ކަޅު ފައިސާއަކީ ކޮބާ؟

ކަޅު ފައިސާއަކީ ކޮބައިތޯއެވެ؟ ފައިސާއަކީ ރީތިހެންހީވާ އެކި ކުލަކުލައިގައި ހުންނަ ނޫޓެކެވެ. އެކި ޤައުމުގެ ފައިސާގައި އެކި ކުލައެވެ. އެހެންކަމަށްވަންޏާ، ކަޅުފައިސާއެއީ ކުލަޔަކަށް ނިސްބަތްވާ ނޫޓަކަށް ކިޔޭ އެއްޗެއްކަމުގައި ނުވެހިނގައިދާނެއެވެ. ކަޅުފައިސާއަކީ ދޮވެ ހުދުކުރަން ޖެހޭ އެއްޗެކެވެ. "މަނީ ލޯންޑަރިންގް" ގެ ނަން ކަޅުފައިސާއާ ގުޅިގެން ބޭނުންކުރެވެމުންދަނީ މިސަބަބަށްޓަކައެވެ. ކަޅުފައިސާ އަތަށްއަރާ މީހާ، އެކިގޮތްގޮތުން އެފައިސާގެ ކަޅުކަން ކަނޑުވައި ހުދުކޮށް، އާދައިގެ ފައިސާއަށް ބަދަލުކުރެއެވެ. މިކަން ކުރުމުގައި އެކިމީހުން ބޭނުންކުރަނީ އެކިއުކުޅެވެ. ނުޙައްޤުގޮތުން އަތްމައްޗަށް އަރާ ކަޅުފައިސާގެ ބޮޑެތި ޢަދަދުތައް އެކި އެކައުންޓަށް އެކިގޮތަށް ޖަމާކޮށް، ހުދުކޮށް، ޤާނޫނީގޮތުން މައްސަލައެއް ދިމާނުވާނެ ވަރަށް އެފައިސާ ހުދު ކުރެއެވެ. ކަޅުފައިސާ ގެންގުޅެނީ، ވަގަށް ނުވަތަ ނުޙައްޤުން ލިބޭ ފައިސާ އާއި ވަގުނޫޓު ޖަހާމީހުންނެވެ. ކަޅުފައިސާއަކީ ހަމައެކަނި ކަޅުމީހުން ނުވަތަ އެފްރިކާގައި ގެންގުޅޭ އެއްޗެއްނޫނެވެ. ދުނިޔޭގެ ހުރިހައި ޤައުމެއްގައިވެސް ކަޅުފައިސާ ގެންގުޅެއެވެ. ކަޅުފައިސާގެ މައްސަލަތައް ހިނގައެވެ. އެހެނެއްކަމަކު ކަޅުފައިސާގެ ކުޅިވަރު ފެށިގެންއައީ އެފްރިކާގެ ޤައުމުތަކުންނެވެ.

ނައިޖީރިއާގައި ކަޅުފައިސާ ގެންގުޅޭމީހުން، އެފައިސާ ދޮވުމަށްޓަކައި ދުނިޔޭގެ ހުރިހައިކަންކޮޅަކަށް ދަތުރުކުރެއެވެ. ހުރިހައި ޤައުމެއްގެ މީހުންނާވެސް ގުޅައެވެ. ނައިޖީރިއާގައި ހިނގާ ކަޅުފައިސާގެ ނިޒާމަކީ، އެޤައުމުގެމީހަކު އެހެން ޤައުމެއްގެ މީހަކަށް ސިޓީ، މެއިލް ނުވަތަ މެސެޖެއް ފޮނުވައިގެން ރާވާ ރޭވުމެކެވެ. ނައިޖީރިއާއިން ބޭރަށް ފައިސާތަކެއް ފޮނުވުމަށްޓަކައި އެހެންޤައުމެއްގެ މީހެއްގެ އެހީތެރިކަމަށްއެދެއެވެ. އަދި އޭގެ ބަދަލުގައި އޭނާއަށް ބޮޑުޢަދަދެއް ހުށަހެޅެއެވެ. ކަޅުފައިސާގެ މިބޮޑުވެގެންވާ ކުށް، ފެށެނީ ނައިޖީރިއާއިންނެވެ. ނައިޖީރިއާއިން ފެށޭ މިޙަރަކާތް މިހާރުވަނީ، ދުނިޔޭގެ ހުރިހައި ޤައުމަކަށްވެސް ފުޅާ ވެފައެވެ.

