އޮޅުވާލައިގެން ސިޔާސީ ޕާޓީތަކަށް މީހުން ވައްދާތީ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި

އޮޅުވާލައިގެން ސިޔާސީ ޕާޓީތަކަށް މީހުން ވައްދާތީ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޢަބްދުﷲ ޝަފީގެވެ.

އޭނާ މި މައްސަކލަ ހުށަހެޅުއްވީ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެމްބަރުންނަށް ނޭގި ޕާޓީ ބަދަލު ކުރުމާއި، ޕާޓީތަކަށް ނިސްބަތްނުވާ އެފަދަ ޝައުގުވެރިކަމެއް ނެތް މީހުން ޕާޓީތަކަށް މީހުން ވައްދާ މައްސަލާގައި ހުރި ކަންބޮޑުވުންތައް ފާޅުކުރައްވާފައެވެ.

ވަރަށްބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ޢާންމު ރައްޔިތުންގެ މެދުގައި މިހާރުވެސް އޮތް މި މައްސަލަ އެންމެ ބޮޑަށް ފެންމަތިވެގެންދިޔައީ އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޒިޔާދަށް ނޭގި ދާދިފަހުން އުފެއްދި އެމްއެންޕީގެ ރަޖިސްޓްރީ ކުރި ހިސާބުންނެނެވެ.

މިމައްސަލަ މިހާރުވެސް ދަނީ ކަމާއި ގުޅުންހުރި އިދާރަތަކަށް ހުށަހަޅައިގެން ބަލަމުންނެވެ.

މިއަދު ހުށަހެޅި މައްސަލާގައި ވެސް ޒިޔާދު ވަނީ އޭނާއަށް އެމްއެންޕީއަށް ވައްދާފައިވާ މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް ޒިޔާދު ވިދާޅުވީ އޭނާ އެމްއެންޕީއަށް ވައްދާފައިވަނީ ޕާޓީތަކަށް ވެއްދުމަށް ފުރަންޖެހޭ ފޯމުގައި ފުރިހަމަ ކުރަންޖެހޭ ހުރިހާ ބައެއް ފުރައި ބޮޑު އޮޅުވާލުމެއްގެ ތެރެއިންކަމަށެވެ.

މިމައްސަލާގައި ވާހަކަ ދެއްކެވި ގިނަ މެމްބަރުން ވިދާޅުވީ ސިޔާސީ ޕަޓީތަކަށް މެމްބަރުން ވެއްދޭނެ އުސޫލުތަކެއް އޮތް އިރު، މިކަމުގައި އެންމެ ބޮޑު ޒިންމާއެއް އޮތީ ސިޔާސީ ޕާޓީތަކުގައި ކަމަށެވެ.

ނަމަވެސް އިލެކްޝަން ކޮމިޝަނުން ވެސް އަދާކުރަންޖެހޭ ޒިންމާ އަދާކުރުމުގައި މިހާރަށްވުރެ ބޮޑަށް ޒިންމާދާރުކަމާއިއެކު މަސައްކަތް ކުރަންޖެހޭކަމަށް މެމްބަރުން ވަނީ ފާހަގަކުރައްވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.