މަޑަވެލި ގެތަކަށް ލިބިފައިވާ ގެއްލުންތަކަށް ސަރުކާރުން ވެދެއްވެން އޮތް ހުރިހާ އެހީތެރިކަމެއް ވެދެއްވާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނި މިފަދައިން ވިދާޅުވީ ރާއްޖޭގެ ރަށްރަށަށް މިއަދު އުދައަރައި އެންމެ ބޮޑު ގެއްލުމެއްވި ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލަށް ގުޅުއްވައި އެރަށުގެ ރައްޔިތުންގެ ހާލު އޮޅުންފިލުއްވުމުގައެވެ.
އުދަ އެރުމުގެ ސަބަބުން ރާއްޖޭގެ ރަށްރަށަށް މިއަދު އުދައަރައި އެންމެ ބޮޑު ގެއްލުންތަކެއްވި ކަމަށް ރިޕޯޓުކޮށްފައިވާ، ގދ މަޑަވެއްޔެވެ.
އެރަށުގެ ހާލު އޮޅުންފިލުއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ގދ މަޑަވެލީ ކައުންސިލުގެ ރައީސަށް ފޯނުން ގުޅުއްވައި ވާހަކައިގައި ވަނީ އުދައެރުމުގެ ހާދިސާގައި އެރަށަށް ލިބުނު ގެއްލުންތަކާއި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާ އާއި ހިއްސާކުރައްވާފައެވެ.
ރައީސުލްޖުމްޙޫރިއްޔާގެ ވާހަކަފުޅުގައި މަޑަވެލީގެ ގިނަ ގެތަކަކަށް ގެއްލުންތައް ލިބިފައިވާތީ އެކަމުގައި ސަރުކާރުން ރައްޔިތުންނަށް ވެދެއްވެން އޮތް ހުރިހާ އެހީތެރިކަމެއް ވެދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.