ނުދަންނަމީހަކު، ނޭނގިހުއްޓާ މީހަކާ ގުޅާނެއެވެ. އެއީ ކާކުކަމެއް ނޭނގޭނެއެވެ. އެހެންނަމަވެސް، ޢިބާރާތް ކުރެވިފައިހުންނަ ގޮތުން އެއީ ކަޅުމީހެއްކަން، ދެނެގަންނަން ފަސޭހަވާނެއެވެ. އީމެއިލްއެއް ލިބިދާނެއެވެ. ސިޓީއެއްވެސް ލިބިދާނެއެވެ. އަދި ޓެކްސްޓް މެސެޖެއްވެސް ލިބިދާނެއެވެ. ސޯޝަލްމީޑިއާ މެދުވެރިކޮށް، މިފަދަ މެސެޖް ލިބުމަކީ މިހާރަކަށް އައިސް ވަރަށް ޢާންމު ކަމެކެވެ.

ލިބޭ މެސެޖަކަށްވާނީ، ގިނަ ޢަދަދެއްގެ ފައިސާ ލިބޭނެގޮތެއް ހަމަޖެހުމެވެ. އެހެން ޤައުމެއްގައިހުރި ފައިސާތަކެއް ޓްރާންސަފަރ ނުކުރެވިގެން އުޅޭ މީހަކު، އެފައިސާ ޓްރާންސްފަރ ކުރެވޭނެ މަގެއް ހޯދައިދިނީމަ، ވަގުތުންފައިސާތަކެއް ، އޭގެ ބަދަލުގައި ހިލޭ ލިބޭނެމަގެއް ފަހިވެގެން ދިއުމެވެ. ވިސްނާލަން ޖެހޭ ނުކުތާއަކީ މިއީއެވެ. ކުރާ މާބޮޑު މަސައްކަތަކާ ނުލައި، ދާނުއޮހޮރުވައި ހިލޭލިބޭ އެތައްމިލިއަން ޑޮލަރެކެވެ. އެއީ ޙައްޤު އެއްޗެއްތޯ ވިސްނާލަން ޖެހެނީ މިހިސާބުންނެވެ

އެފައިސާ ހުންނަކަމަށް ބުނާނީ ބޭންކެއްގައެވެ. ހަނގުރާމައެއްގައި މަރުވި މީހެއްގެ ނަމުގައި ހުރެގެން، އެފައިސާ ނުނެގިގެން އެހީތެރިކަމަށް އެދޭނެއެވެ. ހުވަފަތްވެފައިވާ އަންހެނަކަށް ލިބެންޖެހޭ ފައިސާއެއް ޓެކްސް ގެ މައްސަލަޔަކާ ގުޅިގެން ނުނެގިގެން އެކަމަށް އެހީއަށް އެދޭނެއެވެ. ބޭންކް އެކައުންޓް ނަންބަރު ފޮނުވަން އެދޭނެއެވެ. އަދި އެފައިސާގެ ބައިކުޅަ ބައެއް ދޭން އެއްބަސްވާނެއެވެ. ޤާނޫނީ ގޮތުން އެއްވެސް މައްސަލައެއް ދިމާނުވާނެކަން ކަށަވަރު ކޮށްދޭނެއެވެ. އީމެއިލް އެޑްރެހެއް ގެންގުޅޭ ހަމައެކަކުވެސް، މިފަދަ މެއިލްއެއް ނުލިބި ހުންނާނެކަމަކަށް ނުފެނެއެވެ.  ބޭންކްގެ ތަފުޞީލު ލިބުމުން، އެކައުންޓްގައި ހުރި ފައިސާކޮޅު ކަހައިލާނެއެވެ. ފައިސާ ފޮނުވުމުގެ ބަދަލުގައި އެކައުންޓް ހުސްކޮށްލާނެއެވެ. ނުވަތަ އެހާ ބޮޑޫޢަދަދެއްގެ ފައިސާ ޓްރާންސްފަރ ކުރަން ޓެކްސް އެއް ދައްކަންޖެހޭ ކަމަށް ބުނެ، ނުވަތަ ފީއެއް ދައްކަންޖެހޭކަމަށްބުނެ، ވަކި ޢަދަދެއްގެ ފައިސާ ފޮނުވަން އަންގާނެއެވެ. މިގޮތަށް ފޮނުވަން އަންގާ ޢަދަދަކީ ފުރަތަމަ ކުޑަޢަދަދަކަށް ވާނެއެވެ. އެފައިސާ ފޮނުވުމުން، އިތުރު ފީއާއި ޓެކްސް ގެ ނަމުގައި ބޮޑު ޢަދަދެއް ފޮނުވަން އެދޭނެއެވެ. އެހެންނަމަވެސް، ފޮނުވަން އެންގޭ ޢަދަދަކީ، ޓްރާންސަފަރ ކުރެވޭ ކަމަށް ބުނާ ޢަދަދާ ބަލާއިރު ވަރަށް ކުޑަ އިންސައްތައަކަށް ވާނެއެވެ. އެހެންކަމުން، ދާނުއޮހޮރުވައި، ކުއްލި މުއްސަނދިކަމަކުން ލިބޭ ފައިސާ އަށް ދަހިވެތިމީހުން، މިމަޅީގައި ޖެހެއެވެ.

