ބަންގްލާދޭޝްގައި މިހާތަނަށް ބިނާކުރި އެންމެ ދިގު ބުރިޖު ބޮޑުވަޒީރު ޝޭޚް ޙަސީނާ މިއަދު ރަސްމީކޮށް ހުޅުއްވަވައިފިއެވެ. ޕަދްމާ ކޯރު ހުރަސްކޮށް އަޅާފައިވާ 6.51 ކިލޯމީޓަރުގެ މި ބުރިޖު ނިންމަން 8 އަހަރު ހޭދަވިއިރު އެއަށް ހިނގި ޚަރަދު 3.6 ބިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ.
ވެރިރަށް ޑާކާއާއި، ކުޑަކޮށް ތަރައްގީވެފައިވާ ދެކުނުގެ ސަރަހައްދުތައް ގުޅާލުމުގެ މަގުސަދުގައި ބިނާކުރި، ރޭލްވޭ އާއި 4 ލޭނުގެ މަގު ހިމެނޭ މި ބުރިޖުގެ ސަބަބުން ވެރިރަށް ޑާކާއާއި، ބަންގްލާދޭޝްގެ އެންމެ ބޮޑު ބަނދަރު މޮންގްލާއާއި ދެމެދުގެ ރާސްތާ 100 ކިލޯމީޓަރު ކުރުވެގެން ދާނެއެވެ.
ބަންގްލާދޭޝްގައި އެންމެ ބޮޑަށް ފާހަގަވާނޭ އެެއް ބިނާ ކަމުގައިވާ ޕަދްމާ ބުރިޖު މިއަދު އިފްތިިތާހު ކުރައްވަމުން ބޮޑުވަޒީރު ހަސީނާ ވިދާޅުވި ގޮތުގައި އެ ބުރިޖަކީ ހަމައެނި ސިމެންތިއާއި ގަލެއް ނޫނެވެ. ބަންގްލާދޭޝްގެ ފަޚުރުވެރިކަމާއި، ފޯރުންތެރިކަމާއި، އަމިއްލަ އިއްޒަތުގެ ނިޝާނެކެވެ.
2015 ވަނަ އަހަރުގެ ނޮވެންބަރު މަހު އަމަލީ މަސައްކަތް ފެށި 'ފަދްމާ މަލްޓިޕާޕަސް ބްރިޖް' ޑާކާއާއި، ގައުމުގެ ހުޅަނގު ދެކުނުގެ 21 ޑިސްޓްރިކްޓެއް ގުޅާލަދޭއިރު، 300 ވަރަކަށް ކިލޯމީޓަރުގެ އެ ރާސްތާ ކަޑައްތުކުރުމަށް މީގެ ކުރިން 15 ގަޑިއިރާ 22 ގަޑިއިރާ ދެމެދު ހޭދަކުރަން ޖެހެއެވެ. މި ވަގުތު އެތައްތަނެއް ކުޑަކޮށްދޭނެ މި ބުރިޖު އާއްމުންނަށް ބުރިޖު ހުޅުވާލުމަށް ހަމަޖެހިފައިވަނީ އާދިއްތަ ދުވަހުން ފެެށިގެންނެވެ.
ބަންގްލާދޭޝް ސަރުކާރުން ބުނެފައިވާ ގޮތުގައި ބުރިޖުގެ މަސައްކަތަށް ފައިސާ ދޫކުރަން ވާލްޑް ބޭންކާއި އެހެން ބައެއް ފަރާތްތަކުން އެއްބަސްވި ނަަމަވެސް، ބީލަން މަރުހަލާގައި ހިނގި ކަމަށް ބުނާ ކޮރަޕްޝަންގެ އަމަލުތަކާ ގުޅިގެން ވާލްޑް ބޭންކާއި، ބައިނަލްއަގުވާމީ އެހެން ފަރާތްތަކުން ބުރިޖުގެ މަަސައްކަތާ ދުރަށް ދިއުމުން ބުރިޖު އަޅާފައި ވަނީ އަމިއްލަ ފައިސާ ޚަރަދުކޮށްގެންނެެވެ.
ވާލްޑް ބޭންކުން އޭރު ބުނީ އެ ބޭންކުން 2012 ވަނަ އަހަރު ބުރިޖުގެ މަޝްްރޫއަށް ދޭން ނިންމާފައި އޮތް 1.2 ބިލިއަން އެމެރިކާ ޑޮަަލަރު ނުދޭން ނިންމީ ބްރިޖު ޕްލޭންކުރި ކެނެޑާގެ ކުންފުންޏަކާ ގުޅުންހުރި ކޮރަޕްޝަންގެ މައްސަލަތަކާ ގުޅިގެންނެވެ. ވާލްޑް ބޭންކުން މަޝްރޫއާ ދުރަށް ދިއުމާއެކު، އޭޝިޔަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)، ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އަދި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) ވެސް މަޝްރޫއާ ދުރަށް ދިޔައެވެ.
ސަރުކާރުގެ އަމިއްލަ ޚަރަދުގައި ބުރިޖު ބިނާކުރަން ޝޭޚް ހަސީނާ ނިންމެވުމުން ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް އަމާޒުވިއެވެ. އެހެންނަމަވެސް، އޭނާ ވަނީ އެކަމުގައި ކުރިއަށް ވަޑައިގެން ބުރިޖުގެ މަސައްކަތް ނިންމަވާފައެވެ.
"އަހަރުމެން މިވަނީ އަހަރުމެންނަށް ކުރެވޭނެކަން ދުނިޔެއަށް ދައްކާފައި." އޭނާ ވިދާޅުވިއެވެ.
ޗައިނާގެ ރޯޑް އެންޑް ބެލްޓް އިނިޝިއޭޓިވްގައި ނުހިމެނުނުނަމަވެސް، ޕަދްމާ ބުރިޖުގެ އަމަލީ މަސައްކަތްކޮށްފައި ވަނީ ޗައިނާގެ ރޭލްވޭ މޭޖާ ބްރިޖް އިންޖިނިއަންރިންގ ގްރޫޕް (އާރްއެމްބީއީޖީ) އިންނެވެ.