ޔޯގާ ހަރަކާތް ހުއްޓުވި މީހުންގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނަން: ރައީސް ސާލިހު

ފޮޓޯ: މަރިޔަމް ޝިއުނާ (ނަންނަ) ޓްވިޓަރ

ޔޯގާ ހަރަކާތް ހުއްޓުވި މީހުންގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބައްލަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާޅިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް މިއަދު ހެނދުނު ގަލޮޅު ރަސްމީ ދަނޑުގައި ކުރިއަށް ދިޔަ ހަރަކާތް، ބަޔަކު ނިކުމެ ހުއްޓުވުމުން ކުރެއްވި ޓްވީޓެއްގައެވެ.

ރައީސްގެ ޓްވީޓުގައި ވިދާޅުވީ ގަލޮޅު ދަނޑުގައި ހިނގައިދިޔަ ހަމަނުޖެހުންތައް ފުލުހުން ތަހުގީގުކުރަން ފަށާފައިވާ ކަމަށާއި އެއީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށެވެ.

ރައީސް ވިދާޅުވީ އެ މައްސަލަ ތަހުގީގު ކުރަމުން ދަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ކަމަށާއި އެކަމުގައި ޝާމިލުވާ މީހުން ގާނޫނުގެ ކުރިމައްޗަށް ގެންނާނެ ކަމަށެވެ.

ޔޫތު މިނިސްޓްރީ އާއި އިންޑިއާ ހައި ކޮމިޝަނާއި އިންޑިއަން ކަލްޗަރަލް ސެންޓަރު ގުޅިގެން ޔޯގާ ގެ ހަރަކާތްތައް ކުރިއަށް ދަނިކޮށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ގަލޮޅު ދަނޑަށް ވަދެފައިވަނީ އިސްލާމްދީނުގެ ދިފާއުގައި ހަދާފައި ހުރި ދިދަތަކެއް ހިފައިގެންނެވެ.

މި މީހުން ދަނޑަށް ވަނުމާއެކު ޔޯގާ ކަސްރަތު ކުރަން ތިބި މީހުން ވަނީ ޔޯގާ ހުއްޓާލުމަށް ފަހު ދަނޑުން ނިކުމެފައެވެ.

ޔޫތް މިނިސްޓަރ އަހަމަދު މަހްލޫފް ވިދާޅުވީ ޔޯގާ ދުވަހަކީ 2014 އިން ފެށިގެން ރާއްޖޭގައި ފާހަގަކުރަމުން އަންނަ ދުވަހެއް ކަމަށެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުގައިވެސް ޔޯގާ ދުވަސް ހާމަކަން ބޮޑު ގޮތެއްގައި ފާހަގަކޮށްފައިވާކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.