ބޮޑުވަޒީރު މޯދީއާއި ރައީސްގެ މަންދޫބުގެ މަޝްވަރާތައް މިއަދު ހަވީރު

 

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި އިންޑިޔާއަށް މިވަގުތު ވަޑައިގެން ހުންނެވި ޚާރިޖީ ވަޒީރު ޑރ މުޙަންމަދު އާސިމް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ މިއަދުގެ ވަގުތެއްގައި ބައްދަލު ކުރައްވާނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބޮޑުވަޒީރު މޯދީއާއެކު ދިވެހި ސަރުކާރުން މިއަދު މަޝްވަރާގެ ބައްދަލުވުން ބާއްވާނީ މޯދީގެ ރަސްމީ ގެކޮޅު ކަމަށްވ ލޮކް ކަލްޔަން މާގް ގައެވެ. މިބައްދަލުވުން އޮންނާނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. ނަމަވެސް ރައީސް ޔާމީންގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި ޑރ އާސިމް އިންޑިޔާއަށް ވަޑައިގެން އެގައުމުގެ އެންމެ އިސްވެރިންނާ ބައްދަލު ކުރައްވައި، ދެގައުމުގެ މެދުގައި ކުރެވެމުން އަންނަ މަޝްވަރާތަކުގެ ތަފްސީލު ދެގައުމުންވެސް މީޑިޔާއާ ޙިއްސާއެއް ނުކުރެއެވެ.

ޑރ އާސިމް މިދަރުރުފުޅުގައި މިއަދު ހަވީރު ބޮޑުވަޒީރު މޯދިއާއެކު ބައްދަލު ކުރެއްވުމުގެ ކުރިން އިންޑިޔާގެ ޚާރިޖީ ވަޒީރު ސުޝްމާ ސްވަރާޖާވެސް ބައްދަލު ކުރައްވާނެއެވެ. މިއަދު މެންދުރެއްހާއިރު އޮންނަ މި ބައްދަލު ކުރެއްވުން ކުރިޔަށްދާނީ އިންޑިޔާގެ ފޮރިން މިނިސްޓްރީގައެވެ.

ރާއްޖެ އާއި ޗައިނާއާ ދެމެދު ވެވުނު މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ފަހު އިންޑިޔާގެ މީޑިޔާއިން ރާއްޖެއަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒު ވެފައިވާ މިދަނޑިވަޅުގައި ދެގައުމުގެ ބޮޑެތި މަޝްވަރާތަކެއް ކުރިޔަށް ދާންފެށި ނަމަވެސް މަޝްވަރާތަކާބެހޭ ގޮތުން ދެގައުމުގެ ސަރުކާރުންވެސް މާބޮޑު ތަފްސީލެއް ތިލައެއް ނުކުރެއެވެ. ރާއްޖެއިން ބުނަނީ އިންޑިޔާއަކީ ރާއްޖޭގެ އެންމެ ގާތް ރަޙްމަތްތެރިޔާ ކަމަށެވެ. އިންޑިޔާއިން ބުނަނީ ރާއްޖޭގެ އެންމެ ގާތް ރަޙްމަތްތެރިޔާގެ ގޮތުގައި އިންޑިޔާ އަބަދުވެސް އޮންނާނެ ކަމަށެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.