އިނގިރޭސިވިލާތުގައި އާ ބޮޑުވަޒީރަކު އައްޔަންކުރާނީ ސެޕްޓެންބަރު 5 ގައި

އިނގިރޭސިވިލާތުގައި އިސްތިއުފާދެއްވާފައިވާ ބޮޑުވަޒީރު ބޮރިސް ޖޮންސަންގެ ބަދަލުގައި އާ ބޮޑުވަޒީރަކު އައްޔަންކުރާނީ އަންނަ ސެޕްޓެންބަރު މަހުގެ 5 ވަނަ ދުވަހު ކަމުގައި ވެރިކަންކުރާ ކޮންޒާވެޓިވް ޕާޓީން ބުނެފިއެވެ. މިހާތަނަށް 11 ބޭފުކަޅު ވަނީ ބޮޑުވަޒީރުކަމަށް ކުރިމަތިލައްވާނެކަން އިއުލާންކުރައްވާފައެވެ.

ބޮޑުވަޒީރުކަމުގެ މަގާމަށް ވާދަވެރިކަން ބޮޑުވެގެން ދިޔައީ އުމުރުފުޅުން 58 އަހަރުފުޅުގެ ޖޮންސަން ފާއިތުވި ހަފުތާގައި އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. އެއީ، އޭނާ ވެރިކަންކުރައްވާ ގޮތާމެދު ހިތްޕުޅު ހަމަނުޖެހިގެން ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި 50 ބޭފުޅަކު އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.

ކޮންޒާވެޓިވް ޕާޓީގެ މިނިސްޓަރުން ހިމެނިވަޑައިނުގަންނަވާ 1922 ކޮމިޓީން ހޯމަ ދުވަހު ބޭއްވި ބައްދަލުވުމުގައި ވަނީ ޕާޓީގެ ލީޑަރަކު ހޮވުމަށް ބާއްވާ އިންތިޚާބުގެ ތާވަލެއް އެކަށައަޅާފައެވެ.

1922 ކޮމިޓީގެ މުގައްރިރު ގްރެހެމް ބްރެޑީ ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ވިދާޅުވި ގޮތުގައި ލީޑަރުކަމަށް ވާދަކުރަން ނަން ހުށަހެޅުމުގެ ފުރުސަތު އަންގާރަ ދުވަހު (މިއަދު) ހުޅުވާލައި، މިއަދު ބަންދުކުރާނެއެވެ. އަދި ހޫނު މޫސުމުގެ ޗުއްޓީއަށް ފަހު ގާނޫނުހަދާ މަޖިލީހު (ހައުސް އޮފް ކޮމަންސް) ގެ ބައްދަލުވުން ސެޕްޓެންބަރު މަހު 5 ގައި ފެށުމާއެކު އާ ބޮޑުވަޒީރަކު އައްޔަންކުރާނެއެވެ.

ގާނޫނުހަދާ މަޖިލީހުގައި ތިއްބާވާ ކޮންޒާވެޓިވް ޕާޓީގެ މެންބަރު ސިލްސިލާ ވޯޓުތަކެއް ލައްވައިގެން، ކޮންމެ ފަހަރަކު އެންމެ މަދުން ވޯޓުލިބިވަޑައިގަންނަވާ ބޭފުޅަކު ބާކީކުރައްވަމުން ގޮސް، ގާނޫނުހަދާ މަޖިލީހުގެ ޖަލްސާތައް ފެށެން ވާއިރަށް، ބޮޑުވަޒީރުކަމަށް ވާދަކުރައްވާ ބޭފުޅުން ދެ ބޭފުޅުންނަށް މަދުކުރައްވާނެއެވެ.

1922 ކޮމިޓީގެ ޖޮއިންޓް އެގްޒެކަޓިވެ ސެކްރެޓަރީ ވިދާޅުވި ގޮތުގައި، އެބޭފުޅުން ގަސްތުކުރައްވަނީ ޖުލައި 21 ގައި ގާނޫނުހަދާ މަޖިލިސް ޗުއްޓީއަށް ދިއުމުގެ ކުރިން ސިލްސިލާ ވޯޓު ނިންމާށެވެ.

ބްރެޑީ ހާމަކުރެއްވި ގޮތުގައި ފުރަތަމަ ވޯޓު ބަދަ ދުވަހު އަދި ދެވަނަ ވޯޓު ބުރާސްފަތި ދުވަހު ބޭއްވުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ.

ބޮޑުވަޒީރުކަމަށް ވާދަކުރައްވާ ބޭފުޅުންގެ އެންމެ އިސް ސަފުގައި ތިއްބެވީ ބޮޑުވަޒީރު ޖޮންސަންގެ ސަރުކާރުން ފުރަތަމަ އިސްތިއުފާދެއްވި ދެ މިނިސްޓަރުން ކަމުގައިވަ، ފިނޭންސް މިނިސްޓަރު ރިޝީ ސުނާކްއާއި ހެލްތު މިނިސްޓަރު ސާޖިދު ޖާވީދުއެވެ.

ފޮރިން މިނިސްޓަރު ލިޒް ޓްރަސްއާއި މިހާރުގެ ފިނޭންސް މިނިސްޓަރު ނަދީމް ޒަހާވީވެސް ވާދަކުރައްވައެވެ.

ބޮޑުވަޒީރުކަމަށް ކުރިމަތިލައްވާ އެހެން ބޭފުޅުންނަކީ ޓްރޭޑް ޕޮލިސީ މިނިސްޓަރު ޕެނީ މޯޑޯންޓް، ކުރީގެ ފޮރިން މިނިސްޓަރު ޖެރެމީ ހަންޓް، ފޮރިން އެފެއާޒް ކޮމިޓީގެ މުގައްރިރު ޓޮމް ޓަގެންޑާޓް، ޓްރާންސްޕޯޓް މިނިސްޓަރު ގްރާންޓް ޝެޕްސް، އެޓާނީ ޖެނެރަލް ސުއުލާ ބްރޭވަމަން، ކުރީގެ ވިމެން އެންޑް އީކުއަލިޓީސް މިނިސްޓަރު ކެމީ ބަންޑެނޯކް އަދި ގާނުނުހަދާ މަޖިލީހުގެ މެންބަރު ރަހްމާން ކުރިސްޓީއެވެ.

މި 11 ބޭފުޅުންގެ އިތުރަށް ހޯމް މިނިސްޓަރު ޕްރީތީ ޕަޓޭލް ވެސް ގެންދަވަނީ ކުރިމަތިލެއްވުމަށް ވިސްނަވަމުން ކަމަށް ޚަބަރުލިބެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.