ޒީސިނޭ އެވޯޑް 2018 އަންގާރަ ދުވަހުގެ ރޭ ބާއްވައިފިއެވެ. މިއީ ހިންދީ ފިލްމު ހަފްލާތަކުގެ ތެރެއިން ގިނަ ބަޔަކު އިންތިޒާރު ކުރާ އެއް ހަފްލާ އެވެ. ރޭގެ ހަފްލާގައި ބޮލީވުޑްގެ މަޝްހޫރު ގިނަ ފަންނާނުން ތަކެއް ބައިވެރިވިއެވެ. އޭގެ ތެރޭގައި ޕްރިޔަންކާ ޗޯޕްރާ، ސްރީދޭވީ، ކަރަން ޖޯހަރު، ޝާހު ރުކް ޚާން، ކެޓްރީނާ ކައިފް، ވަރުން ދަވަން އަދި އާލިއާ ބަޓް ހިމެނެއެވެ.
ރޭގެ ހަފްލާގައި ބެސްޓް ސަޕޯޓިން އެކްޓަރު (ފިރިހެން) ގެ އިނާމު ލިބުނީ އަނިލް ކަޕޫރް އަށެވެ. އޭނާއަށް މި އިނާމު ލިބުނީ މުބާރަކާން ގައި ކުޅެފައިވާ ރޯލަށެވެ. ބެލުންތެރީންެގެ ހޮވުމުން އެއްވަނަ ފިލްމަކަށް ހޮވިފައިވަނީ ޓޮއިލެޓް އެކް ޕްރޭޕް ކާތާ އެވެ. ބެލުންތެރީންގެ ހޮވުމުން އެންމެ މޮޅު އަންހެން ތަރިއަކަށް ހޮވިފައިވަނީ އާލިއާ ބަޓް އެވެ. އޭނާ އަށް މި އިނާމު ލިބުނީ ބަދްރިނާތުކީ ދުލްހަނިޔާގައި ކުޅެފައިވާ ރޯލަށެވެ. އެ ފިލްމުގައި އަދާކޮށްފައިވާ ރޯލަށް ވަރުން ދަވަން އަށްވަނީ އެންމެ މޮޅު ފިރިހެން ތަރީގެ އިނާމު ލިބިފައެވެ. ބެލުންތެރީންގެ ހޮވުމުން އެންމެ މޮޅު ފިރިހެން ތަރިއަކީ ފިލްމު އެލްއެލްބީ ޓޫ ގެ ތަރި އަކްޝޭ ކުމާރް އެވެ. އަދި އެންމެ މޮޅު އަންހެން ތަރިއަކަށް ހޮވިފައިވަނީ ސްރީދޭވީ އެވެ. އޭނާއަށް މި އިނާމު ލިބުނީ ފިލްމު މަމް ގައި އަދާކޮށްފައިވާ ރޯލަށެވެ.
އެންމެ މޮޅު ފިލްމަކަށް ހޮވިފައިވަނީ ގޯލްމާލް އެގެއިން އެވެ. މިއީ ރޯހިތު ޝެޓީ ޑައިރެކްޓްކޮށްފައިވާ ހެއްވާ ފިލްމެކެވެ. މި ފިލްމުގެ ތަރީންގެ ތެރޭގައި އަޖޭ ދޭވަގަން އާއި ޕަރިނީތީ ޗޯޕްރާ އާއި އަރްޝަދު ވާރްސީ އާއި ތުޝާރް ކަޕޫރް އާއި ތަބައްސުމް ފާތިމާ ހާޝްމީ (ތާބޫ) ހިމެނެއެވެ.
ރޭގެ ހަފްލާގައި ޝާހް ރުކް ޚާނަށް ވަނީ ޚާއްޞަ އިނާމެއް ދީފައެވެ. އެއީ ވޭތުވެދިޔަ 25 އަހަރު ޓީވީ އާއި ފިލްމު އިންޑަސްޓްރީ އަށް މެދު ކެނޑުމެއް ނެތި ޚިދުމަތް ކުރަމުން އައިސްފައިވާތީ އެކަން ފާހަގަ ކޮށް ދިން ޝަރަފުގެ އިނާމެކެވެ. އަމީތާބް ބައްޗަން އަށްވެސް ޝަރަފުވެރި އިނާމެއް ލިބުނެވެ. އޭނާއަސް ލިބުނީ އެކްސްޓްރާއޯޑިނަރީ ލެޖެންޑްގެ އެވޯޑް ލިބުނެވެ. އަދި އޭބީސީ އިން ދައްކާ ޓީވީ ޝޯ ކުއަންޓިކޯގެ ތަރި ޕްރިޔަންކާ ޗޯޕްރާއަށް ވެސް މުހިއްމު އިނާމެއް ލިބުނެވެ. އޭނާ އަށް ލިބުނީ ގްލޯބަލް އައިކޯން އެވޯޑް އެވެ.