ކަޅު ފައިސާގެ ވަގު، މި މުޢާމަލާތް ޢާންމުގޮތެއްގައި މަޝްހޫރުވެފައިވަނީ "ނައިޖީރިއާ 419" ގެ ނަމުންނެވެ. އެއީ، ވަގު މުޢާމަލާތުގެ  ފުރަތަމަ ރާޅު ބިންދާލާފައިވަނީ ނައިޖީރިއާއިން ކަމަށް ވާތީއެވެ. "419" އަކީ، ނައިޖީރިއާގެ ޤާނޫނުގައި ވަގުފައިސާގެ މުޢާމަލާތް މަނާކުރާ މާއްދާގެ ބައެކެވެ. ދުނިޔޭޣެ ކޮންމެ ހިސާބެއްގައިވެސް މިހާރު، މިފަދަ ރާޅުތައް ނަގަމުން އެބަދެއެވެ. ކޮންމެވެސް ސިފައެއްގައި ވަގު، ކަޅުފައިސާގެ މުޢާމަލާތެއް ނުހިނގާ ޤައުމެއް ނެތެވެ.

ވަގުފައިސާ ޓްރާންސްފަރ ކުރަން ހުށަހަޅާ ހުށަހެޅުމަކީ ވަރަށް ހިތާމަވެރި ނިކަމެތި ސިފައެއް ތަޞައްވުރުކޮށްދޭ ހުށަހެޅުމަކަށް ވާނެއެވެ. އެފައިސާ ޓްރާންސްފަރ ނުކުރެވިގެން ދިމާވެދާނެ ނިކަމެތި ޙާލު ސިފަކޮށްދޭނެއެވެ. ވާރުތައިން ލިބޭ އެއްޗެއްކަމަށް އަދި އެފައިސާގެ ވެރިފަރާތް ދުނިޔޭގައި ނެތްކަމަށް ބަޔާންކުރާނެއެވެ. އަދި އެތައް މިލިއަނެއްގެ ޑޮލަރު، ވަގުތުން އެކައުންޓަށް ޓްރާންސްފަރ ކުރަން ތައްޔާރަށް ހުރިކަން ކަށަވަރުކޮށްދޭނެއެވެ. އާދޭސްކޮށް އެހީތެރިކަމަށް އެދޭނެއެވެ.

ފައިސާ ޓްރާންސްފަރ ކުރުމުގައި، ބޭންކަށް، ޤާނޫނީ ވަކީލަށް ނުވަތަ ސަރުކާރަށް ދައްކަންޖެހޭ ފީގެ ވާހަކަ އަންނާނެއެވެ. އަދި އެފައިސާއަކީ ޓްރާންސްފަރ ކުރުމުގެ ކުރިން ދައްކަންޖެހޭ އެއްޗެއްކަމުގައި ބަޔާންކުރާނެއެވެ. ކިޔާމީހާގެ ހިތް އެކަމުގެ މައްޗަށް ދާދި ފަސޭހައިން ލަންބާލާނެ ހުރިހާ އުކުޅެއް ބޭނުންކުރެވިފައި ހުންނާނެއެވެ. ވަގުފައިސާގެ މިފަދަ މުޢާމަލާތަކީ، އެހުށަހެޅުމަށް ކުޑަ ޖަވާބެއް ދިނަސް އެއިން ސަލާމަތް ނުވާނެފަދަ ނުރައްކާތެރި ކަމެކެވެ. މުޢާމަލާތުކުރަން ފަށައިފިނަމަ، އެއިން ސަލާމަތްވާން އުނދަގޫ ކަމެކެވެ. އެންމެފަހުން، އީމެއިލް އައިޑީ ކެންސަލްކޮށް، ފޯނުނަންބަރު ބަދަލުކުރާ ހިސާބަށް ދާނެއެވެ.

