ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ނިންމާފައިވާ ފަސް މެމްބަރަކު ސުޕްރީމް ކޯޓަށް މިއަދު ވަޑައިގެންފިއެވެ.
ސުޕްރީމް ކޯޓަށް މިއަދު ވަޑައިގެންނެވި ފަސް މެމްބަރުންނަކީ ތިމަރަފުށީ ދާއިރާގެ މެމްބަރު މުޙަންމަދު މުސްތޮފާ އާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް އާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުޙަންމަދު ވަޙީދުގެ އިތުރުން ފުއައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު އާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ޙުސައިންއެވެ.
މި ފަސްމެމްބަރުން ވިދާޅުވި ގޮތުގައި އެބޭފުޅުން ސުޕްރީމް ކޯޓަށް ވަޑައިގެންނެވީ ގޮނޑި ގެއްލުނު މައްސަލަ އެ ކޯޓަށް މީގެކުރިން ހުށަހަޅާފައި އޮތުމާއެކު މެމްބަރުންގެ ކަންބޮޑުވުންތައް އެ ކޯޓުގެ ފަނޑިޔާރުންނާ ޙިއްސާ ކުރެއްވުމަށެވެ. ނަމަވެސް އެ ކޯޓުގެ ފަނޑިޔާރުންނާ ބައްދަލު ކުރުމުގައި އެޕޮއިންޓްމެންޓް ހަމަޖައްސަން އޮންނަ އުސޫލުތައް ހަމަޖެއްސެވުމަށް ފަހު އެ މެމްބަރުންނަށް ޖަވާބު ދެއްވާނެ ކަމަށް ސުޕްރީމް ކޯޓުން ވަނީ ބުނެފައެވެ.
މަޖިލީހުގެ ބަޔެއް ދާއިރާ ތަކުގެ މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަން ކޮމިޝަނުން ނިންމާފައި ވީނަމަވެސް އެއިން އެއްވެސް ދާއިރާއެއްގެ ބައި އިލެކްޝަން އަދި ބާއްވާފައި ނުވެއެވެ.