ރާއްޖޭގައި ބޭރުގެ ކުޅިވަރު މުބާރާތްތައް ބޭއްވުމުން ދިވެހި ކުޅުންތެރިންނަށް އޭގެ ފައިދާ ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ އއ. އުކުޅަހުގައި ފެށި ވެސްޓަރން އޭޝިއަން ޖޫނިއަރ ޗެސް ޗެންޕިއަންޝިޕުގައި ބައިވެރިވުމަށް މާލެއިން ފުރާ ދިވެހި ރާޒުވާ ކުޅުންތެރިންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވަނީ އެފަދަ މުބާރާތްތަކަކީ ދިވެހިރާއްޖޭގައި އެ ކުޅިވަރެއް ތަރައްޤީ ކުރުމަށް ލިބޭނެ ކުރިއެރުމެއްގެ ގޮތުގައި ވެސް ސިފަކުރެއްވިއެވެ.
ހުރިހާ ކުޅިވަރަކަށް ހަމަހަމަ ފުރުޞަތު ދިނުމަށް ސަރުކާރުން ކުރާ މަސައްކަތުގައި ރަނގަޅު ހިސާބަކަށް އާދެވިފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެކި އުމުރުފުރައިގެ މީހުނަށް ކުޅެވޭ އެކިއެކި ކުޅިވަރުގެ ފުރުޞަތުތައް ފަހިކޮށްދީ އެ ކުޅިވަރުތައް ތަރައްޤީ ކުރުމަށްޓަކައި ހުރިހާ ކުޅިވަރަކަށް ހަމަހަމަ ފުރުޞަތު ދިނުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން ގެންގުޅޭ އެއް ސިޔާސަތަކީ ރާއްޖޭގައި ބައިނަލްއަޤްވާމީ ކުޅިވަރު މުބާރާތްތައް ބޭއްވުން ކަމަށެވެ.
ވެސްޓަރން އޭޝިއަން ޖޫނިއަރ ޗެސް ޗެމްޕިއަންޝިޕުގައި ނުވަ ޤައުމަކުން ބައިވާއިރު، 8 އަހަރާ 18 އަހަރާ ދެމެދު 160 ރާޒުވާ ކުޅުންތެރިން ބައިވެރިވާނެއެވެ.
މި މުބާރާތުގައި ބައިވެރިވުމަށް މާލެއިން 30 ކުއްޖަކު އުކުޅަހަށް ދާއިރު، އުކުޅަހުން ވެސް ރާޒުވާކުޅޭ 30 ދިވެހި ކުޅުންތެރިން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.
މި ބައްދަލުކުރެއްވުމުގައި މޯލްޑިވްސް ޗެސް އެސޯސިއޭޝަންގެ ފަރާތުން ވަނީ މި މުބާރާތުގައި ބޭނުންކުރާ ދިވެހި ޓީމުގެ ޖަރޒީއެއް ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އަރުވާފައެވެ.