުއްތު ކުދީންނަށް ބައްޕައިން ފޮތް ކިޔައިދިނުމުން އަންނަ ބަދަލުތައް ގިނަ ދުވަހަށް ދެމި އޮވޭތޯ ބެލުމަށް ކުރެވުނު ފުރަތަމަ ދިރާސާ އެވެ. މަންމައިން ދަރީންނަށް ފޮތް ކިޔައިދުނުމުގެ ފައިދާތައް ދެނެގަތުމަށް ވަރަށް ގިނަ ދިރާސާތައް ކުރެވިފައިވެއެވެ. ނަމަވެސް މި ދިރާސާއިން ހޯދުނު ގޮތުގައި ބައްޕައިން ދަރީންނަށް ފޮތް ކިޔައި ދިނުމުން ކުރާ ފައިދާ މާ ބޮޑެވެ.

ޑރ. ކުައަޗް ވިދާޅުވާ ގޮތުގަައި މުއާމަލާތް ކުރުމަކީ ދުވަހީ ދިރިއުޅުމުގެ އެންމެ މުހިއްމު އެއް އަސާސެވެ. މުއާމަލާތް ކުރުމުގެ ހުނަރު ވީހާވެސް ތުއްތު އުމުރުގައި ތަރައްގީ ކުރުމުން އެކުދީންނަށް މީހުން ދައްކާ ވާހަކަ ދޭހަވެ އަމިއްލަ އިހުސާސްތައް ފާޅުކުރާން އެނގޭނެއެވެ.

ބައްޕައިންނަށް އަމާޒުކޮށްގެން ކުރި މި ދިރާސާ ގައި ބައިވެރިކޮށްފައިވަނީ މަންމައާއި ބައްޕައާ އެކު އުޅޭ 2 އަހަރުގެ ކުދީންގެ 405 އާއިލާ އެވެ. މި އާއިލާ ތަކުގެ ތެރެއިން 65 އިން ސައްތަ އާއިލާ ތަކުގައި މަންމަ އާއި ބައްޕަ ދަރީންނަށް ފޮތް ކިޔައިދޭ ކަމަށް ބުނެފައިވެއެވެ.

އުމުރުން ހަތަރު އަހަރުގައި މި އާއިލާ ތަކުގެ ކުދީންގެ ބަހުގެ ހުނަރާއި ލިޔަންކިޔަން ދަތުމުގެ ހުނަރު އިމްތިހާނު ކުރެވުނެވެ. މި ކުދީންގެ ތެރެއިން އުމުރުން ދެ އަހަރުގައި ބައްޕައިން ފޮތް ކިޔައިދިން ކުދީންގެ ބަހުގެ ހުނަރު އެހެން ކުދީންނަށްވުރެ ވަރަށް ރަނގަޅު ކަން ފަހަގަކުރެވުނެވެ. ބަހުގެ ހުނަރު ރަނަޅުކަމަށް ފާހަގަ ކުރެވުނު ނަމަވެސް ފޮތް ހިފަހައްޓާނެ ގޮތާއި ލަފުޒުތަކުގެ އަޑު އަޑު ފާހަގަ ކުރުމުގެ ހުނަރު ރަނގަޅަށް ތަރައްގީ ނުވެއެވެ. އޭގެ ސަބަބެއް ކަމަށް ދިރާސާވެރީން ހާމަކޮށްފައިވާ ގޮތުގައި ބައްޕައިން ފޮތް ކިޔައިދޭ އިރު ވާހަކައިގެ ތަފްސީލު ދަރީންނަށް ކިޔައެއް ނުދެއެވެ. އެމީހުން ކުރާ ކަމަކީ ދަރީންނާ ވަހަކަ ދެއްކުމެވެ. ވާހަކައާ މެދު އިތުރަށް މަޝްވަރާ ކުރާން ނުވަަތަ ޚިޔާލު ފާޅު ކުރާން ދަރީންގެ އިޚްތިޔާރަށް ދޫކޮށްލަނީ އެވެ.

މި ދިރާސާގެ ހޯދުންތައް ޝާއިއުކޮށްފައިވަނީ އެކަޑެމިކް ޖާނަލް އޮފް ޕީޑިއެޓްރިކްސް ގައެވެ.

މި ދިރާސާ ކުރިޔަށް ގެންދެވި ދިރާސާވެރީންގެ ތެރެއިން ބައެއް ދިރާސާ ވެރީން ހާމާކުރައްވައިފައިވާ ގޮތުގައި ތުއްތު އިރު ފޮތް ކިޔައި ދިނުމުން ހަގީގީ ދިރިއުޅުމުގައި ފެންނަ ތަކެއްޗާއި ފޮތްފޮތުން ފެންނަ ތަކެތި އަޅައިކިޔައި ފޮތްފޮތުގައި ހުންނަ ހާދިސާ ތަކާއި ދުވަހީ ދިރިއުޅުމުގައި ދިމާވާ ހާދިސާތަކާ އަޅައި ކިޔައި އެކަންކަމާ މެދު ކުދީން ފިކުރު ހިންގާނެއެވެ.

ފޮތް ކިޔުމުގެ އާދަ ހަރުލެއްވުމަށްޓަކައި ފޮތް ކިޔައިދޭން ފުރަތަމަ ފަށާ އުމުރު ކުއްޖާ ފޮތް ކިޔުން މަތީން ފޫހިނުވާނެ ފަދަ ގޮތަކަށް އަމަލު ކުރާންވާނެއެވެ. އެގޮތުން ކުރެދާނެ ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ. ދަރިފުޅާއި ބައްޕައަށް ފޮތް ފެންނަ ގޮތަށް އަދި ފޮތުގައި އަތްލެވޭ ގޮތަށް ހަމަޖެހިލައިގެން އިށީންނާށެވެ. އަދި ދަރިފުޅާއި ސުވާލުކޮށް ފޮތުން ފެންނަ ތަކެއްޗަށް އިޝާރާތްކޮށް ހަގީގީ ދިރިއުޅުމުން ފެންނަ ތަކެއްޗާ ގުޅުވާން އެހީތެރިވެދޭށެވެ. އަދި ކިޔާނެ ފޮތް ޚިޔާރުކުރާން ދަރިފުޅަށް ދޫކޮށްލާށެވެ. ފޮތް ކިޔުމުގެ ތެރެއިން ލަވައާއި ނާސަރީ ރައިމްސް ކިޔައިދޭށެވެ. އަމިއްލައަށް ތައްޔާރުވީމާ ކިޔާން ފަށާށެވެ. ދަރިފުޅު ވީހައިވެސް ގަޔާއި ކައިރިކޮށް ދަރިފުޅުގައިގައި ހިފަހައްޓައިގެން އިނދެ ފޮތް ކިޔައިދޭށެވެ. މަންމަ ނުވަތަ ބައްޕަގެ އުނގުގައި އިނދެ މަންމަ ނުވަތަ ބައްޕަގެ އަޑުއަހާން ތުއްތު ކުދީން ވަރަށް ލޯބިކުރެއެވެ.  

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.