ނޫމަރާގައި ހަތަރު އަހަރުގެ ދަރިފުޅު މަރާލި ޝާހިދާއަށް އަދަބު ކަނޑައެޅުން ފަސްކޮށްފި

ފޮޓޯ: ސަން

ށ. ނޫމަރާގައި ހަތަރު އަހަރުގެ ދަރިފުޅު މަރާލި ށ.ފުނަދޫ ދިނަށަ، އާމިނަތު ޝާހިދާގެ މައްޗަށް އަދަބު ކަނޑައެޅުން ފަސްކޮށްފިއެވެ.

ޝާހިދާ އޭނާގެ ދަރިފުޅަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވަނީ 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު، ނޫމަރާ ރީޑަރސްވިލާ ގޭގެތެރޭގައެވެ.

އެނގި ހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ، ދައުލަތުން އެ މައްސަލާގައި ޝާހިދާގެ މައްޗަށް އުފުލާފައިވާއިރު، އެ މައްސަލާގައި ހެއްކާއި ޤަރީނާ ހުރި މިންވަރަށް ރިއާޔަތްކޮށް ކްރިމިނަލް ކޯޓުން ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ޙުކުމްކޮށްފައެވެ. އެއީ މިދިޔަ މެއި މަހުގެ 22 ވަނަ ދުވަހުއެވެ.

މި މައްސަލާގައި ކުއްޖާގެ ވާރިސުންގެ ބަސް ވެސް ކްރިމިނަލް ކޯޓުން ނަގާފައިވާއިރު، ސިއްރުކޮށްގެން ކުރިއަށް ގެންދާ މި މައްސަލައާއި ގުޅޭގޮތުން ކްރިމިނަލް ކޯޓުން ބުނީ ކުޑަކުއްޖާގެ ވާރިސުންގެ ގޮތުގައި ހުރީ އެންމެ މީހެއް ކަމަށެވެ. އަދި ގިސޯސް ހިފަން ވެސް އަދި މަރުގެ ދިޔަވެސް ބޭނުންނުވާކަމަށް އޭނާ ކޯޓުގައި ބުނެފައިވާ ކަމަށެވެ.

މި މައްސަލައިގައި ޝާހިދާއަށް ހުކުމް އިއްވުން މިއަދަށް ތައާވަލުކުރި ނަމަވެސް މިއަދުގެ މަޖިލިސް ކުރިއަށް އޮތް ބުދަ ދުވަހު ކުރިއަށް ގެންދިއުމަށް މިހާރުވަނީ ނިންމާފައެވެ.

ހަތަރު އަހަރުގެ އެކުއްޖާ މަރާލާފައިވަނީ މީގެ ހަ އަހަރު ކުރިންނެވެ. އަދި އެ ކުޑަކުއްޖާ މަރާލާފައިވަނީ ކަރުގެ ތިން ތަނަކަށާއި ކޮނޑުހުޅާ ދިމާލުން ހަތަރު ތަނަކަށް އަދި ކަނާތުގެ ދެ ތަނަކަށާއި ދަތްދޮޅިއަށް ހަމަލާދީގެން ކަމަށް އޭރު ފުލުހުން ބުނެފައިވެއެވެ.

އެ ހަމަލާދިންތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭ ޝާހިދާ ހައްޔަރުކޮށް ބަންދުކޮށް، އެއަށްފަހު އޭނާގެ މައްޗަށް އެނގިހުރެ މީހަކު މެރުމުގެ ދައުވާ އުފުލިއެވެ. ކުޑަ ކުއްޖަކު ހިމެނޭ މައްސަލައަކަށްވާތީ ކުރިމިނަލް ކޯޓުގައި ޝަރީއަތް 2016 ވަނަ އަހަރު ފެށީ ސިއްރުކޮށްގެންނެވެ.

މި މައްސަލާގައި ފުލުހުންގެ ތަހުގީގުން ހާމަވި ގޮތުގައި އެކުއްޖާ މަރާލިއިރުވެސް ޝާހިދާގެ ނަފްސާނީ މައްސަލަތަކެއް ހުއްޓެވެ. ސައިކޮލޮޖިކަލް އެސެސްމެންޓުތަކެއް ހަދައި ސައިކޭޓްރިސްޓަކަށް ދައްކާ ފަރުވާ ކުރަމުން ގެންދާ ކަމަށް ފުލުހުން އޭރު ބުނެފައިވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.