އިއްޔެ (9 ޖުލައި 2022) އަކީ ، ޝްރީލަންކާގެ ތާރީޚުގައި ސިޔާސީގޮތުން ހިނގި އެންމެ އާދަޔާޚިލާފު އެއްޙާދިސާ ހިނގި ދުވަހެވެ. މިޙާދިސާ މިހިނގީ އެތައް ދުވަހަކުއްސުރެ ޤައުމުގައި އުފެދި އިތުރުވަމުންދިޔަ މައްސަލަތަކެއްގެ ނަތީޖާއިންނެވެ. އެތައް އަހަރެއްވަންދެން ޗައިނާއާއި ޖަޕާނާ އަދި އައި އެމް އެފާއި އެނޫންވެސް ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ބިލިއަނުން ބިލިއަނުން ދަރަނިނަގަމުން އައިސް ސަލާމަތްނުވާވަރަށް ދަރަނި ގިނަވުމެވެ. އިންތިހާއަށް އިންފްލޭޝަން އިތުރުވުމެވެ. ބޭރުފައިސާ ހުސްވުމާ އަދި ، އިޤްތިޞާދީ މުހިންމު ޞިނާޢަތްތައް ބަނގުރޫޓުވުމެވެ. ސަރުކާރު ހިންގުން ނިކަމެތިވުމާ އަދި ޤައުމަށް ލިބޭ ބޭރުފައިސާ ، ނަޒާޙަތްތެރިކަން ގެއްލިފައިވާ ސިޔާސީ މީހުންގެ އަތްމައްޗަށް އަރައި " ގެއްލި " ދިއުމެވެ. ސިޔާސީ ކޯޅުން އިތުރުވެ ، އިޖްތިމާޢީ ޢަދާލަތު ނެތި ދިއުމަކީ ޝްރީލަންކާގެ މިއަދުގެ ޙާލަތުގެ ޙަޤީޤީ ސަބަބު ތަކެވެ.
ސަރުކާރުގެ އިސްވެރިންނާ ދެކޮޅަށް އިއްޔެ (9 ޖުލައި 2022) ގައި ލަންކާގެ ހުރިހާ ސަރަޙައްދުތަކުން މީހުން އެއްވެ ލަންކާގެ ތާރީޚުގައި ނުހިނގާފަދަ ބޮޑު މުޒާހަރާއެއް ބޭއްވިއެވެ. މިއީ އެއްދުވަސްވަރެއްގައި ، ލަންކާއާ ވަކިވެގަތުމަށް މަސައްކަތްކުރި ، ލިބަރޭޝަން އޮފް ޓަމިލް ޓައިގާރސް – އީލާމް (އެލްޓީޓީއީ) ޖަމާޢަތުގެ ބަހަވީ ރަމްޒެއްގެ ގޮތުގައި ބޭނުންކުރަމުންއައި "ގޮތްނޭނގޭ ރާޅުތައް" މަތިން ހަނދާން އާވާނެ ކަމެކެވެ. އަދި އޭގެ އިންޒާރެއްގެ ގޮތުގައި ކުރިމަތިވި 2004 ގެ ސުނާމީގެ ޤުދްރަތީ ކާރިސާއާ ގުޅުވައި ، "ގޮތް ނޭނގޭ ރާޅުތައް" އެއީ ތަމަޅަ ޓެރަރިސްޓުން ސަރުކާރާ ދެކޮޅަށްދޭނެ އެންމެފަހުގެ ޙަމަލާކަމަށް ބެލިއެވެ. މިދުވަސްވަރަކީ ، "ރައްޔިތުންގެ ބާރު" މެދުވެރިކޮށް ، ސަރުކާރު ވައްޓައިލުމަށްޓަކައި ހަތިޔާރުއެޅި ސިފައިން މަސައްކަތްކުރަމުންގެންދާ ދުވަސްވަރެކެވެ. އިއްޔެގެ މުޒާހަރާގައި ބައިވެރިވި މީހުންވަނީ ، ރައީސްގެ ރަސްމީ ގަނޑުވަރު ، ޓެމްޕަލް ޓްރީއަށް ވަދެގަނެ އެތަން ޙިޞޯރުކޮށްފައެވެ. އަދި ސަރުކާރުގެ އިދާރީ މަރުކަޒަށްވެސް މުޒާހަރާގެ ބައިވެރިންވަނީ ވަދެގެންފައެވެ. މީގެ އިތުރަށް ، ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ އަމިއްލަ ގެކޮޅަށްވަދެ އެތާނގައި ހުޅުޖަހާފައި ވެއެވެ.
