ހިޖްރީ ކަލަންޑަރު ފެށުނީ ހިޖްރީ ސަނަތުން 17 ވަނަ އަހަރު

ހިޖްރީ ތާރީޚު ނިސްބަތްވަނީ، މިއުއްމަތުގެ މާތްނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ، މައްކާއިން މަދީނާއަށް ހިޖުރަކުރެއްވި އަހަރަށެވެ. ހިޖްރީ ތާރީޚު ނުވަތަ ހިޖްރީ ކަލަންޑަރު ފެށުނީ، މިއުއްމަތުގެ ދެވަނަ ޚަލީފާ ސައްޔިދުނާ ޢުމަރުބްނު ޚައްތާބު ރަޟިޔަﷲ ޢަންހުގެ ޚަލީފާކަމުގައި ދެއަހަރާއި ހަމަސްދުވަސް ވީތަނާއެވެ. އެއީ ހިޖުރީން 16 ވަނައަހަރުގެ ހޫނުމޫސުމާއި ފިނިމޫސުމް ބެދޭތާނގައި އަންނަ ދުވަސްތަކެވެ. ޢާންމުގޮތެއްގައި އެއީ ހުޅަނގުގެ ވިއްސާރަ ފެށުމުގެ ކުރިން، މޭމަސް ތެރޭގައި އަންނަ ދުވަސްވަރެވެ. އެއީ ގަސްތައް ހެދިބޮޑުވާން ފަށާ ދުވަސްވަރެވެ. އަދި ދޫނިސޫފާސޫފި ވިހަން ހާލިހަދާ ދުވަސްވަރެވެ.

ޚަލީފާ، ޢުމަރު ރަޟިޔަﷲ ޢަންހުގެ ޚިލާފަތުގައި، ހިޖްރީ ކަލަންޑަރު ފެށުނީ، ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަ މައްކާއިން މަދީނާއަށް ހިޖުރަކުރެއްވިތާ 17 ވަނައަހަރުއެވެ. ހިޖްރީ ކަލަންޑަރު ފެއްޓެވީ މުޙައްރަމްމަހުގެ އެއްވަނަ ދުވަހުއެވެ. ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ މައްކާއިން މަދީނާއަށް ހިޖުރަކުރެއްވީ މުޙައްރަމް މަހެއްގައެއްނޫނެވެ. އެކަލޭގެފާނު މަދީނާއަށް ހިޖުރަކުރެއްވީ، އޭގެ ދެމަސްފަހުން އަންނަ ރަބީޢުލްއައްވަލް މަހުއެވެ. ރަބީޢުލް އައްވަލް މަހުގެ 22 ވަނަ ދުވަހުއެވެ. މީލާދީގޮތުން އެއީ، 622 ވަނައަހަރުގެ ސެޕްޓެމްބަރ މަހުގެ 24 ވަނަ ދުވަހެވެ.

އިސްލާމީ ތާރީޚުގެ މުއައްރިޚުން ވިދާޅުވާގޮތުގައި، ހިޖްރީ ތާރީޚު ޖަހަންފެށުނީ، ބަޞަރާގެ އަމީރު، އަބޫ މޫސާ އަލްއަޝްޢަރީއަށް، ޚަލީފާ، ޢުމަރު ރަޟިޔަﷲ ޢަންހު، ޙިޖްރީން 17 ވަނައަހަރު ފޮނުއްވި ސިޓީފުޅަކާ ގުޅިގެންނެވެ. އެސިޓީފުޅުގައި ޚަލީފާ، ޢުމަރު ރަޟިޔަﷲ ޢަންހު ޖައްސަވާފައިވަނީ، އަހަރު ނުޖައްސަވާ ހަމައެކަނި ޝަޢުބާން މަހެވެ. ޚަލީފާ، ޢުމަރު ރަޟިޔަﷲ ޢަންހުއަށް އަބޫމޫސާ އަލްއަޝްޢަރީ ފޮނުއްވި އެސިޓީފުޅުގައި ވިދާޅުވެފައި ވެއެވެ. "އޭ، ހެޔޮނުބައި ވަކިކޮށް ދެނެވަޑައިގަންނަވާ މަތިވެރި ޚަލީފާއެވެ! ފޮނުއްވި ފަތްކޮޅުތައް އަޅުގަނޑުމެންނަށް ލިބިއްޖެއެވެ. އެފަތްކޮޅުތަކުގައި ތާރީޚަކަށް ޖައްސަވާފައިވަނީ ޝަޢުބާން މަހެވެ. އެއީ މިދިޔަ އަހަރުގެ ޝައުބާންމަސްކަމެއް، ނުވަތަ މިހިނގާ އަހަރުގެ ޝަޢުބާންމަސްކަމެއް އަޅުގަނޑުމެންނަކަށް ނޭނގެއެވެ."

