ކަނޑުތަކުގެ ދިރުންތައް ނެތިވެ މަރުވަމުންދާއިރު އެކަންކަމަށް އަޅައިނުލައި ދޫކޮށްލައިގެން ތިބުން ދިވެހިން ނޭދޭ ކަމަށް އެންވަޔަރްމެންޓް މިނިސްޓަރ އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ވިދާޅުވީ ކަނޑުތަކުގެ ނިޒާމާ ރައްޓެހި ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރުމަށް ރާއްޖެއިން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ.
މިގޮތުން ރާއްޖޭގައި ޒަމާނުއްސުރެ މަސްވެރިކަން ކުރެވެމުން އައި ގޮތަށް ބަލާއިރު، ދޮށީގެ މަސްވެރިކަން އަމާޒުވަނީ އެބަޔަކު ބޭނުންވާ މަސްތަކެއް ބޭނުމަށްކަން ވަނީ ފާހަގަކުރައްވާފައެވެ.
ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރުމާއި، ރިޕޯޓް ނުކުރެވޭ އަދި ނުބެލެހެއްޓޭ ގޮތެއްގައި ކުރެވޭ މަސްވެރި ކަމަކީ، ރާއްޖެ ފަދަ ކުދި ޤައުމުތަކާއި އައްސޭރި ފަށުގެ މުޖުތަމައުތަކުގެ މަސްވެރިކަމުގެ ސިނާޢަތަށް އޮތް ނުރައްކަލެއް ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ރިޕޯޓްނުކުރެވޭ އަދި ބެލެހެއްޓުމެއް ނެތި ޤަވާއިދާ ޚިލާފަށް ކުރެވޭ މަސްވެރިކަން ހުއްޓުވުމުގައި ބައިނަލްއަޤުވާމީ މުޖުތަމަޢު އެކަތިގަނޑަކަށް ވުމަށް ވެސް އެކަމަނާ ގޮވާލެއްވިއެވެ.
މީގެ އިތުރުން މިނިސްޓަރ ޝައުނާ ވިދާޅުވީ ދިވެހިރާއްޖެއިން މަސް އެކްސްޕޯޓްކުރާ މައިގަނޑު ބައެއް މާކެޓްތަކުން ނަގާ ޓެރިފް ބޮޑު ކަމަށާއި ދިވެހިރާއްޖެއަކީ ދެމެހެއްޓެނިވި އިޤުތިޞާދެއް އޮތް ފުދުންތެރިޤައުމަކަށް ވުމަށްޓަކައި ދުނިޔޭގެ އެހެންޤައުމުތަކުގެ އެއްބާރުލުންވެސް ރާއްޖެއަށް ބޭނުންވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ނިންމެވުމާ އެއްގޮތަށް، އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ 13 ބާވަތެއްގެ ޕްލާސްޓިކް ތަކެތި، ރާއްޖެއަށް އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުން މަނާކޮށްފައިވާކަން ފާހަގަކުރައްވައި މިނިސްޓަރ ޝައުނާ ވިދާޅުވީ، ރާއްޖޭގެ އަމާޒަކީ 2030 ވަނަ އަހަރު އަންނައިރު އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކްގެ ބާވަތްތައް ރާއްޖޭގައި ބޭނުންކުރުން މުޅިން ހުއްޓާލުން ކަމަށެވެ.
މީގެ އިތުރުން ރާއްޖޭގެ ކަނޑުތަކުގެ 79 ސަރަހައްދެއް ހިމާޔަތްކޮށްފައިވާ ތަންތަނުގެ ގޮތުގައި ކަނޑައަޅާފައިވާއިރު، އޭގެތެރޭގައި ހިމެނޭ 14 އިންސައްތައަކީ މުރަކައިގެ ފަރުތައް ކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ޝައުނާ ވިދާޅުވީ، ކަނޑުތައް ހިމާޔަތްކޮށް ދެމެހެއްޓުމަކީ އެއް ޤައުމަކަށް އެކަނި ކުރެވޭނެ ކަމެއް ނޫންކަމަށާއި ކަނޑުތައް ރައްކާތެރި ކުރުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރުމާއި މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވަމުން އަންނަ ގެއްލުންތަކުން އަރައިގަތުމަށް ޤައުމުތަކުން ގުޅިގެން ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތް ކުރަން ޖެހޭ ކަމުގައި އެކަމަނާ ވިދާޅުވިއެވެ.
މިނިސްޓަރ ޝައުނާ ވިދާޅުވީ ރާއްޖޭގެ މުރަކައިގެ ފަރުތައް ސަލާމަތް ކުރުމަށްޓަކައި ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީއަށްވުރެ މަތިވިޔަނުދީ ހިފެހެއްޓުމަށް ވެސް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.