ބޮޑުވަޒީރުގެ އަމިއްލަ ގެކޮޅުގައި މުޒާހާރާގެ ބައިވެރިން ހުޅުޖަހަމުންގެންދިޔައިރުވެސް ، އަދި ސަރުކާރުގެ އެހެންތަންތަނަށް ގެއްލުން ދެމުންގެންދިޔައިރުވެސް ، ސަލާމަތީ ބާރުތަކުންތިބީ ވަށްކަޅިން ބަލަހައްޓައިގެންނެވެ. އެމީހުން ހަތިޔާރުގެ ބޭނުންހިފައި މުޒާހަރާގެ ބައިވެރިންނާ ދިމާއަށް ބަޑިޖަހާކަށް ނޫޅެއެވެ. ބައެއް އޮފިސަރުން ފާޅުގައި އެކަމަށް ހިތްވަރުދީފައިވާތަން ފެނެއެވެ.
ބޮޑުވަޒީރު އުޅުއްވީ ، ވީތަނެއްނޭނގޭ ތަނެއްގައެވެ. އިއްޔެ ހަތަރުދަމުވެސް ބޮޑުވަޒީރު އުޅުއްވާތަނެއް އެއްވެސް މީހަކަށް ނޭނގެއެވެ. ރަސްމީގޮތުން އިސްތިޢުފާއެއް ނުދެއްވައެވެ. އެހެންކަމުން ، ހަތަރު އުދަރެސް ފެނުޖެހިފައިވާ ބޮޑުވަޒީރުގެ ރަސްމީ ވާޖިބުތަކެއް ވެއެވެ. ޤާނޫނީ ކާރިސާއަކުން ލަންކާ ސަލާމަތްކުރުމަށްޓަކައި ޕާޓީތަކުގެ ޒަޢީމުން މަގެއްހޯދައިގެން އައެވެ. އެހެނަސް ، ރޭވެ އަލިވިލުނުއިރު ، ހީވެސްނުކުރާފަދަ ގޮތްނޭނގޭ އަދި އިންޒާރުގެ ހަމަހިމޭންކަމެއް އޮތީ ފެތުރިފައެވެ.
އަންނަ ހަފުތާގެ ތެރޭގައި ، ލަންކާގެ ރައީސް އިސްތިޢުފާ ދެއްވާނެކަމަށް މަޖިލީހުގެ ރައީސްގެ ބަޔާނެއް ޢާންމުވުމާއެކު ކޮންމެވެސް މިންވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. އެކަމަކު އެއްވެސްމީހަކަށް އެކަމަށް ޖަދަލެއް ނުކުރެވޭނެއެވެ. ހިފާފައިވާ އަމާޒު ބަދަލުވެގެން ދިއުމަކީ އެކަށީގެންވާ ކަމަކަށްވާތީއެވެ. އެއަށްފަހު ހިނގައިދިޔަ ކަންކަމަކީ ، ސަރުކާރު ނޭވާހޮޅިޔަށް އެޅިފައިވާކަން އަންގައިދިން ނިޝާނެކެވެ. އޮފީހުގައި ހަފުތާއެއްވެސް ނުވާ މިނިސްޓަރަކު ، ބޮޑުވަޒީރުގެ މޫނުމަތީ ތަފާލެއް އަޅައި އިސްތިޢުފާއަށް ގޮވައިލުމަކީ ، ސިޔާސީ އެތައް ފިލާވަޅެއް ލަންކާއަށް ގެނެސްދިން ކަމެކެވެ. ނުހިނގާ ބާރެއް ލިބިއޮތް ، ނިކަމެތި ސަރުކާރެއްގެ ނުކުޅެދުންތެރިކަން ސާފުކޮށް އެނގިގެންދާ ޙަޤީޤަތެކެވެ.
ސަރުކާރުގެ އެތެރޭގައި ތަޅާފޮޅުން ހިނގަމުންދިޔައިރު ، އިދިކޮޅުން ކުޅިބަލާކަށް ނުތިބެއެވެ. ދުނިޖަހާން ލިބޭނެ އެންމެ ރަނގަޅު ވަގުތަކަށް އެމީހުންތިބީ ފިސާރި ރަނގަޅަށް އަމާޒު ހިފައިގެންނެވެ. އިއްޔެ ހިނގައިދިޔަފަދަ ، ޙިމާޔަތް ލިބިގެންވާ ސިޔާސީ ކުރިމަތިލުމަކަށް އެބައިމީހުން ދިޔައީ ތައްޔާރު ވަމުންނެވެ.
