ވައި-ޕިއަރ ޓްރެއިނިންގ އޮފް ޓްރެއިނަރޒް ޕުރޮގުރާމު" ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމު ފަށްޓަވައިދެއްވައިފިއެވެ.
ސޯސަލް ސެންޓަރު ސެމިނަރ ހޯލްގައި މިއަދު ފެށި މި ޕުރޮގުރާމަކީ ޒުވާނުން ބާރުވެރިކޮށް، އެމީހުންގެ ބައިވެރިވުން އިތުރުކޮށް އެމީހުންގެ ކިބައިގައި ހިންގުމުގެ ހުނަރުތައް އަށަގެންނެވުމަށް ހިންގޭ ޕުރޮގުރާމެކެވެ. ވައި-ޕިއަރ އަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ 2000 އަށްވުރެ ގިނަ ޖަމާޢަތާއި ސަރުކާރުގެ އިދާރާތަކުގެ ޖުމްލަ 3300 ހަރަކާތްތެރި މެންބަރުން ހިމެނޭ ވިއުގައެކެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މި ޕުރޮގުރާމުން ބައިވެރިންނަށް ދަސްވާ ކަންތައްތަކުގެ ބޭނުން ހިފައިގެން މުޖުތަމަޢަށް އޭގެ ހެޔޮ ބަދަލުތައް ގެނެސްދެއްވުމަށް އެދިވަޑައިގަންނަވާފައެވެ. ހަމަ އެހެންމެ، މި ބައިވެރިންނަށް އެމީހުންގެ އެކުވެރި އެހެން ޒުވާނުން ކުށުގެ މާހައުލަށް ވަނުން ހުއްޓުވުމުގެ ގޮތުން މަގުދައްކައިދީ އެހީތެރިވުންފަދަ މުހިންމު ދައުރުތައް އަދާކުރެވިދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން، ޔުނައިޓެޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑް (ޔޫ.އެން.އެފް.ޕީ.އޭ) ގުޅިގެން މަސައްކަތްކުރަމުން ދަނީ ރާއްޖޭގައި ވައި-ޕިއަރ ޤާއިމުކުރުމަށާއި ވައި-ޕިއަރގެ ސަރަހައްދީ މެންބަރަކަށް ހެދުމަށެވެ. މާލެ ސަރަޙައްދާއި އަދި ހަތަރު އަތޮޅެއްގެ 9 ރަށެއްގެ އުމުރުން 18 އަހަރާއި 30 އަހަރާ ދެމުގެ ޖުމްލަ 31 ޒުވާނުން މި ތަމްރީނު ޕުރޮގުރާމުގައި ބައިވެރިވެއެވެ. މި ޕުރޮގުރާމު ކުރިޔަށްގެންދަނީ 10 ދުވަހުގެ މުއްދަތަށެވެ.