ރައީސް އޮފީހަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްދެއްވި 126 ބޭފުޅެއްގެ އަގު ވަޒަންކުރުން މިރޭ

ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި އަދި މިހާރު ޚިދުމަތް ކުރައްވަމުން ގެންދަވާ މުވައްޒަފުންގެ ޚިދުމަތުގެ އަގު ވަޒަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.

މިކަމާ ގުޅިގެން ބާއްވާ ޙަފްލާ އޮންނާނީ، މިރޭ 8.30 ގައި ސޯޝަލް ސެންޓަރުގައެވެ.

މިރޭގެ ޙަފްލާގައި، 20 އަހަރަށްވުރެ ދިގު މުއްދަތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދާއިމީ ވަޒީފާގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންނަށް ހަނދާނީ ފިލާ އެރުއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ޚިދުމަތުގެ އަގު، މީގެކުރިން ރަސްމީ ސިފައެއްގައި ވަޒަންކުރެވިފައެއް ނެތެވެ.

އެހެންނަމަވެސް، 11 ނޮވެންބަރު 1968 ގައި އެ އޮފީސް ރަސްމީކޮށް އުފެދުނު ހިސާބުން ފެށިގެން އެ އޮފީހަށް ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު އެތައް ބޭފުޅުންނެއް ޚިދުމަތްކޮށްދެއްވާފައިވާއިރު، އެ ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަންކުރުމަކީ، ވަރަށް މުހިންމު އަދި ބޭނުންތެރި ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވާތީ، މިފަދަ ފިލައެއް އެރުވުމަށް ނިންމެވީއެވެ.

މިރޭގެ ޙަފްލާގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްދެއްވި 126 ބޭފުޅަކަށް ހަނދާނީ ފިލާ އެރުވުމަށް ވަނީ ހަމަޖެހިފައެވެ.

މި ބޭފުޅުންގެ ތެރެއިން މި ދުނިޔެ ދޫކުރައްވާފައިވާ 20 ބޭފުޅަކަށް ފިލާ އެރުވުމަށް ހަމަޖެހިފައިވަނީ އެބޭފުޅުންގެ ހަނދާނަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.