ސަރުކާރުތެރޭގައި އޮތް ފަސާދައިގެ މަސްހުނި ޙާލަތާގުޅިގެން ، ފުނޑުފުނޑުވެފައި އޮތް އިޤްތިޞާދާމެދު ، ހަމައެކަނި ޢާންމު ފަރުދުން ދެކޭގޮތުން ސަރުކާރު ބަދަލުކުރެވިދާނެކަމަކަށް އެބައިމީހުންގެ ވިސްނުމެއްގައެއް ނެތެވެ. ނަހަމަ މުއްސަނދިކަމުން ދިރިއުޅުން އާބާދުކޮށްފައިވާ މުއްސަނދިން ބާކީކޮށް ، އަދި ސިޔާސީގޮތުން ޙާލަތު ބަދަލުކުރުމެވެ. ސަރުކާރު ހިންގުމުގައި ޝާމިލްވާ ނުކުޅެދުންތެރި އޮފިޝަލުންނަށް ، ސިޔާސީ މަޝްރަޙުގައި ކުރެހެމުންދާ މަންޒަރެއް ނުފެނެއެވެ. އެއަށްވުރެބޮޑަށް އެމީހުން ތިބީ ފަހަތުފަޔަށް ބުރަވެފައެވެ. ޤާނޫނީގޮތުން ގެންނަންޖެހޭ އިޞްލާޙަށް އެމީހުންތިބީ ފައިން އަރައިގެންނެވެ. އިންތިޚާބަކާނުލައި ރައީސް ޢައްޔަންކުރެވޭގޮތަށް އޮންނަ އޮތުން ބަދަލުކުރުމަށް އެތައްޒަމާނަކުއްސުރެ ގޮވައިލެވެމުންދިޔަ ގޮވާލުންތަކަށް ބީރުކަންފަތެއް ދީގެންނެވެ. އަދި ޤައުމު މިހާރުއޮތް ނިކަމެތި ޙާލުގައި ، އިޤްތިޞާދު ފުނޑުފުނޑުވެގެންދިއުކުގައި އިހުމާލުވެ ޒިންމާވާ ފަރާތްތައް ޤާނޫނުގެ ކުރިމައްޗަށް ގެނައުމަށް ފަސްޖެހިފައެވެ. ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ޖަވާބުދާރީކުރުވާ ކޮމިޓީތައް އެނބުރެމުންދިޔައީ ، ތެލާއި ގޭސް ގަންނަން ޢިއުލާންކުރާ ޓެންޑަރަށާއި ޤައުމީ އެއަރލައިނަށް ވަމުންދާ ގެއްލުން ބެލުމުގައެވެ. މިކަންކަމާގުޅިގެން ސަރުކާރު ހިންގުމުގެ ނުކުޅެދުންތެރިކަމާއި ފަސާދައިގެ ޢަމަލުތައް ރައްޔިތުންނަށް ހާމަވުންނޫން އެހެންކަމެއް ނުވިއެވެ.
މިހުރިހާކަމަކަށް ބަލާއިރު ، އެއްވެސްމީހަކަށް ވާއެއްނުވާއެއް ނޭނގެއެވެ. މިހާރުއޮތް ރައްޔިތުންގެ މަޖިލިސް އޮތީ ކުރެހިފައިވާ ހުއްޓުމެއްގެ ތެރޭގައި ގަނޑުވެފައެވެ. އަދި މަޖިލީހުގެ މުސްތަޤްބަލް އޮތީ ގޮތްނޭނގޭ ކަނު އަނދިރިކަމެއްގެ ތެރޭގައެވެ.