އަމިއްލަ ނަފުސާއި ޖާނާއިމާލު ސަލާމަތްކުރަން މިހިސާބުން ވިސްނައިގަންނަން އެނގެން ޖެހޭނެއެވެ. އެއްވެސް ޖަވާބެއް ނުދިނުމަކީ މިކަމަށް އޮތްހަމައެކަނި ޙައްލެވެ. ކިތަންމެ ގިނަ ޢަދަދެއްގެ ފައިސާ ދޭން ހުށަހަޅާފައި އޮތަސް، އެއަށް ހިތްނުކިޔައި، އެކަމުގެ ތެރެޔަށް ނުވަންނަން ނިންމަން ޖެހެއެވެ. އެއްވެސް ޙާލެއްގައި މިފަދަ މުޢާމަލާތަކަށް، ފައިސާ ނުދައްކާށެވެ. ބޭންކުން ދީފައި އޮންނަ އެއްވެސް ކާޑެއްގެ މަޢުލޫމާތު ނުދޭށެވެ. އަދި އޮންލައިން އެކައުންޓެއްގެ އެއްވެސް މަޢުލޫމާތެއްވެސް ނުދޭށެވެ. އަމިއްލަ އެއްވެސް މަޢުލޫމާތެއް ނުދޭށެވެ. އެއްވެސް ވަރެއްގެ ފީއެއް ދައްކަން އެއްބަސްނުވާށެވެ. ވަޔަރ ޓްރާންސްފަރ އަދި މަނީއޯޑަރ، އިންޓަރނެޝަނަލް މަނީ ޓްރާންސްފަރ ފަދަ އެއްވެސް ވަޞީލަތެއް ބޭނުންކޮށްގެން، ފައިސާގެ މުޢާމަލާތެއް ނުހިންގާށެވެ. މަނީ ލޯންޑަރ ކުރުމަކީ، ދުނިޔޭގެ ހުރިހައި ޤައުމެއްގައިވެސް ޤާނޫނީގޮތުން ބޮޑެތި އަދަބުތައް ކަނޑައެޅިފައިވާ ބޮޑުވެގެންވާ ކުށެކެވެ.

ފައިސާއަކީ އަބަދުވެސް ކޮންމެ ޙާލަތެއްގައިވެސް އިންސާނާ ހިތްކިޔާ އެކައްޗެވެ. ފަޤީރަކަސް މުއްސަންޖަކަސް، ފައިސާއެއް ލިބެންޏާ ލިބިގަންނަން ހިތް އެދޭނެއެވެ. އެހެންނަމަވެސް، އެފައިސާއެއް ލިބޭ ނުވަތަ ހޯދޭ ގޮތެއް އެއީ ވިސްނާލަން ޖެހޭ ކަމެކެވެ. ފައިސާ ހޯދާނީ ވައްކަން ކޮށްގެންނެއް ނޫނެވެ. އަމިއްލަ މަސައްކަތުންނެވެ. ކަމެއްނުކޮށް، ގައިންދާފޮދެއް ނުއޮހޮރުވައި ލިބޭ ފައިސާއަކީ ދީނީގޮތުންވެސް އަދި ޤާނޫނީ ގޮތުންވެސް ޙައްޤު އެއްޗެއްނޫނެވެ. އެއީ ޙަލާލު ފައިސާއެއްނޫނެވެ. ކުއްލިޔަކަށް މުއްސަންޖަކަށް ނުވެވޭނެއެވެ. ދިހަބާރަ ބުރިޔަށް ގެ، ހިއްލައެއް ނުލެވޭނެއެވެ. އެކަން ކުރެވޭނީ ލާރިހޯދަން މަސައްކަތް ކޮށްގެންނެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.