ކެމިކަލުން ތަޣައްޔަރުވެފައިވާ ކާބޯތަކެތީގެ ނުރައްކާ އަހަރު 600 މިލިއަނަށް ވުރެ ގިނަ މީހުން ތަހައްމަލުކުރޭ

ކެމިކަލުން ތަޣައްޔަރުވެފައިވާ ކާބޯތަކެތީގެ ނުރައްކާ އަހަރު 600 މިލިއަނަށް ވުރެ ގިނަ މީހުން ތަހައްމަލު ކުރަމުންދާކަމަށް ތަފާސް ހިސާބުތަކުން ދައްކާ ކަމަށް މޯލްޑިވްސް ފްޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.

އެ އިދާރާ އިން މިހެން ބުނީ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ ޑަބްލިއުއެޗްއޯ ގެ އެންމެ ފަހުގެ ތަފާސް ހިސާބާ ހަވާލާދީ އެ ބަޔާނުގައި ބުނީ ޖަރާސީމާއި ތަފާތު ކެމިކަލުން ތަޣައްޔަރުވެފައިވާ ކާބޯތަކެތީގެ ނުރައްކާ އަހަރު 600 މިލިއަނަށް ވުރެ ގިނަ މީހުން ތަހައްމަލު ކުރަމުންދާ ކަމަށެވެ. އަދި މީގެތެރެއިން އަހަރަކު ގާތްގަނޑަކަށް 420,200 މީހުން ފުރާނަ ގެއްލިގެން ދާ ކަމަށެވެ.

ކާބޯތަކެތީގެ ޒަރީއާއިން ޖެހޭ ބަލިތަކުގެ ތެރޭގައި އެންމެ އާދައިގެ ބޭރަށް ހިނގުމުން ފެށިގެން ކެންސަރުފަދަ ނުރައްކާތެރި ބަލިތައް ހިމެނޭކަން ފާހަގަކޮށް އެ އިދާރާއިން ވަނީ ކާބޯތަކެތީގެ ރައްކާތެރިކަން ކަވަރުކުރުމަށް އެކަށީގެންވާ ފިޔަވަޅު އެޅިއްޖެނަމަ އެފަދަ ބަލިން ރައްކާތެރިވާ ކަމަށް ވެސް ބުނެފައެވެ.

އޭގެ ސަބަބުން ގެއްލިގެންދާ ފުރާނައިގެ އަދަދު އިންތިހާއަށް މަދުކުރެވޭނެ ކަމަށާއި މިއީ އާއްމު ސިއްހަތަށް ހުރި ގޮޖެހުމެއްގެ އިތުރުން އިގްތިސާދަށް ވެސް އޮތް ބޮޑު ގޮންޖެހުމެއް ކަމަށް ތަޖުރިބާކާރުން ފާހަގަކުރާ ކަމަށް ވެސް އެމްއެފްޑީއޭއިން ބުނެއެވެ.

އެފްޑީއޭ އިން ވަނީ ކާބޯތަކެތީގެ ރައްކާތެރިކަން ދެމެހެއްޓުމަކީ އެންމެންގެ ޒިންމާއެއް ކަމަށް ދެކި މަސައްކަތްކުރުމަށް ވެސް ވަނީ ގޮވާލާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.