ބިމުގެ ވެށި ޙިމާޔަތްކޮށް ރައްކާތެރިކުރުމަކީ، މިބިންމަތީގައި އިންސާނީ ދިރުން ދެމެހެއްޓުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް: ރައީސް

މިބިމުގެ ވެށި ޙިމާޔަތްކޮށް ރައްކާތެރިކުރުމަކީ، މިބިންމަތީގައި އިންސާނީ ދިރުން ދެމެހެއްޓުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ޚިޠާބު ގައި އެމަނިކުފާނު ވަނީ ދިވެހީންގެ ޢަމަލުތަކުން ކަނޑުތައް ތަޣައްޔަރު ނުކުރުމާއި، ގޮނޑުދޮށްތަކާއި ފަރުތައް ހަލާކު ނުކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީއަށް އިސްކަންދިނުންފަދަ ކަންކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ތިމާވެށި ޙިމާޔަތްކޮށް ރައްކާތެރިކުރުމުގެ މަސައްކަތް ހަމަހަމަ ގޮތެއްގައި ކުރިއަށް ގެންދިއުމާއި، ދިރިއުޅުމުގެ ބޭނުންތަކަށްޓަކައި، މާޙައުލީ ނިޒާމަށް ގެއްލުން ނުދިނުމާއި ގަސްތައް ކަނޑައި ހުސްނުކުރުން ފަދަ ކަންކަން ވެސް އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.

ރައީސްގެ ޚިތާބުގައި ތިމާވެށި ޙިމާޔަތްކުރުމަށް ދިވެހިންގެ ފެންވަރުގައި ކުރެވެން ހުރިކަންކަން ކުރުމުގައި އެންމެހައި ދިވެހިން ބައިވެރިވުމަށް ވެސް ވަނީ ގޮވާލައްވާފައެވެ. އަދި ތިމާވެށި ޙިމާޔަތްކުރުމާއި އެކަމަށް ޢާންމު ރައްޔިތުން ހޭލުންތެރިކުރުމުގެ ވާހަކައަކީ ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި މިހާރު ދެކެވޭ ވާހަކަތަކެއް ކަމަށް ވެސް ވިދާޅުވިއެވެ.

ހަމަމިއާއެކު ތިމާވެށީގެ ނުރައްކާތަކާ ސީދާ ގޮތުން ކުރިމަތިލާން ނުޖެހޭ އެންމެ ޤައުމެއްވެސް މިހާރު މި ބިންމަތީގައި ނެތުމުގެ ސަބަބުން ދުނިޔޭގެ ތިމާވެށި ޙިމާޔަތްކުރުމަކީ، އަދި އެކަމަށްޓަކައި މަސައްކަތް ކުރުމަކީ، ހަމަ ކޮންމެ ފަރުދެއްގެ ވާޖިބަކަށް އަދި ކޮންމެ ޤައުމެއްގެ މަސްއޫލިއްޔަތަކަށް މިހާރު ވެއްޖެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ދުނިޔޭގެ ހޫނުމިން މަތިވަމުން ދަނީ، މި ބިމުގެ ޤުދުރަތީ ނިޒާމާއި މި ބިންމަތީގައި ދިރިއުޅޭ އިންސާނުން ވެސް އެކަމަށް ހޭނުމަށް ނުކުޅަދާނަހާ ހަލުވިމިނެއްގައިކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދުނިޔޭގެ ހޫނުމިން މައްޗަށް ދިއުމާ ގުޅިގެން ކުރިމަތިވާ ނުރައްކާތަކަށް އަލިއަޅުއްވާލައްވާފައެވެ.

މިގޮތުން ތިމާވެށްޓަށް އަންނަމުންދާ ބަދަލުތަކުން އަރައިގަތުމަށް ބޭނުންވާ ޙައްލުތަކާއި އެ ޙައްލުތައް ހޯދާނެ ޓެކްނޮލޮޖީ މިހާރު ފަހިވެފައިވާކަމުގައި ވިދާޅުވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދުނިޔެ ހޫނުވުމަށް މެދުވެރިވާ އާދަތައް ބަދަލުކޮށްލުމަށްޓަކައި ބޭނުންވަނީ، ދުނިޔޭގެ ފެންވަރުގައި އަދި ޖަމާޢީ ގޮތެއްގައި ފިޔަވަޅުތަކެއް އެޅުންކަމުގައި ފާހަގަކުރައްވާފައެވެ. އަދި، މިކަން ޙައްލުކުރުމަށް މަސައްކަތް ކުރުމުގައި، ކުޑަ ޤައުމެއް ނުވަތަ ބޮޑު ޤައުމެއް ތަފާތުކުރެވެން ނެތްކަމަށާއި، މިބިންމަތީގައި ދިރިއުޅޭ އެންމެން އެކުގައި މިކަމަށް މަސައްކަތްކޮށްގެން ނޫނީ، ދުނިޔޭގެ ތިމާވެށި ޙިމާޔަތްކުރެވެން ނެތްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހާމަކުރައްވާފައެވެ.

މިމޭރުމުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ތިމާވެށި ރައްކާތެރިކުރެވޭ ގޮތަށް ދިރިއުޅުމުގެ އާދަތައް ބަދަލުކުރުމަށް، ޢާންމުން ހޭލުންތެރިކުރުމުގައި ޒުވާނުންނަށް މުހިންމު ދައުރެއް އަދާކުރެވޭނެކަން ފާހަގަކުރައްވާފައެވެ.

އެކަމަށް އޮތް އެންމެ މުހިންމު ޙައްލަކީ، އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕްލާސްޓިކް ބޭނުންކުރުން ހުއްޓައިލުމާއި، އިޢާދަކުރަނިވި ހަކަތައިގެ ދާއިރާ ފުޅާކޮށް، 2030 އާ ހަމައަށް އަންނަ އިރު ރާއްޖެ ނެޓް ޒީރޯ ޤައުމަކަށްވުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ޙާޞިލްކުރުމާއި، ކުނީގެ ބާވަތްތައް ވަކިކޮށް ރައްކާތެރި ގޮތުގައި ނައްތައިލުމާއި، ތިމާވެށި ރައްކާތެރިކުރުމުގެ ގޮތުން ޙިމާޔަތްކުރާ ސަރަޙައްދުތައް އިތުރުކުރުންކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.