މަންކީޕޮކްސް އިތުރުވަމުން ދާތީ ޑަބްލިޔުއެޗްއޯގެ އެމަޖެންސީ ކޮމިޓީގެ ބައްދަލުވުމެއް ބާއްވަނީ

ދުނިޔޭގެ ކަންކޮޅުތަކުގައި މަންކީޕޮކްސް ޖެހިފައިވާ މީހުން ފެންނަވަރު އިތުރުވަމުން ދާތީ، އެބަލީގެ ހާލަތު އާލަމީ އާއްމު ސިއްހަތުގެ ކުއްލި ހާލަތު (ގްލޯބަލް ޕަބްލިކް ހެލްތު އެމަޖެންސީ) އެއް ކަމުގައި ކަނޑައަޅާ މިންވަރަށް އިތުރުވެއްޖެތޯ ނިންމަން ތަޖުރިބާކާރުންގެ ބައްދަލުވުމެއް ބާއްވަން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން ނިންމައިފިއެވެ.

ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޯމް ގެބްރަޔޭސަސް ވިދާޅުވިގޮތުގައި، 58 ގައުމަކުން މަންކީޕޮކްސް ޖެހިފައިވާ 6000 އަށްވުރެ ގިނަ މީހުން ފެނިފައިވާތީ އެކަމާމެދު ބަހުސުކުރުމަށް މަންކީޕޮކްސްްއާ ބެހޭ އެމަޖެންސީ ކޮމިޓީގެ ބައްދަލުވުމެއް ބާއްވާނެއެވެ.

މީގެ ކުރިން މަންކީޕޮކްސް އާއްމު ގޮތެއްގައި ފެންނަމުންދާ މެދުތެރޭ އަދި ހުޅަނގު އެފްރިކާ ސަރަހައްދުގެ ބޭރުގައި މަންކީޕޮކްސް އާއްމުވާން ފަަށާފައި ވަނީ ފާއިތުވި މޭ މަހުގައެވެ.

"ވައިރަސް ފެތުރުމާ އެ ފެތުރޭ މިންވަރާ މެދު އަހަރެން ކަންބޮޑުވޭ." ސުވިޒަލޭންޑުގެ ޖެނީވާގައި ހުންނަ ޑަބްލިޔުއެޗްއޯގެ މައި އޮފީހުގައި ނޫސްވެރިންނާ އިއްޔެ ބައްދަލުކުރައްވަމުން ޓެޑްރޯސް ވިދާޅުވިއެވެ.

"އެންމެ ބޮޑު ގޮންޖެހުމަަކަށް ވެފައި ވަނީ ޓެސްޓުކުރުން. ބަލިޖެހިފައި އެކަން ނޭނގޭ އެތައް ބަޔަކު ތިބުމީ ވަރަށް ގާތް ކަމެއް. މިހާރު ބަލި ފެތުުރުމުގެ މަރުކަޒަކަށް ވެފައި ވަނީ ޔޫރަޕް. ދުނިޔޭގައި މިހާރު ފެންނަމުންދާ ބަލިޖެހިފައިވާ މީހުންގެ %80 ފެނިފައި ވަނީ ޔޫރަޕުން." އޭނާ އިތުރަށް ފާހަގަކުރެއްވިއެވެ.

ޑަބްލިޔުއެޗްއޯ އިން ފާހަގަކޮށްފައިވާ ގޮތުގައި މަންކީޕޮކްސް ޖެހިފައިވާ މީހުން ގިނައިން ފެންނަމުން ދަނީ ތަަރައްގީވެފައިވާ، މީހުން ގިނަ ރަށްތަކުގައި ދިރިއުޅޭ އެއްޖިސުން ގުޅުން ހިންގާ ފިރިހެނުންގެ ތެރޭންނެވެ.

ފާއިތުވި ޖޫންމަހުގެ 23 ގައި ވެސް އެމަޖެންސީ ކޮމިޓީގެ ބައްދަލުވުމެއް ބޭއްވިއެވެ. އެ ފަހަރު، މެންބަރުންގެ އަޣުލަބިއްޔަތުން ނިންމާފައި ވަނީ މަންކީ ޕޮކްސް 'ޕަބްލިކް ހެލްތު އެމަޖެންސީ އޮފް އިންޓަނޭޝަނަލް ކޮންސާން' (ޕީއެޗްއީއައިސީ) ގެ ފެންވަރަށް އަދި ނުދާކަމުގައެވެ.

އެފަހުން ބަލީގެ ހާލަތު ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ.

"އަހަރެންގެ ޓީމުތަކުން ދަނީ ޑާޓާ ބަލަމުން. އަހަރެން ރާވާފައި ވަނީ އެމަޖެންސީ ކޮމިޓީގެ ބައްދަލުވުމެއް އަލުން ބާއްވައި، މަންކީޕޮކްސް ފެތުރެމުންދާ ގޮތާއި، ބަލިފެތުރުމަށް އަންނަމުންދާ ބަދަލުތަކާއި، ބައްޔާ ދެކޮޅަަށް އަޅާނެ ފިޔަވަޅުތަކާ މެދު މަޝްވަރާކުރުމަށް. 18 ޖުލައިގައި ފެށޭ ހަފުތާގައި، ނުވަތަ ބޭނުންޖެހިއްޖެނަމަ އެއަށްވުރެ އަވަހަށް ބައްދަލުވުން ބާއްވާނަން." ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ވިދާޅުވިއެވެ.

މަންކީ ޕޮކްސް ޖެހިފައިވާ މީހަކު ފެނިފައިވާކަން އެންމެ ފަހުން އިއުލާންކޮށްފައި ވަނީ ސިންގަޕޫރުންނެވެ. އެގައުމުން އިއްޔެ ބުނެފައިވާ ގޮތުގައި އެ ގައުމުގައި ދިރިއުޅޭ އުމުރުން 45 އަހަރުގެ މެލޭޝިޔާ ފިރިހެނަކު ވަނީ މަންކީޕޮކްސްއަށް ޕޮޒިޓިވްވެފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.