ޕޭރެންޓް ކާޑު ނެތި ބެލެނިވެރިންނަށް ސްކޫލަށް ދެން ނުވަދެވޭނެ، ގްރޭޑް 10 ގެ ކުދިންވެސް އެކަނި ގެޔަށް ނުފޮނުވާނެ

މާލޭގެ ދެ ސްކޫލެއްގެ ދެ ދަރިވަރުންނަށް ވަޅިޔާއި ކަތުރުން ހަމަލާދީ ޒަޚަމް ކޮށްލުމާއެކު އުފެދިފައިވާ ނުތަނަވަސްކަން ފިލުވައި ދަރިވަރުންގެ ރައްކާތެރިކަން އިތުރަށް ވަރުގަދަ ކުރުމަށްޓަކައި އަންނަ އާދީއްތަ ދުވަހުން ފެށިގެން ވަކިގޮތަކަށް ސްކޫލް ތަކުން އަމަލު ކޮށްދިނުމަށް އެޑިޔުކޭޝަން މިނިސްޓްރީން ސްކޫލް ތަކަށް އަންގައިފިއެވެ.

މާލެ ސިޓީގެ ހުރިހާ ސްކޫލެއްގެ ޕްރިންސިޕަލުންނާއެކު އެޑިޔުކޭޝަން މިނިސްޓަރު އިއްޔެ ބޭއްވި ދޮޅުގަޑިއެއްހާއިރުގެ ފޯނު ކޮންފަރެންސަކަށް ފަހު އެޑިޔުކޭޝަން މިނިސްޓްރީން މިހާރު މާލެ ސިޓީގެ ހުރިހާ ސްކޫލްތަކަށް އަންގާފައި ވަނީ އަންނަ ހަފްތާގެ އާދީއްތަ ދުވަހުން ފެށިގެން ޚާއްސަ ސަމާލުކަމެއް ދީގެން ދެކަމެއް ކުރުމަށެވެ.

ހުޅުމާލޭގައި ހުންނަ 1800 އަށްވުރެ ދަރިވަރުން މިއަހަރު ކިޔަވަންދާ ރެހެންދި ސްކޫލްގެ ޕްރިންސިޕަލް ނާޒިމް އަބްދުﷲ ރޭ އެ ސްކޫލްގެ ބެލެނިވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ވިދާޅުވީ އަންނަ ހަފްތާގެ އާދީއްތަ ދުވަހުން ސްކޫލްގެ އެއްވެސް ދަރިވަރަކު ސްކޫލް ގަޑި ނިމުމުން ގެޔަށް ދިޔުމަށް އެކަނި ސްކޫލުން ދޫނުކުރައްވާނެ ކަމަށެވެ. އެއީ އެލްކޭޖީ ކުދިންނާ ހަމައިން ފެށިގެން ގްރޭޑް 10 ދަރިވަރުންނާ ހަމައަށްވެސް އެކަން އޮތްގޮތް ކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ.

