ސްރީލަންކާގެ ރައީސު ރާޖަޕަކްސާ ބުދަ ދުވަހު އިސްތިއުފާދެއްވަނީ

ސްރީލަންކާގެ ރައީސު ރާޖަޕަކްސާ ބުދަ ދުވަހު އިސްތިއުފާދެއްވަނީ

ސްރީލަންކާގެ ރައީސު ގޮތާބޭ ރާޖަޕަކްސާ މި ޖުލައި މަހުގެ 13 ވާ ބުދަ ދުވަހު އިސްތާއުފާ ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމުގައި އެގައުމުގެ ގާނޫނުހަދާ މަޖިލީހުގެ ރައީސު މަހިންދަ ޔާޕާ އަބޭވަރްދަނާ ވިދާޅުވެއްޖެއެވެ.

ރައީސު ރާޖަޕަކްސާއާ ހަވާލާދެއްވައި، އަބޭވަރްދަނާ މިހެންވިދާޅުވެފައި ވާއިރު، މިއަދު އޭނާގެ ރިޔާސަތުގައި ބޭއްވި ހުރިހާ ޕާޓީތަކުގެ ބައްދަލުވުމުން ނިންމާ ނިންމުމެއް ގަބޫލުފުޅުކުރައްވާނެ ކަމުގައި އަބޭވަރްދަނާއަށް ފޮނުއްވި ސިޓީފުޅެއްގައި ރާޖަޕަކްސާ ވަނީ ކުރިން ވިދާޅުވެފައެވެ.

ކަމުގެ މައުލޫމާތު ހުރި މަސްދަރަކުން ސްރީލަންކާގެ ބައެއް ނޫސްތަކަށް ހާމަކޮށްފައިވާ ގޮތުގައި، ރައީސު ރާޖަޕަކްސާ ގާނޫނުހަދާ މަޖިލީހުގެ އަރިހުން އެދިވަޑައިގެންފައިވަނީ، ވެރިކަން ބަދަލުކުރުމުގެ ކަންކަން ނިންމަވަން ބުދަ ދުވަހާ ހަމައަށް ފުރުސަތުދެއްވުމަށެވެ.

ބޮޑުވަޒީރު ރަނިލްވެސް އިސްތިއުފާ ދެއްވައިފިއްޔާ، ބުދަ ދުވަހު ރައީސު އިސްތިއުފާދެއްވުމާއެކު، ގާނޫނުހަދާ މަޖިލީހުގެ ރައީސު އަބޭވަރްދަނާ ވަގުތީގޮތުން 30 ދުވަހުގެ މުއްދަތަކަށް ރައީސުކަމާ ހަވާލުވެވަޑައިގަންނަވާނެއެވެ. އަދި 30 ދުވަހުގެ ތެރޭގައި ގާނޫނުހަދާ މަޖިލީހުން ރައީސަކު އިންތިޚާބުކުރާނެއެވެ.

ރައީސު ރާޖަޕަކްސާގެ އިސްތިއުފާގެ ވާހަކަ ދެކެވިފައި މިވަނީ، މިއަދު ރިޔާސީ  ގަނޑުވަރަށް އާއްމުން ވަދެގެންފައި ވަނިކޮށެވެ. އެ ގައުމު މިއަދު އިގުތިސާދީ ގޮތުން ވެއްޓިފައިވާ ވަޅުގަނޑުން އަރައިގަނެވޭނީ އޭނާ އިސްތިއުފާދެއްވައިގެން ކަމަށް ބުނެ އާއްމުންގެ ގިނަ ބަޔަކު ދަނީ ވެރިރަށް ކޮލޮމްބޯއަށް އައިސް އަޑުއުފުލަމުންނެވެ.

އާއްމުން ދަނީ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ އިސްތިއުފާއަށް ވެސް ގޮވަމުންނެވެ. އަދި މިއަދު އޮތް ހުރިހާ ޕާޓީތަކުގެ އެއްވުމުގައިވެސް ވަނީ އޭނާގެ އިސްތިއުފާއަށް ގޮވައިލާފައެވެ. މި ގޮވައިލުމާ ގުޅިގެން ރަނިލް ވިދާޅުވެފައި ވަނީ، ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރަކަށް މަގުފަހިކުރުމުގެ ގޮތުން އޭނާ އިސްތިއުފާދެއްވާނެ ކަމުގައެވެ. އެހެންނަމަވެސް، އިސްތިއުފާދެއްވާނެ އެފަދަ ސަރުކާރެއް އެކުލަވާލެވުމުން ކަމުގައެވެ.

ބޮޑުވަޒީރު ވިކްރަމަސިންހަ އިސްތިއުފާދެއްވާނެކަމަށް ވިދާޅުވެފައި ވަނިކޮށް، ކޮލޮމްބޯގައި ހުންނަ އޭނާގެ އަމިއްލަފުޅު ގެކޮޅަށް މިރޭ ބަޔަކު ވަދެ އެގެކޮޅުގައި ވަނީ ރޯކޮށްލާފައެވެ. ގެކޮޅުގެ ކައިރިއަށް އެއްވި މީހުން ދުރުކުރަން ފުލުހުން ކަރުނަ ގޭސް ޖެހުމާ ގުޅިގެން އާއްމުންނާ ފުލުހުންނާ ދެމެދު ކުރިމަތިލުން ހިނގާފައި ވެއެވެ. އަދި އެއްވެ މީހުންގެ ތެރޭން ބަޔަކު ވަނީ މި ކުރިމަތިލުމަށް ފަހު އެ ގެކޮޅަށް ވަދެގެންފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.