ޙައްޖުގެ އަޅުކަމާ ގުޅިފައިވާ ޢިބްރަތްތެރި ފިލާވަޅުތަކުން، އަޅުގަނޑުމެން އިލްހާމް ލިބިގަންނަންޖެހޭ: ރައީސް ސާލިހު

ޙައްޖުގެ އަޅުކަމާ ގުޅިފައިވާ ޢިބްރަތްތެރި ފިލާވަޅުތަކުން، އަޅުގަނޑުމެން އިލްހާމް ލިބިގަންނަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ބަރަކާތްތެރި އަޟްޙާ ޢީދުގެ މުނާސަބާގައި ދިވެހިރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިތާބުގައި އެމަނިކުފާނު ވިދާޅުވީ ނަފްސު ޠާހިރު ކުރުމާއި، މީސްތަކުންގެ މެދުގައި ތަފާތު ނުކުރުމާއި، އެކުވެރިކަމާއި އެއްބައެއްގެ ގޮތުގައި އެއް އަމާޒަކަށް މަސައްކަތް ކުރުމަކީ އަޅުގަނޑުމެންގެ މެދުގައި އާލާކުރަންޖެހިފައިވާ ކަންކަން ކަމަށެވެ.

މީގެ އިތުރުން ދަތިތަކާއި މުޞީބާތްތަކަށް ކެތްތެރިވުމަކީ ޙައްޖުގެ މަނާސިކުތަކުން ލިބިދޭ އެންމެ އަގުހުރި ދަރުސްތައް ކަމަށާއި މިއީ، މިއަދު އަޅުގަނޑުމެންނާ ކުރިމަތިވެފައިވާ ޤައުމީ އަދި އިޖްތިމާޢީ ބޮޑެތި މައްސަލަތައް ޙައްލުކުރުމަށްޓަކައި، އަޅުގަނޑުމެންގެ މެދުގައި އާލާކުރަންޖެހިފައިވާ ކަންކަންކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޢީދުގެ އުފާ ފާޅުކުރާއިރު، މިއަދު އަޅުގަނޑުމެންގެ އެންމެ ވަރުގަދަ ޢަޒުމަކަށް ހަދަންވީ، އެކަކު އަނެކަކާ މެދު ހިތް ސާފުކޮށް، ހިތްހެޔޮކަމާއި އެކުވެރިކަން މަތީގައި ދެމިތިބުމަށް ކަމަށެވެ. އަދި މިފަދަ ކޮންމެ މުނާސަބަތަކީ، އަޅުގަނޑުމެން އެތައް ޢިބްރަތްތަކެއް ލިބިގަނެ، ދެދުނިޔޭގެ ކާމިޔާބީ ޙާޞިލްކުރުމަށް އަޅުގަނޑުމެންނަށް ދެއްވާފައިވާ ވަރަށް މަތިވެރި ފުރުޞަތެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، މި ބަރަކާތްތެރި ޢީދުގެ އުފާ ފާޅުކުރާއިރު، އެކަކު އަނެކަކަށް އެހީތެރިވެ ޢީދުގެ ހަދިޔާ ބަދަލުކޮށް ހެޔޮ ދުޢާކުރުމަކީ، އަޅުގަނޑުމެންގެ ހިތްތަކުގައިވާ ޙަސަދައިގެ ކިލަނބުކަން ފިލުވައި، އެއްބައިވަންތަކަމާއެކު ޤައުމާއިގެން ކުރިއަށް ދިއުމަށް މަގުފަހިކޮށްދޭނެ ކަމެއްކަން ޔަޤީންވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބު ނިންމަވާލައްވާފައި ވަނީ، މި ބަރަކާތްތެރި ޢީދުގެ އުފާވެރިކަން އަޅުގަނޑުމެންގެ މެދުގައި ފެތުރެމުންދާއިރު، ކޮންމެ ކަމެއްގައިވެސް ތިމާގެ އަމިއްލަ މަޞްލަޙަތަށްވުރެ، ޤައުމުގެ މަޞްލަޙަތަށް އިސްކަން ދިނުމަށް، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އިލްތިމާސްކުރައްވަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.