އައިޑީ ކާޑުގެ ޑިޒައިނަށް ބަދަލު ގެންނަން ނިންމައިފި

ފޮޓޯ: ޕީއެސްއެމް

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ޑިޒައިނަށް ބަދަލު ގެންނަން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން ނިންމައިފިއެވެ.

ޑީއެންއާރް އިން ކުރި އިޢުލާނެއްގައި ބުނީ މިހާރު ބޭނުންކުރާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ޑިޒައިން ބަދަލުކޮށް ސަލާމަތީގޮތުން ފުރިހަމަ އިތުބާރާ ޔަޤީންކަން އޮންނަ ޒަމާނީ ސެކިއުރިޓީ ފީޗާރސްތަކާއިއެކު ސްމާޓް އައި.ޑީ ކާޑެއް ތަޢާރަފުކުރުމަށް ނިންމަވާފައިވާކަމަށެވެ.

އެހެންކަމުން މިކާޑު ފަރުމާކުރުމަށް އެދޭ ފަރާތްތަކުން އެ ޑިޕާޓްމަންޓަށް ޕްރޮޕޯސަލް ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ.

އައި.ޑީ ކާޑު ފަރުމާކުރާނެ ފަރާތެއް ހޮވާނީ އެފަރާތުގެ ފަންނީ ޤާބިލުކަމާއި ހުށަހަޅާ ކޮންސެޕްޓްގެ ފުރިހަމަކަމަށް ބެލުމަށްފަހުގައި ކަމަށާއި އައިޑީކާޑު އެންމެ ފުރިހަމައަށް ފަރުމާކުރި މީހަކަށް ދެލައްކަ ރުފިޔާގެ އިނާމެއްގެ ދިނުމަށް ނިންމާފައިވާ ކަމަށް ވެސް ޑިއެންއާރުން ބުނެއެވެ.

" އައިޑީ ކާޑު ފަރުމާކުރުމަށް ޝޯޓްލިސްޓްވާ ތިން ފަރާތަށް އަގުވަޒަންކުރުމުގެ ރަސްމީ ލިޔުމެއް ލިބޭނެ. ހުށަހަޅާފައިވާ އައިޑީ ކާޑުގެ ކުރެހުންތައް އާންމުކޮށް ހުޅުވާލާ މައުރަޒެއްގައި ދައްކާ، އެ ކުރެހުންތައް ރަސްމީކޮށް އާންމު ކުރެވޭނެ." ޑީއެންއާރުން ބުނެއެވެ.

ޕްރޮޕޯސަލް ބަލައިގަތުމުގެ ސުންގަޑި އަކީ އަންނަ ޖުލައި މަހުގެ 21 ވަނަ ދުވަހުގެ 14:00 ކުރިންނެވެ.

އައީޑކާޑުގެ ކޮންސެޕްޓްގައި ހިމެނޭ ބައެއް ކަންކަމުގެ ތެރޭގައި އައި.ޑީ ކާޑު އަދި ހޮލޮގްރާމް ބޭނުން ސައިޒަކަށް ކުރެހުނުނަމަވެސް ކާޑުގެ ސައިޒަކީ ފުޅާ މިނުގައި 54 މިލިމީޓަރު އަދި ދިގު މިނުގައި 85 މިލިމީޓަރެވެ.

ކުރެހުންތައް ހުންނަންވާނީ އިސްލާމީ އުޞޫލުތަކާއި ރާއްޖޭގެ ޤާނޫނުތަކާއި ޢާއްމުކޮށް ދިވެހިން ޤަބޫލުކުރާ އިޖްތިމާޢީ މިންގަނޑުތަކާއި ޚިލާފުނުވާ ގޮތަށް ހުރުމާއި ކުރެހުމުގައި ދިރިހުރި ނުވަތަ މަރުވެފައިވާ މީހެއްގެ ސޫރަ ހިމަނައިގެން ނުވާނެ ކަމަށް ޑީއެންއާރް އިން ބުނެއެވެ.

އައިޑީ ކާޑުގެ ޑިޒައިނަށް ބަދަލު ގެންނަން ނިންމާފައިވާއިރު، ސަރުކާރުން ވަނީ ރާއްޖޭގައި ޑިޖިޓަލް އައިޑީކާޑު ބޭނުންކުރަން މިއަހަރުގެ ފަހުކޮޅު ފަށާނެކަމަށް އިޢުލާންކޮށްފައެވެ.

މިހާރު ބޭނުންކުރާ އައިޑީ ކާޑަކީ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގައި 1980ގެ ތެރޭގައި ބޭނުންކުރަންފެށި ކާޑެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.