ރަޝިޔާއިން ޔުކްރޭނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގައި ރަޝިޔާ އެކަހެރިކުރުމަށް ހުޅަނގުގެ ގައުމުތަކުން މަސައްކަތްކުރަމުން ދިޔަޔަސް، އިންޑޮނޭޝިޔާއިން ދަނީ ރަޝިޔާއާއެކު އިގުތިސާދީ ގުޅުން ބަދަހިކުރަމުންނެވެ.
ރަޝިޔާ-ޔުކްރޭން ހަނގުރާމައިގައި ވަކިފަރާތަކަށް ނުޖެހުމުގެ ސިޔާސަތު ދަމަހައްޓަވަމުން ގެންދަވާ އިންޑޮނޭޝިޔާގެ ރައީސު ޖޯކޯ ވިދޯދޫ ވަނީ ޔުކްރޭނާއި ރަޝޔާއަށް ވަޑައިގެން ދެގައުމުގެ ވެރިންނާ ބައްދަލުކުރައްވާފައެވެ. އަދި ދެގައުމުގެ ދެމުދުގައި އުފެދިފައިވާ މައްސަލަތައް ހައްލުކުރުމުގައި އިންޑޮނޭޝިޔާއަށް އަދާކުރެވިދާނެ ދައުރަކާމެދު މަޝްވަރާކުރައްވާފައެވެ.
ރައީސު ވިދޯދޯ ރަޝިޔާއަށް ކުރެއްވި ދަތުރުފުޅުގައި ދެގައުމު ގުޅިގެން މަޝްރޫއުތަކެއް ހިންގުމަށް ވަނީ އެއްބަސްވެފައެވެ. އޭގެތެރޭން އެންމެ ފާހަގަކޮށްލެވޭ މަޝްރޫއަކީ އިންޑޮނޭޝިޔާގެ އިރުމަތީ ޖާވާ ޕްރޮވިންސުގައި ތެޔޮ ސާފުކުރާ ބިޔަ ކާރުޚާނާއެއް ބިނާކުރުމުގެ މަޝްރޫއެވެ.
އިންޑޮނޭޝިޔާ ސަރުކާރުގެ ތެޔޮ ކުންފުނި ޕެރްޓާމިނާއާއި ރަޝިޔާގެ ރޮސްނެފްޓް އޮއިލް ކޮމްޕެނީ ގުޅިގެން އިރުމަތީ ޖާވާގައި ބިނާ ކާރުޚާނާގައި ތެލުގެ ބާވަތްތަކުގެ އިތުރަށް ޕެޓްރޯކެމިކަލް ތަފާތު އުފެއްދުންތައް އުފައްދާނެއެވެ. ދެކުންފުނި ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާ ކުންފުނި ޕީޓީ ޕެރްޓަމީނާ ރޮސްނެފްޓް ޕެންގޮލަހަން ޑާން ޕެޓްރޯކީމިޔާ އިން އިރުމަތީ ޖާވާގެ ޓުބާންގައި ހިންގަން ހަމަޖެހިފައިވާ ނިއުގްރާސް ރިފައިނަރީއަކީ ދުވާލަކު 2 ލައްކަ 29 ހާސް ފީފާގެ ޕެޓްރޯލާއި، ޑީސަލާއި، ޖެޓްފިއުން އުފެއްދުމުގެ ގާބިލުކަން ލިބިފައިވާ ކާރުޚާނާއެކެވެ.
މަޝްރޫއުގެ ޕްލޭންގައިވާ ގޮތުން މި ކާރުޚާނާއަށް 16 ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓުކުރާނެއެވެ. މިފައިސާގެ %45 ރަޝިޔާގެ ކުންފުނިން ހިއްސާކުރާއިރު، ބާކީ %55 އަކީ އިންޑޮނޭޝިޔާގެ ކުންފުނީގެ ހިއްސާއެވެ.
މީގެ އިތުރަށް ރައީސު ވްލާޑިމީރް ޕުޓިން ވަނީ އިންޑޮނޭޝިޔާ އަލަށް ބިނާކުރާ ވެރިރަށުގައި އަޅާ ރޭލްވޭއަށް ރަޝިޔާއިން އިންވެސްޓުކުރުމަށް ހުށަހަޅުއްވާފައެވެ. ކަލިމަންޓަން ޕްރޮވިންސުގައި ނުސަންތަރާގެ ނަމުގައި ހަދާ އާ ވެރިރަށުގެ މަސައްކަތް އަންނަ އޮގަސްޓު މަހުގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.
ޖީ-20 ގެ އެންމެ އިސްވެރިންގެ ބައްދަލުވުން މިއަހަރު ނޮވެންބަރު މަހު އިންޑޮނޭޝިޔާގައި ބޭއްވުމަށް ހަމަޖެހިފައވާއިރު، ޔުކްރޭންގައި ހަނގުރާމަ ނުހުއްޓައި ކުރިޔަށް ގެންދާތީ ރަޝިޔާ އެކަހެރިކުރުމަށް މަސައްކަތްކުރާ އެމެރިކާއާއި، ހުޅަނގު ޔޫރަޕުގެ ގައުމުތަކުން ދަނީ ރަޝިޔާ މި ބައްދަލުވުމުގައި ބައިވެރިނުކުރުމަށް އިންޑޮނޭޝިޔާއަށް ފިއްތުންތައް ކުރިމަތިކުރަމުންނެވެ. އެހެންނަމަވެސް، އިންޑޮނޭޝިޔާ ސަރުކާރުގެ ވަނީ ރައީސު ޕުޓިންއަށްވެސް މިބައްދަލުވުމަށް ދައުވަތު އަރުވާފައެެވެ. އަދި އިންޑޮނޭޝިޔާއިން ވަނީ ޔުކްރޭންގެ ރައީސު ވޮލޮޑިމީރް ޒެލެންސްކީއަށް ވެސް މި ބައްދަލުވުމަށް ދައުވަތު އަރުވާފައެވެ.