މަކުނު ވިދުރިއާ ބެހޭގޮތުން ޑަބްލިޔުއެޗްއޯ އެމަޖެންސީ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް

މަކުނު ވިދުރި (މަންކީޕޮކްސް) ދުނިޔޭގެ އާއްމު ސިއްހަތު ކުއްލި ހާލަތަށް ގެންނަ ދަރަޖައިގެ ވަބާއަކަށް ވެފައިވޭތޯ ބެލުމަށް އަންނަ ހަފުތާ ތެރޭގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) ގެ މަޖެންސީ ކޮމިޓީގެ ބައްދަލުވުމެއް ބާއްވަވާނެ ކަމުގައި އެ ޖަމްއިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޯމް ގެބްރަޔޭސަސް ވިދާޅުވެއްޖެއެވެ.  މިއަދު މިކަން ހާމަކުރައްވަމުން އޭނާ ފާހަގަކުރެއްވީ އެ ބަލި މިހާރު ފެތުރެނީ "ކަންބޮޑުވާ  ގޮތަކަށް އާދަޔާ ޚިލާފަށް ކަން ސާފުވާ" ކަމަށެވެ.

މިއަދު ސުވިޒަލޭންޑުގެ ޖެނީވާގައި ހުންނަ ޑަބްލިޔުއެޗްއޯގެ މައި އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވަމުން ގެބްރަޔޭސަސް ހާމަކުރެއްވި ގޮތުގައި މިއަހަރުގެ މިހާތަނަށް މަކުނި ވިދުރި ޖެހިފައިވާކަން ޔަގީންކުރިވިފައިވާ 1600 މީހުންނާއި، ޝައްކުކުރެވޭ 1500 މީހުން ވަނީ ފެނިފައިވާ 39 ގައުމަކުން ޑަބްލިޔުއެޗްއޯއަށް އަންގާފައި ވެއެވެ. އޭގެ ތެރޭން 7 ގައުމަކީ ކުރިއްސުރެ އެބަލި ފެންނަމުން އައިސްފައިވާ ގައުމުތަކަށް ވާއިރު، 32 ގައުމަކީ މުޅިން އަލަށް ބަލި ފެނުނު ގައުމުތަކެވެ.

ކުން މަދުނު ވިދުރި ފެންނަ ގައުތުގަކުގައި އެބަލި ޖެހިގެން މިއަހަރު 72 މީހުން މަރުވެފާއިރު، އަލަށް ބަލި ފެނުނު ގައުމުތަކުން މި ބަލީގައި އަދި މީހަކު މަރުވެފައި ނުވެއެވެ. އެހެންނަމަވެސް، ބްރެޒިލްއިން މިބައްޔާ ގުޅުން ހުރި މަރެއްގެ ޚަބަރު ލިބިފައިވާތީ ޑަބްލިޔުއެޗްއޯއިން މިހާރު ދަނީ އެކަން ކަށަވަރުކުރުމަށް މަސައްކަތްކުރަމުންނެވެ.

"މުޅި ދުނިޔެއަށް މަކުނު ވިދުރި ފެތުރެން ފަށާފައި މިވަނީ އާދާޚިލާފަ ގޮތަކަށް އަދި ކަންބޮޑުވާން ޖެހޭ ދަރަޖައަށް. މިސަބަބަށްޓަކައި އަހަރެން މިވަނީ ބައިނަލް އަގުވާމީ ސިއްހީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެމަޖެންސީ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބާއްވަން ނިންމާފައި. އެއީ ބަލި ފެތުރެނީ ބައިނަލް އަގުވާމީ ކަންބޮޑުވުމަކަށް ވާވަރުގެ ސިއްހީ ކުއްލިހާތުގެ ދަރަޖައިގައިތޯ ބެލުމަށް." ޑިރެކްޓަރ ޖެނެރަލް ވިދާޅުވިއެވެ.

ބައިނަލް އަގުވާމީ ސިއްހީ އުސޫލުތައް (އިންޓަނޭޝަނަލް ހެލްތު ރެގިއުލޭޝަންސް (2005)) އަކީ ދުނިޔޭގެ 196 ގައުމަކުން އެއަށް އަމަލުކުރުން ލާޒިމު އުސޫލުތަކެކެވެ. އެ އުސޫލުތަކުގައި ވަނީ ގައުމުތަކުގެ ސަރަހައްދީ ރޮނގު ހުރަސް ފެތުރޭ ސިއްހީ މައްސަލަތަކުގައި ގައުމުތަކުގެ ހައްގުތަކާއި ވާޖިބުތައް ކަނޑައަޅާ އޮނިގަނޑެއް އެކުލަވާލާފައެވެ.

ޑަބްލިޔުއެޗްއޯއިން މިހާރު ވަނީ މަކުނު ވިދުރީގެ ފަރުވާއެއްގެ ގޮތުގައި ކަށި ވިދުރި ވެކްސިން ބޭނުންކުރާނެ ގޮތުގެ އުސޫލެއް އާއްމުކޮށްފައެވެ. އެހެންނަމަވެސް، ގެބްރެޔޭސަސް މިއަދު ވިދާޅުވިގޮތުގައި، ފުޅާ ދާއިރާއެއްގައި ކަށި ވިދުރި ވެކްސިން ޖަހަން ފެށުމަށް ޑަބްލިޔުއެޗްއޯއިން އަދި އިރުޝާދު ނުދޭކަމަށެވެ.  

"(މަކުނު ވިދުރީގެ) ނުރައްކަލާއި، އެއާ ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅުތަކާމެދު ހޭލުންތެރިކަން އިތުރުކުރުމަކީ މުހިއްމު ކަމެއް. އެއީ، ފިރިހެނުންނާ ޖިންސީ ގުޅުން ހިންގާ ފިރިހެނުން ފަދަ، ބަލިޖެހުމުގެ ނުރައްކާ އޮތް ފަރާތްތަކުގެ މެދުގައި ބަލިފެތުރުމުގެ ފުރުސަތު ކުޑަކުރުމަށް." ޑިރެކްޓަރ ޖެނެރަލް ވިދާޅުވިއެވެ.

އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި ޑަބްލިޔުއެޗްއޯއިން މިހާރު ދަނީ ބޭނުންވާ ގައުމުތަކަށް ހަމަހަމަގޮތެއްގައި ވެކްސިން ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށް މަސައްކަތްކުރަމުންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.