އިސްލާމީ ތާރީޚީ މަސްދަރުތަކުން އެނގޭގޮތުގައި، އެހިނދު، ޚަލީފާ، ޢުމަރު ރަޟިޔަﷲ ޢަންހު، އެކަލޭގެފާނުގެ އަރިސް، އިސްބޭފުޅުން އެއްކުރައްވައި، އެކަމަށް ޙައްލެއް ހޯއްދަވައިދެއްވުމަށް އެދިވަޑައިގަތެވެ. މިކަމާގުޅިގެން ވަރަށްގިނަ ބޭފުޅުން ގިނަ ޚިޔާލުތަކެއް ހުށަހެޅުއްވިއެވެ. ބައެއްބޭފުޅުން ވިދާޅުވީ، ތާރީޚު ފަށަންވާނީ، އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިވަސައްލަމަ ރައްކައުވީ ދުވަހުން ފެށިގެންނެވެ. އަނެއްބައި ބޭފުޅުން ވިދާޅުވީ، ތާރީޚު ފަށަންވީ ކައުއިތުރު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަވަހާރަވެވަޑައިގެންނެވި ދުވަހުންފެށިގެން ކަމުގައެވެ. އަދި އެއްބައި ބޭފުޅުން ވިދާޅުވީ، އެތާރީޚު ފަށަންވާނީ، އެކަލޭގެފާނު މައްކާއިން މަދީނާއަށް ހިޖުރަކުރެއްވި ދުވަހުންފެށިގެންނެވެ. އެންމެފަހުން، ގިނަބޭފުޅުން ބުރަވެ، އިއްތިފާޤުވެވަޑައިގަތީ، އެންމެފަހުން ފާޅުކުރެވުނު ޚިޔާލަށެވެ. އެއީ، ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ، މައްކާއިން މަދީނާއަށް ހިޖްރަކުރެއްވި ދުވަހުން ތާރީޚު ފަށާގޮތަށެވެ.

އެއަށްފަހު، ޚަލީފާ، ޢުމަރު ރަޟިޔަﷲ ޢަންހު، އިތުރު ދެ ޞަޙާބީއަކާ މިކަމާބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. އެއީ، އުޘްމާން އިބްނި ޢައްފާން ރަޟިޔަﷲ ޢަންހުއާއި ޢަލީ އިބްނި އަބީ ޠާލިބު ރަޟިޔަﷲ ޢަންހުއެވެ. މިދެބޭފުޅުންވެސް އެއްބަސްވެވަޑައިގަތީ، ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ، މައްކާއިން މަދީނާއަށް ހިޖުރަކުރެއްވި ދުވަހުންފެށިގެން ހިޖުރީތާރީޚު ފެށުމަށެވެ. އެހިސާބުން، މީލާދީ ސަނަތުން 622 ވަނައަހަރު، ހިޖްރީ ތާރީޚުގެ ފުރަތަމަ އަހަރު ފެށިގެން ދިޔައީއެވެ.

