މިއަހަރުގެ ރިޔާސީ އިންތިޚާބު ރައީސް އަބްދުﷲ ޔާމީން ކާމިޔާބު ކުރައްވައި ރިޔާސީ ދެދައުރު ނިންމަވާލައްވާ ހިސާބުން 2023 ވަނަ އަހަރު އޮންނަ އިންތިޚާބުވެސް ޕީޕީއެމް ކާމިޔާބުކޮށް ރައީސް ޔާމީނާ އެއްފެންވަރެއްގެ ބޭފުޅަކާ ގައުމު ހަވާލު ކުރައްވާނެ ކަމަށް ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ "ރުމާލު2" ޖަގަހައިގައި ރޭ އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުން އަޒްލީން ވިދާޅުވީ ރައީސް ޔާމީން ރިޔާސީ ދެދައުރު ނިންމަވާލައްވައި، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ހަމައަށް ދާއިރު ރައީސް ޔާމީން ނޫން އެހެން ބޭފުޅަކާ ގައުމުގެ ވެރިކަން ހަވާލު ކުރައްވާނީ ދިވެހި ރައްޔިތުން "ގަދަކަމުން ވެރިކަމުގައި ބަހައްޓަން ބޭނުން ނުވެއްޖެނަމަ" ނަމަ ކަމަށެވެ. ނަމަވެސް އޭގެ ތަފްސީލެއް މިނިސްޓަރު ނުދެއްވިއެވެ.
އަޒްލީން ވަނީ އިދިކޮޅު ފަރާތްތަކަށްވެސް ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ. އެގޮތުން އިދިކޮޅު އެންމެބޮޑު ޕާޓީ ކަމަށްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް މުޙަންމަދު ނަޝީދު ކަމަށް އެމްޑީޕީގެ އިސްފަރާތްތަކުން ދައްކާ ވާހަކަ ތަކަށް ރައްދު ދެއްވައި އަޒްލީން ވިދާޅުވީ މިއަހަރު އޮންނަ ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާސް ކޮޅުގައި ރައީސް ނަޝީދުގެ ނަން ނޯންނާނެކަން "ސަތޭކަ ޕަސެންޓް ޔަގީން" ކަމަށެވެ. އަޒްލީން ވިދާޅުވީ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓެއްގެ ނަންވެސް ނޯންނާނެ ކަމަށެވެ.
އަޒްލީން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ބޭރުގެ ފަރާތްތަކާ ގުޅިގެން ސަރުކާރަށް ޕްރެޝަރު ކުރިޔަސް ވެރިކަން ވައްޓާނުލެވޭނެ ކަމަށާއި އަދި އިދިކޮޅު ހަރަކާތްތަކަށް މަގު މައްޗަށް ނުކުންނާނެ މީހަކުވެސް މިހާރު ނުވާ ކަމަށް އަޒްލީން ވިދާޅުވިއެވެ.