އާ އަހަރުގެ ކިޔެވުން ފެށުމާއެކު ތައުލީމީ ނިޒާމަށް ގެންނަން އެންމެ ބޮޑު ބަދަލުގެ ގޮތުގައި ހުރިހާ ސްކޫލެއް ވައިފައިކޮށް، ދަރިވަރުންނަށް ބޭނުންވާ 71 ހާސް ޓެބްލެޓް ހޯދަން އެޑިޔުކޭޝަން މިނިސްޓްރީން ތައްޔާރު ވެއްޖެއެވެ.
އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީއު ވިދާޅުވީ މިއަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ސްކޫލެއް ވައިފައިކޮށް ސްކޫލްތަކަށް ފަސޭހަކަމާއެކު އިންޓަރނެޓުގެ ޚިދުމަތް ފޯރުކޮށް ދެއްވާނެ ކަމަށެވެ. އެ މަސައްކަތް ސްކޫލް ތަކުގައި ކުރުމަށް މިނިސްޓްރީން މިހާރު ވަނީ ދިރާގާ ހަވާލުވެސް ކޮށްފައި ކަމަށް ޝަފީއު ވިދާޅުވިއެވެ. ޝަފީއު ވިދާޅުވީ މިއަހަރުގެ މެއި މަސް ނިމެން ވާއިރަށް ސްކޫލްތައް ވައިފައިކޮށް ނިންމާލެވޭނެ ކަމަށެވެ. މިހާރުވެސް އެ މަސައްކަތް ދިރާގުން ވަނީ ފަށާފައެވެ. އަދި ވައިފައިކޮށް އިންޓަރނެޓުގެ ޚިދުމަތް ސްކޫލްތަކަށް ދޭއިރު ޚިދުމަތް ކެނޑި ދަރިވަރުންނަށް އެކަމުގެ އުދަނގޫނުވާނެ ގޮތަށް އިންތިޒާމް ކުރައްވާނެ ކަމަށްވެސް ޝަފީއު ވިދާޅުވިއެވެ.
ސްކޫލްތައް ވައިފައިކޮށް ފަސޭހަކަމާއެކު އިންޓަނެޓުގެ ޚިދުމަތް ލިބޭއިރު ދަރިވަރުން މިހާރު ގެންގުޅޭ ޓެކްސް ފޮތްތަކުގެ ބަދަލުގައި މިއަހަރުން ފެށިގެން ޓެބްލެޓް ބޭނުން ކުރަންވެސް މިނިސްޓްރީން ވަނީ ނިންމާފައެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ޓެބްލެޓް ދިނުމަށްޓަކައި މިނިސްޓްރީން މިހާރު ވަނީ 71 ހާސް ޓެބްލެޓް ހޯދަން އިއުލާންވެސް ކޮށްފައެވެ.
މިއަހަރު ސްކޫލްތައް ޑިޖިޓަލް ކުރުމަށްޓަކައި މިއަހަރުގެ ބަޖެޓުގައިވެސް އެކަމަށް ބޮޑު އަދަދެއް ޖަހާފައެވެ. އެގޮތުން ބަޖެޓުގައި އެކަމަށް ވަނީ 154 މިލިއަން ރުފިޔާ ހިމަނާފައެވެ.