އެހިސާބުން އަނެއްކާވެސް އިތުރު މައްސަލައެއް ކުރިމަތިވިއެވެ. އެއީ ހިޖްރީ ތާރީޚު ފަށާނެ މަހަކާމެދު އުފެދުނު ބަހުސެވެ. މިކަމާބެހޭގޮތުންވެސް، ވަރަށްގިނަ ބޭފުޅުން ތަފާތު ޚިޔާލުތައް ހުށަހެޅުއްވިއެވެ. ބައެއްބޭފުޅުން ވިދާޅުވީ، މަސްފަށަންވާނީ ރަމަޟާން މަހުންކަމުގައެވެ. އެއީ އެންމެ މަތިވެރި މައްސަރުކަމަށްވާތީއެވެ. ޚަލީފާ، ޢުމަރު ރަޟިޔަﷲ ޢަންހު މިކަމާބެހޭގޮތުން ޚިޔާލުދެއްވީ މުޙައްރަމު މަހުން ފަށާގޮތަށެވެ. އެއީ މުޙައްރަމް މަހަކީ، ޙައްޖުގެ މަތިވެރި އަޅުކަމަށްފަހު، އެނބުރި އެމީހުންގެ ޤައުމަށް ނުވަތަ ގެދޮރަށްދާން، މީހުން ދަތުރު ފަށާމަސް ކަމަށްވާތީއެވެ. އެކަމަށް ހުރިހާ ބޭފުޅުން އެއްބަސްވެވަޑައިގަތެވެ. އެހެންކަމުން ހިޖްރީމަސް ފެށޭ މަހަކީ މުޙައްރަމްމަސްކަމުގައި ހަމަޖެހިގެން ދިޔައެވެ.

ޚަލީފާ، ޢުމަރު ރަޟިޔަﷲ ޢަންހުގެ ޚަލީފާކަމުގައި ދުނިޔޭގައި ތިއްބެވި އަޞްޙާބުބޭކަލުންނާ މަޝްވަރާކުރެއްވުމަށްފަހު، ހިޖްރީ ތާރީޚު ފެށޭނީ، ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ މައްކާއިން މަދީނާއަށް ހިޖުރަކުރެއްވި އަހަރުން ފެށިގެންކަމުގައި ސައްޔިދުނާ ޢުމަރުގެފާނު އިޢުލާންކުރެއްވިއެވެ.

ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަމުރުފުޅަށް ތާރީޚު ލިޔަންފެށިފައިވަނީ އެކަލޭގެފާނު ޔަސްރިބަށް ވަޑައިގަތް ހިސާބުންނެވެ. ޔަސްރިބަކީ މިހާރުގެ މަދީނާއެވެ. ހިޖުރައިގެ ފުރަތަމަ އަހަރުންފެށިގެން މިފަދައިން ތާރީޚުލިޔެވެމުން އައިސްފައި ވެއެވެ. ދުނިޔޭގެ އެކި ޤައުމުތަކުގެ ރަސްރަސްކަލުންނާއި އަމީރުން އަދި ޤަބީލާތަކުގެ އިސްވެރިންނަށް، ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ފަރާތްޕުޅުން ފޮނުއްވޭ ފަތްކޮޅުތަކުގައި ޖައްސަވަމުން ގެންދެވީ ހިޖުރަކުރެއްވި އަހަރެވެ. ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ މަދީނާއަށް ހިޖުރަކުރެއްވި އަހަރުގެ މުޙައްރަމް މަސް އެއީ ހިޖްރީ ތާރީޚު ފެށޭ މަސްކަމަށް ނިންމެވީ، ހިޖްރީ ސަނަތުން 17 ވަނަ އަހަރުއެވެ. އެއީ، ޢުމަރު ރަޟިޔަﷲ ޢަންހު ނުވަތަ ޢުމަރު އިބްނި ޚައްތާބު ނުވަތަ ޢުމަރުލް ފާރޫޤުގެ އަމުރުފުޅަކުންނެވެ.

