އިނގިރޭސިވިލާތުގެ ރާނީގެ "ޕްލެޓިނަމް ޖުބިލީ" ފާހަގަކުރުމުގައި އެމްއެންޑީއެފުން ބައިވެރިވެއްޖެ

އިނގިރޭސިވިލާތުގެ ރާނީ އަދި ކޮމަންވެލްތުގެ ހެޑް، ކުއީން އެލިޒަބަތުގެ ރަނިކަމަށް 70 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ޔުނައިޓަޑް ކިންގްޑޮމްގައި ބޭއްވި "ޕްލެޓިނަމް ޖުބިލީ ޕޭޖަންޓް" ގައި އެމްއެންޑީއެފުން ބައިވެރިވެއްޖެއެވެ.

ކުއީން އެލިޒަބަތުގެ ޕްލެޓިނަމް ޖުބިލީ ފާހަގަކުރުމުގެ ގޮތުން ޔޫކޭގައި ޖޫން މަހުގެ 2 އިން 5 އަށް ތަފާތު ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މީގެ ތެރެއިން އެންމެ ފަހު ދުވަހު، ޔުނައިޓެޑް ކިންގްޑޮމް އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުން ނިސްބަތްވާހެން ދިހަހާހަށް ވުރެން ގިނަ މީހުން ވަނީ 3 ކިލޯމީޓަރު ރޫޓެއްގެ ޕޭޖަންޓުގައި ބައިވެރިވެފައެވެ.

ޖުމްލަ ހަތަރު އެކްޓަކަށް ބަހާލެވިގެން ކުރިއަށްދިޔަ މި ޕޭޖަންޓުގައި އެކުލެވުނު ފުރަތަމަ އެކްޓަކީ، ކޮމަންވެލްތަށް ނިސްބަތްވާ އެންމެހާ ޤައުމުތަކުގެ އަސްކަރިއްޔާތަކުން ބައިވެރިވި އެކްޓެކެވެ.

ކޮމަންވެލްތުގެ ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނި، މި ޕޭޖަންޓުގައި ބައިވެރިވުމަށް ދައުވަތު ލިބިފައިވުމާއެކު، އެމްއެންޑީއެފުން މޭޖަރ މުޙައްމަދު ނަޒީމާއި، ސާޖަންޓް މޭޖަރ ސަމްޙާ ޔޫސުފާއި، ސްޓާފް ސާޖަންޓް އިބްރާހީމް ފައިސަލް، އަދި ސާޖަންޓް އިބްރާހީމް ޝަފީޤު ވަނީ ޕޭޖަންޓުގައި ބައިވެރިވުމަށް ޔޫކޭއަށް ދަތުރުކޮށްފައެވެ.

މި ޕޭޖަންޓުގައި ބައިވެރިވި ޤައުމުތަކުގެ އަސްކަރިއްޔާތަކުން މާޗު ކޮށްފައިވަނީ އެމީހުންގެ ޔުނިފޯމުގައި، އެ ޤައުމެއް ރަމްޒުކޮށްދޭ ދިދަ ހިފައިގެންނެވެ.

ކުއީން އެލިޒަބަތު ސެކަންޑް އިނގިރޭސި ވިލާތުގެ ރަނިކަމާ ހަވާލުވެލެއްވީ 1952 ވަނަ އަހަރުގެ ފެބުރުވަރީ މަހު، އުމުރުން 25 އަހަރުފުޅުގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.