"ބަޔެއް ބެލެނިވެރިން އެބަބުނޭ ތިމަންނަގެ ދަރިފުޅު އެކަނި ގެޔަށްދާން ދޫކޮށްލަދޭށޭ، ގެ ވަރަށް ކައިރީގައޭ ހުންނަނީ، ނަމަވެސް އެކަން އެގޮތަށް ކޮށްދެވޭކަށް ނެތް މިހާރު، ވަރަށް އިޙްތިރާމާއެކު އަޅުގަނޑު މިދަންނަވަނީ ގްރޭޑް 10 ގެ ދަރިވަރެއް ކަމަށްވިޔަސް އާދީއްތަ ދުވަހުން ފެށިގެން ދަރިވަރަށް ސްކޫލް ގޯތިތެރެއިން ނުކުމެވޭނީ ބެލެނިވެރިޔާއާއެކު" ރެހެންދި ސްކޫލްގެ ޕްރިންސިޕަލް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ގިނަ އަދަދެއްގެ ޕްރިންސިޕަލުންނާއެކު މިނިސްޓަރު ބޭއްވި ފޯން ކޮންފަރެންސަށް ފަހު ހުރިހާ ސްކޫލް ތަކަށް މިނިސްޓްރީން އަންގާފައިވާ ދެވަނަ ކަމަކީ ސްކޫލް ތަކުން ބެލެނިވެރިންނަށް މިދިޔަ އަހަރުން ފެށިގެން ދޫކުރަން ފެށި ދަރިވަރުންގެ ފޮޓޯ ޖެހި "ޕޭރެންޓް ކާޑު" ހިފައިގެން ދަރިވަރު ބަލައި ބެލެނިވެރިން އަންނަން މަޖުބޫރުވާ ގޮތަށް ހެދުން ކަމަށެވެ. އެހެންކަމުން ކާޑު ގެއްލިފައިވާ ބެލެނިވެރިންނަށްވެސް މި ހަފްތާގެ ބަންދަށް ފަހު އާދީއްތަ ދުވަހަށް ކާޑު އަލުން ހަދައިދެވޭނެ އިންތިޒާމް ހަމަޖައްސަވައި ދެއްވާނެ ކަމަށް ވިދާޅުވިއެވެ. މިދިޔަ އަހަރުވެސް މާލޭގެ ހުރިހާ ސްކޫލްތަކެއްގައި ޕޭރެންޓް ކާޑު ހެއްދުވިއެވެ. ނަމަވެސް އެ ކާޑު ނުލައި ދިޔަސް ދަރިވަރުން ބެލެނިވެރިންނާ ދިޔައީ ހަވާލު ކުރަމުންނެވެ.

"އަންނަ ހަފްތާގެ އާދީއްތަ ދުވަހުން ފެށިގެން ސްކޫލްގެ ޕޭރެންޓް ކާޑު ދެއްކުމުން ނޫނީ އެއްވެސް ބެލެނިވެރިޔަކަށް އެގަޑީގައި ސްކޫލް ގޯތިތެރެއަށްވެސް ނުވަދެވޭނެ، ސްކޫލުން ދޫކުރާ ޕޭރެންޓް ކާޑު އޮތް ބެލެނިވެރިންނަށް އެކަނި އެގަޑީގައި ސްކޫލް ގޯތިތެރެއަށްވެސް ވަދެވޭނީ، މިއީ ސްކޫލުގެ ނިންމުމެއްނޫން، މިއީ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ނިންމި ނިންމުމެއް" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ދަރިވަރުން ބަލައި ބެލެނިވެރިން އަންނަ ގަޑިތައް ނޫން އެހެން ގަޑިތަކުގައި ތަފާތު ބޭނުންތަކުގައި ސްކޫލްއަށް އަންނަ ބެލެނިވެރިންވެސް ސްކޫލް ގޯތިތެރެއަށް މީގެފަހުން ވައްދާނީ ސްކޫލަށް ވަންނަ މައި ދޮރާއްޓާހަމައިން ބަލަންޖެހޭ ބެލުންތަކެއް ބަލައި ނަން ނޯޓު ކުރުމަށް ފަހު ކަމަށެވެ.

އެޑިޔުކޭޝަނުން މިގޮތަށް ސްކޫލް ތަކަށް އެންގީ ތާޖުއްދީން ސްކޫލްގެ ދަރިވަރަކަށް ސްކޫލް ގޯތިތެރެއަށް ވަދެ ތޫނު އެއްޗަކުން ހަމަލާދިނުމާއި، ދަރުމަވަންތަ ސްކޫލްގެ ދަރިވަރަކު އެކަނި ހިނގާފައި ގެޔަށް ދަނިކޮށް ގްރޫޕަކުން ގޮސް ވަޅި ޖެހުމުންނެވެ. ތާޖޫއްދީން ސްކޫލް ކުއްޖާއަށް ހަމަލާދިނީ ބެލެނިވެރިން ދަރިވަރުން ބަލައިދިޔަ ގަޑީގައި ވަދެއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.