ހިޖްރީ ކަލަންޑަރުގެ މަސްތަކަށް ދެވުނު ނަމަކީ އެދުވަސްވަރަކާ ގުޅޭގޮތަށް ދެވިފައިހުރި ނަންތަކެކެވެ. މިސާލަކަށް، ޝައްވާލް މަހަށް އެނަންދެވުނީ، އެމަހަކީ ފިނިމޫސުމް ފެށުމާއެކު ޖަމަލު، އޭގެ ނިގުލަށްނުބަލައި ދަތުރުކުރާ މަހަށްވާތީއެވެ. ރަމަޟާން މަހަކީ ވަރަށްމަދުންނޫނީ ހޫނުގަދަ މަހެކެވެ.  ޚަރީފް މޫސުމާ ރަބީޢުމޫސުމާ ދެމެދުގައި ނޫނީ ރަބީޢުލްއައްވަލް މަހާއި ރަބީޢުލްއާޚިރު މަހެއް ނާންނާނެއެވެ. ހިޖްރީމަސްތަކަށް ނަންދެވުނީ އިސްލާމްދީން ބާވާލެއްވުމުގެ ކުރިންނެވެ. ހިޖްރީ އަހަރަކާ މީލާދީ އަހަރަކާދެމެދު 11 ދުވަސް ތަފާތުވާނެއެވެ. އެތަފާތު އަންނަނީ ހިޖުރީ ކަލަންޑަރު ގުނެނީ ހަނދުމަހުންކަމަށްވާތީއެވެ. މަސްބަދަލުވަނީ ހަނދު ފެނުމުންނެވެ. 29 ދުވަހާއި 30 ދުވަސް އަންނަގޮތަށެވެ. 31  ދުވަހެއް އަދި 28 ދުވަހެއްވެސް ނާންނާނެއެވެ. އެހެނަސް، މީލާދީ ކަލަންޑަރުގައި 30 ދުވަހާއި 31 ދުވަސް އޮންނަނީ މަސްމަހަށް ކަނޑައެޅި ނިމިފައެވެ. ފެބްރުއަރީމަހު 28 ދުވަހާއި 29 ދުވަސް އާދެއެވެ.  29  ދުވަސް އަންނަނީ 4 އަހަރުން އެއްއަހަރުއެވެ.  އެއީ ލީޕް އިއަރ އެކެވެ. ލީޕް އިއަރގައި 366 ދުވަސް އަންނާނެއެވެ. އެހެންއަހަރުތަކުގައި އަންނާނީ 365 ދުވަހެވެ.

ހިޖްރީ ފުރަތަމަ އަހަރަކީ މީލާދީ ސަނަތުން 622 ވަނައަހަރެވެ. މީލާދީވެސް އަދި ހިޖްރީ ކަލަންޑަރުގައިވެސް އޮންނަނީ 12 މަހެވެ. މީލާދީ އަހަރެއްގައި 365 އާއި 366 ދުވަސް އޮންނައިރު، ހިޖްރީ އަހަރެއްގައި އޮންނާނީ ގާތްގަނޑަކަށް 354 ދުވަހެވެ. ނުވަތަ ތަފާތެއްނެތި 354.367056 ދުވަހެވެ. އެއީ ޢާންމުގޮތެއްގައި ހަނދުމަހުގައި އަންނަނީ 29.530588 ދުވަސްކަމަށްވާތީއެވެ. ދެކަލަންޑަރުގައި އަހަރެއްގެ ތެރޭގައި، ގާތްގަނޑަކަށް 11.2 ދުވަހުގެ ތަފާތެއް އާދެއެވެ.

