ޤާނޫނު އަސާސީއަށް ގެންނަންޖެހޭ އެންމެ ބޮޑު ބަދަލަކީ ވެރިކަމުގެ ނިޒާމް ބަރުލަމާނީއަށް ބަދަލުކުރުން ކަމަށް މަޖިލީހުގެ ނާއިބު ރައީސް އީވާ ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޖޭއެސްސީ އެކުލެވޭ ކޮމްޕޮޒިޝަން ބަދަލުކުރުމަށް މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް ޤާނޫނު އަސާސީއަށް ހުށައެޅުއްވި އިޞްލާހަށް ވާހަކަފުޅު ދައްކަވަމުން އީވާ ވިދާޅުވީ އެކަމަކީ އެމްޑީޕީގެ ރައީސް ވެސް އެންމެ ބޭނުންފުޅުވާ އިޞްލާހު ކަމަށެވެ. އަދި އެކަން އެއްވެސް މީހަކަށް އޮޅިފައިނުވާކަމަށެވެ.
ޤާނޫނު އަސާސީއަށް އިޞްލާހު ގެނެސްގެން ޖޭއެސްސީ އެކުލެވޭގޮތް ބަދަލުކުރުމަކީ މިސަރުކާރުގެ ވައުދަކަށްވާއިރު، ޖޭއެސްސީ އިޞްލާހުކުރުމަށް ސަރުކާރުގެ ފަރާތުން ވެސް ބިލެއް ހުށައަޅަން ވަނީ ނިންމާފައެވެ. އަދި އޭޖީ އޮފީހުން ވަނީ އެ ބިލު ރައީސް އޮފީހަށް ހުށައަޅުއްވާފައެވެ.
އަހްމަދު ތާރިގު (ޓޮމް) ހުށަހެޅުއްވި ބިލުގައި އޮތް ގޮތުން، ޖޭއެސްސީގައި ތިއްބަވަނީ އުއްތަމަ ފަނޑިޔާރާއި، މިހާރު ވެސް އޮންނަ ގޮތަށް ހައި ކޯޓުން އިންތިޚާބު ކުރާ ފަނޑިޔާރަކާއި، ދަށު ކޯޓުން އިންތިޚާބު ކުރާ ފަނޑިޔާރަކާއި، ވަކީލުން އިންތިޚާބު ކުރާ ވަކީލެކެވެ. އޭރުން ސިޔާސީ ހަތަރު ބޭފުޅުންނެއް ނުތިއްބަވާނެއެވެ.
މަޖިލީހުގެ ރައީސް އަކީ ދައުލަތުގެ އެއްބާރު ކަމަށްވެފައި މަޖިލީހުގެ ރައީސް ޖޭއެސްސީގައި އިންނެވުމަކީ ނިޒާމުގެ އުނި ކަމެއް ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް މަޖިލީހުގެ މެމްބަރަކު ޖޭއެސްސީގައި އިންނެވުމަކީ އެތަނަށް ސިޔާސީ ބާރުވެރިކަން ފޯރުވަންޖެހޭ މިންވަރަށް ފޯރުމަށް ބޭނުންތެރިކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
ޖޭއެސްސީގެ މައިގަނޑު މަސައްކަތަކީ ފަނޑިޔާރުންގެ މައްސަލަތައް ބެލުން ކަމުގައިވާއިރު އެ ކޮމިޝަންގައި ގިނަ އަދަދެއްގެ ފަނޑިޔާރުން ތަމްސީލްވާން ތިބުމަކީ މަސްލަހަތު ފުށު އަރާނެ ކަމެއްގެ ގޮތުގައި ނަޝީދު ސިފަ ކުރެއްވިއެވެ.
ބަންޑާރަ ނައިބާއި އެކު ރައީސްގެ މެންބަރަކު ވެސް އިންނަވާނަމަ، އެ ކޮމިޝަންގައި ރައީސްގެ ދެ މެންބަރަކު ތިއްބަވާ ކަމަށް ބެލެވެން އެބަ އޮތް ކަމަށް ނަޝީދު ވިދާޅުވިއެވެ. އެހެންވެ އިތުރު މެންބަރަކު އިންނަވަން ޖެހޭ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.