އިއްޔެގެ ބޮޑު މުޒާހަރާއަކީ ، ޤައުމު ވެއްޓިފައިވާ އިޤްތިޞާދީ އަނދަވަޅުން އަރައިގަނެ ސިޔާސީ މަޝްރަޙު އަމާންކޮށްދޭނެ ޙަރަކާތެއްނޫނެވެ. އެކަން އެންމެންނަށްވެސް އެނގެއެވެ. ރައްޔިތުންގެ ލޭދަނީ ހޫނުވެ އުތުރި އަރަމުންނެވެ. ހިތުގައި އަޅާވޭންދަނީ އިތުރުވަމުންނެވެ. ހައިހޫނުކަންދަނީ ބޮޑުވަމުންނެވެ. ބަނޑުފުރާނަ މުއްތިކުރުމަށް ކުރެވޭ އުއްމީދުދަނީ ފެނަށް ވެގެންނެވެ. އަޞްލަކީ އިޤްތިޞާދަށްވަނީ ހުއްޓުން އަރާފައެވެ. މޫލެވިފައިވާ ރައްޔިތުންގެ ބާރަކީ ، ކޮންމެގޮތެއްވިޔަސް ، ޤައުމުގެ އެއްބައެއްވަންތަކަން ދެމެހެއްޓުމަށް ކުރެވޭ އުއްމީދެވެ. ގޮތްނޭނގޭ ރާޅުބާނިއަކީ ، ތަވަޔަކުން އުނދުނަށް ޤައުމު ވައްޓާލި ރައީސާއި ސަރުކާރު ބަދަލުކުރުން އެކަނި ހެއްޔެވެ؟ ރައީސް ނަގައި އެއްލައިލުމުން ، ޤައުމުގެ ނިކަމެތި ޙާލަތަށް ޙައްލެއް އަންނާނެ ހެއްޔެވެ؟ މިހާރުގެ ޙާލަތަށް ރިޢާޔަތްކުރާއިރު ، ކޮންމެ ޙާލަތެއްގައިވެސް ، ހިންގުމާއި ހިންގަންތިބޭމީހުންނާ ދެމެދުގައި ދަތިތަކާއި ހުރަސްތައް ހުންނާނެއެވެ. ކަޅިޖަހައިނުލާ ، ދުނިޔެ ބަލަމުންދާއިރު ، އިދިކޮޅު ފިކުރާއި ވިސްނުމުގެ ވަހާއި ރަހަވެސް ޖައްވުގައި އެބަހުރި މެއެވެ.
ބަންޑެލިކުރެވިފައިވާ ދަރަނީގެ ޢަދަދަށް ބަލާއިރު ، ކުރިޔަށް 4 އަހަރު ، އަހަރަކު 4 ބިލިއަން ޑޮލަރު ލަންކާއިން ބޭރުގެފަރާތްތަކަށް ދައްކަން ޖެހެއެވެ. 2020 ވަނައަހަރު ، އެކިމަޝްރޫޢުތަކަށް ސަރުކާރުން ކަފުންކުރީ 1.9 ބިލިއަން ޑޮލަރެވެ. އަނބުރާ ދެއްކުނީ 1.7 ބިލިއަން ޑޮލަރެވެ. ބޭރުގެ ލޯނުތަކަށް 2021 ވަނައަހަރު ބޭރުގެ ދަރަނީގެ ގޮތުގައި އަނބުރާ ދައްކަން ޖެހިފައިއޮތީ 3.1 ބިލިއަން ޑޮލަރެވެ. މިލޯނުތަކާއި އިންޓަރެސްޓަށް ދެއަހަރުގެ ތެރޭގައި 1.7 ބިލިއަން ޑޮލަރު ދައްކަންޖެހިފައި އޮތެވެ. މިއަދު ކުރިމަތިވެފައިވާ ، ބޭރުފައިސާ ނުލިބުމާއި ޑޮލަރުގެ ތާށިކަމުގެ އަޞްލަކީ އެއީއެވެ.
ރިޔާސީ ގަނޑުވަރާއި މަރުކަޒީ ބޭންކްގައިތިބި ޒިންމާދާރުމީހުން 2007 އިން 2014 އަށް ، ލަންކާއިން ދައްކަންޖެހޭ ބޭރުގެ ދަރަނި ދެއްކީ އައިއެމްއެފް ގެ އެހީގައެވެ. 2015 ގައި ޔަހަޕަލާނާ ނުވަތަ ހެޔޮވެރިކަން ރަމްޒުކޮށްދޭ މަޝްރޫޢެއް ، ސިރިސެނާގެ ވެރިކަމުގައި ފެއްޓިއެވެ. އެހެންނަމަވެސް އެ މަޝްރޫޢުންވެސް އެއްވެސް ހެޔޮ ބަދަލެއް ނުފެނުނެވެ. އަދި ލޯނުތައް ނަގަމުން ނަގަމުންގޮސް 2030 ވަނައަހަރާ ހަމަޔަށް ދެމިގެންދާގޮތަށް ލޯނުތައް ނެގިއެވެ. މިސަރުކާރުގެ ވެރިކަމުގައި 2019 ވަނައަހަރު ، މާބޮޑު ރޭވުންތެރިކަމެއްނެތި ، ލޯނުތައް ދެއްކުމަށް ފަރުވާއަކައިގެން ނުކުތެވެ. އެހެންނަމަވެސް ، މިއަހަރު އެހުރިހާކަމެއް އެއޮތީ ބޭކާރުވެފައެވެ.