ޢުމަރު ރަޟިޔަﷲ ޢަންހުއަކީ، އިސްލާމީ އުއްމަތުގެ ދެވަނަ ޚަލީފާއެވެ. ފުރަތަމަ ޚަލީފާއަކީ އަބޫބަކުރު ރަޟިޔަﷲ އަންހުއެވެ. އަބޫބަކުރުގެފާނުގެ ޚަލީފާކަމުގައި އިސްލާމީ އުއްމަތް ހިންގެވުމުގައި ތަރުތީބުކުރައްވާފައި އޮތް ނިޒާމު އިތުރު ހަރުފަތްތަކަކަށް އުފުއްލަވައި ތަރައްޤީ ކުރެއްވީ ޢުމަރުގެފާނެވެ. އެކަލޭގެފާނަކީ، ހިޖްރީ ކަލަންޑަރު ފެއްޓެވުމުގެ އިތުރަށް، އިސްލާމީ އުއްމަތަށް ދައުލަތެއްގެ ސިފަގެންނަވައި ވެރިކަމުގެ ނިޒާމް ބަށްޓަންކުރެއްވި އިސްލާމީ ސިޔާސީ  ޝަޚުޞިއްޔަތުވެސް މެއެވެ. އެންމެ ފުރަތަމަ، ވެރިކަމުގެ ނިޒާމުގައި ލާމަރުކަޒީ އުޞޫލު ތަންފީޒުކުރެއްވީ ޢުމަރުގެފާނެވެ. އެދުވަސްވަރު އެކަލޭގެފާނުގެ ޚަލީފާވެރިކަމުގެ ދަށުގައި އޮތް  8 ރަށް، މައްކާއާއި މަދީނާ، ސޫރިއާއާއި ޖަޒީރާ، ބަޞަރާއާއި ކޫފާ އަދި މިޞްރާއި ފަލަސްތީނަށް އަމީރުން ކަނޑައަޅުއަވައި ވެރިކަމުގެ ބާރުތައް ދޫކޮށްލެއްވިއެވެ. ދައުލަތުގެ މުއައްޒަފުންނަށް މަހުމުސާރަ އާއި ޕެންޝަން ކަނޑައެޅުއްވިއެވެ. އަދި ސަރުކާރު މުއައްޒަފުން އަމިއްލަ ވިޔަފާރިކުރުން މަނާކުރެއްވިއެވެ. ޤައުމީ ސަލާމަތާބެހޭ އިދާރާ ޤާއިމްކުރެއްވިއެވެ. ސިފައިންނަކީ، ފެތުމާއި އަސްދުއްވުމާ، ހުސްފައިގާ ހިނގުންފަދަ ކަންކަން މަޖުބޫރުކުރެއްވިއެވެ. ހެވިކަމާއި ހަތިޔާރުގެންގުޅުމުގެ ހުނަރާއި ހެވިކަމުގެ ހުނަރުތައް ތަޢާރުފް ކުރެއްވިއެވެ. ޝަރުޢީ ނިޒާމާއި އިސްލާމީ ކޯޓްތައް ތަޢާރުފް ކުރެއްވިއެވެ. މިނޫންވެސް މިޒަމާނުގައި ކުރިއަރައި ތަރައްޤީކުރެވިފައިވާ ޤާނޫނުތަކާއި ޤަވާޢިދުތަކާ އަދި ވެރިކަމުގެ ނިޒާމުގެ ތެރޭގައި ހަމަޖެހި، ތަރައްޤީކުރެވިފައިވާ ހަމަކޮންމެ ކަމަކީ، ޢުމަރުގެފާނު އެޒަމާނުގައި ތަޢާރުފްކޮށް ހިންގަވާފައިވާ ކަންކަމެވެ. ދުނިޔޭގައި އެވަގުތު އޮތް ވެރިކަމުގެ ބޮޑެތިބާރުތައް  ބިރުގަންނަފަދަ ބޮޑުބާރެއްގެ ގޮތުގައި އިސްލާމީ ބޮޑު ދައުލަތެއް ބިނާކުރެއްވިއެވެ.

ޢުމަރުގެފާނު އިސްލާމްވެވަޑައިގަތީ، ކައުއިތުރު ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ދީނަށްގޮވައިލެއްވިތާ 6 ވަނަ އަހަރުއެވެ. ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިސް އަޞްޙާބު ބޭކަލެއްގެ ގޮތުގައި 18 އަހަރުވަންދެން، ޢުމަރުގެފާނު އުޅުއްވިއެވެ. އިސްލާމީ އުއްމަތުގެދެވަނަ ޚަލީފާގެ ގޮތުގައި މީލާދީން 634 އިން 644 އަށް، އެކަލޭގެފާނުވަނީ 10 އަހަރުވަންދެން ޚިދުމަތް ކުރައްވާފައެވެ. އެކަލޭގެފާނު އަވަހާރަވީ، ޔަހޫދީ ފާރިސީއެއްކަމުގައިވާ އަބޫ ލުއުލުއު ކިޔާމީހަކު ދިން ޙަމަލާއެއްގައި،  3 ދުވަސްވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު، 3 ނޮވެމްބަރ 644 ގައި ސުޢޫދީ ޢަރަބިއްޔާގެ މަދީނާގައެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.