ދުނިޔެ ރަނގަޅުކުރުން

ބައްޕަޔަކު އޭނާގެ ދަރިފުޅާ މަސައްކަތެއް ހަވާލު ކޮށްފިއެވެ. އެ މަސައްކަތަކީ ދުނިޔެ ކުދިކުދި ކުރުމަށްފަހު އަލުން ގުޅުވުމެވެ. ބައްޕަ އެންމެ ފުރަތަމަ ހެދި ގޮތަކީ ދުނިޔެ ކުރަހާފައި ހުރި ކަރުދާސްގަނޑެއް ކުދިކޮށް ވީދާލީއެވެ. އެއަށްފަހު ދަރިފުޅާ ޙަވާލުކުރީ އެ ކަރުދާސްކޮޅުތައް ގުޅުވާލައިގެން ނުވަތަ ތަރުތީބުން އަތުރައިގެން ދުނިޔެ ފުރިހަމަ ކުރާށެވެ. އާދެ، ޖިގްސޯ ޕަޒްލް އެއް ހަދާށެވެ.

ދަރިފުޅު މާގިނަ އިރުތަކެއް ނުވެ ދުނިޔެ ފުރިހަމަކޮށް ރާވާލައިފިއެވެ. ބައްޕަ ޙައިރާންވެފައި ސުވާލު ކުރިއެވެ. "ދަރިފުޅު މިހައި އަވަހަށް ރޭވީ ކިހިނެއް ހެއްޔެވެ؟"

ދަރިފުޅު ބުންޏެވެ. "ބައްޕަ ދެއްވި ދުނިޔޭގެ ފުރަގަހުގައި ހުރީ މީހެކެވެ. އެހެންވީމާ އަޅުގަނޑު އެމީހާ ރަނގަޅު ކޮށްލީއެވެ. އެމީހާ ރާވައި ނިމުނުއިރު ހުރީ ދުނިޔެވެސް ރަނގަޅަށް ރޭވި ނިމިފައެވެ."

ބައްޕަ އޭނާގެ ދަރިފުޅަށް ދިނީ ނޫހެއްގެ ގަނޑެކެވެ. އެގަނޑުގެ އެއްފުށުގައި ހުރީ ދުނިޔެ ކުރަހާފައެވެ. އަނެއް ފުށުގައި ހުރީ މީހެއްގެ ފޮޓޯއެކެވެ. ދުނިޔެ ރާވަން އުނދަގޫވީމާ ދަރިފުޅު ހެދި ގޮތަކީ އަނެއް ފުށުގައި ހުރި މީހާ ރާވާލީއެވެ. އެޔާއެކު ދުނިޔެވެސް ރޭވުނީއެވެ.

މިއީ އަޅުގަނޑުމެން ގަބޫލު ކުރަން ޖެހޭ ވަރަށް ބޮޑު ޙަޤީޤަތެކެވެ. ދުނިޔެ ހަމަޔަކަށް އަޅުވަން ބޭނުންނަމަ ދުނިޔޭގައި އުޅޭ މީހުން ހަމަޔަކަށް އަޅުވަން އެބަޖެހެއެވެ. އެހެނީ ދުނިޔެ ހަލާކު ކުރާ ބަޔަކީ އެއީއެވެ. އަޅުގަނޑުމެންނަށް މެދުވެރިވެގެން މި އުޅޭ ތިމާވެށީގެ މައްސަލަތަކުގެ މޭސްތިރިންނަކީ ކޮން ބައެއްތޯއެވެ؟ އިންސާނުންނެވެ. ދުނިޔެ ހޫނު ވުމާއި އަދިވެސް ކުރިމަތިވަމުން އަންނަ ޤުދްރަތީ އެކި ހާދިސާތަކުގެ އަސްލަކީ އިންސާނުންގެ ޢަމަލުތަކެވެ. އިންސާނާ ދުނިޔެއާމެދު ފަރުވާ ކުޑަކޮށް، ދުނިޔެ ހަލާކު ކުރަމުން ދިއުމުގެ ނަތީޖާ މިއަދު މި ފެންނަނީއެވެ. އަމިއްލައަށް އުފެއްދި މައްސަލަތަކުން ސަލާމަތް ނުވެގެން ތެޅިފޮޅެނީއެވެ.

ހަމައެކަނި ތިމާވެށީގެ މައްސަލަތަކެއް ނޫނެވެ. އަޚްލާޤީ މައްސަލަތަކަށް ބެލި ނަމަވެސް މައްސަލަތަކުގެ ޙައްލު އޮތީ ވަކި ފަރުދުންގެ އަތުގައެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ ނަފްސު އިސްލާހުކުރުމަށް ސަމާލުކަން ދޭންވީއެވެ. މިފަދައިން ޢަމަލު ކުރަން ފެށުމާއެކު މަޑުމަޑުން ގޮސް މުޅި ދުނިޔެ އިސްލާހު ވެދާނެއެވެ. އެންމެ ފުރަތަމަ ފެށޭނީ އެންމެ މީހެއްގެ ސިފައިގައެވެ. ދެން ދެ މީހުންނެވެ. ދެން ކުޑަކުޑަ މުޖުތަމަޢެކެވެ. ދެން އަވަށެކެވެ. ދެން ރަށެކެވެ. ދެން ގައުމެކެވެ. ދެން މުޅި ދުނިޔެއެވެ.

ޖިގްސޯ ޕަޒްލް ރާވާ ގޮތަކީވެސް މިއީއެވެ. މަޑުމަޑުން އެކި އެތިކޮޅު އެ އެތިކޮޅަކަށް ހަމަޖެހިފައިވާ ޖާގައިގައި ބާއްވަމުން ގޮސް މުޅި މަންޒަރު އެކީގައި ފުރިހަމަވެ ނިމެނީއެވެ. މިއަދު މުޅި ދުނިޔެ މިއޮތީ ވީދި ކުދިކުދި ވެފައެވެ. ދުނިޔެ ވީދި ކުދިކުދިވީ ދުނިޔޭގައި އުޅޭ އިންސާނުން ވީދި ކުދިކުދިވީމައެވެ. އެހެންވީމާ ދުނިޔެ ހަމަޔަކަށް އަޅުވައި ރަނގަޅަށް ރާވަން ބޭނުންނަމަ އިންސާނުން ހަމަޔަކަށް އަޅުވައި ރަނގަޅަށް ރާވަންވީއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.