ވޭތުވެދިޔަ ހުރިހާ ސަރުކާރުތަކުންވެސް ބަލަމުންއައީ ، ބޭރުގެ ލޯނުތަކުން އިޤްތިޞާދު ދިރިގެންދާނެ ކަމަށެވެ. އެހެންނަމަވެސް ލޯނަށްލިބުނު ފައިސާގެ ބޮޑުބައި ހޭދަކުރެވުނީ ސަރުކާރުގެ ޚަރަދު ތަކަށެވެ. ދިގުމުއްދަތަކަށް ފައިދާލިބިގެންދާނެ މަޝްރޫޢުތަކަކަށް ނޫނެވެ. އަނބުރާ ލޯނު ދައްކަންވީ ވަގުތު އައިއިރު މައްސަލަތައް އޮތީ ކުރިމަތިވެފައެވެ. އެކަމުން ސަލާމަތްވާން ދެންވާހަކަ ދައްކަން ފެށީ އައިއެމްއެފާއެވެ. ޚާއްޞަކޮށް ބޭރުގެ ލޯނުތައް ދައްކާނެ ގޮތަކާބެހޭގޮތުންނެވެ. އެވާހަކަތަކަށް އެއްވެސް މިންވަރެއްގެ ކާމިޔާބީއެއް ނުލިބެއެވެ.
އެންމެފަހުން ، އައިއެމްއެފުން އައި ވަފްދު ފުރައިގެންދިޔައީ އެއްވެސް އެއްބަސްވުމެއް އުފެއްދުމަކާ ނުލައެވެ. އެޓީމުން ޤަބޫލުކުރިގޮތުގައި ، އައިއެމްއެފުގެ ޕްރޮގަރާމްތައް ހިންގޭނީ ސިޔާސީ ހަމަޖެހުން އެތަނެއްގައި ޤާއިމްވެފައި އޮތިއްޔާއެވެ. އިޤްތިޞާދީ ޙާލަތު ރަނގަޅުކުރުމަށް ދެބަޔަށް ހުޅުވިފައިވާ ހަނިދޮރުން ވަދެވޭނީ ، ލަންކާގައި ސިޔާސީ ހަމަޖެހުން ޤާއިމްކުރެވިގެންނެވެ.
އެންމެފަހުން ، ބޮޑުވަޒީރު ރަނިލްވެސް ވަނީ އިސްތިޢުފާ ދެއްވާފައެވެ. ލަންކާގައި ދެން އުފެއްދޭ ސަރުކާރަކަށް ކުރިމަތިވާނެ ގޮންޖެހުންތައް ވަރަށް ގިނައެވެ. ލަންކާ ހަމަޔަކަށް އެޅުވުމަށްޓަކައި ރައްޔިތުންގެ ކެތްތެރިކަންވެސް ވަރަށް މުހިންމެވެ. އިދިކޮޅު ޕާޓީތަކުންވެސް މިވަގުތު އަމިއްލަ މަޞްލަޙަތު ފަސްކޮށް ، ޤައުމީ މަޞްލަޙަތު އިސްކުރަން ޖެހެއެވެ.
ލަންކާގެ މިއަދުގެ ޙާލަތަކީ ، ބަރުލަމާނީ ނިޒާމެއްގައި ކުރިމަތިވާނެ އެންމެ ނުރައްކާތެރި ޙާލަތެވެ. މިއީ ، ޚާއްޞަކޮށް ދެކުނު އޭޝިއާގެ ޤައުމުތަކުން ފިލާވަޅުތަކެއް ލިބިގަންނަންޖެހޭ ޙާދިސާއެކެވެ. ރިޔާސީ ވެރިކަމެއްގައި ރައްޔިތުންގެ ބަސް ގަދަވާނެކަމާއި ޖަވާބުދާރީވުން ބޮޑުވާނެކަން މިހާދިސާއިން ސާބިތުކޮށްދެއެވެ. ކޮންމެ ވެރިކަމެއް އޮތަސް ވެރިކަމާގުޅިފައިވާ ބާރުތައް އޮންނަންވާނީ ރައްޔިތުންގެ ބަސްވިކޭ ގޮތަށެވެ. ވެރިކަމުގެ ބާރުތައް ފެށިގެން އަންނަންވާނީ ރައްޔިތުންގެ ކިބައިންނެވެ.