މިއަހަރުގެ އަމީރުލްޙައްޖުގެ ގޮތުގައި އިސްލާމިކް މިނިސްޓަރ ހަމަޖައްސައިފި

ފޮޓޯ: ރައިސް އޮފީސް

މިއަހަރުގެ އަމީރުލްޙައްޖުގެ ގޮތުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު އަލީ ހަމަޖައްސައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ މިއަހަރުގެ އަމީރުލްޙާއްޖުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް، ހަމަޖައްސަވާފައިވަނީ އިސްލާމިކް މިނިސްޓަރ ކަމަށެވެ.

އަމީރުލްޙައްޖަކީ ކޮންމެ އަހަރަކުވެސް ދިވެހި ޙައްޖުވެރިންގެ ކަންކަމާއި ޙަވާލުވެވަޑައިގަންނަވާނެ ދައުލަތުގެ އިސް މަސްއޫލްވެރިއެކެވެ. އަދި އެ ފަރާތެއް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައި، ޙައްޖު މޫސުމުގައި ސަޢޫދީ ޢަރަބިއްޔާއަށް ފޮނުއްވައެވެ.

ކަލަންޑަރުގައިވާގޮތުން މިއަހަރުގެ ޙައްޖުގެ އަޅުކަން ފެށޭނެކަމަށް ތާރީޚަކީ ޖުލައިމަހުގެ 7 ވަނަ ދުވަހެވެ.

މިއަހަރު ރާއްޖެއިން މީހުން ޙައްޖަށް ގެންދިޔުމަށް 453 ޖާގަ ލިބިފައިވާއިރު، އޭގެ ތެރެއިން 352 ޖާގަ ޚާއްސަކޮށްފައިވަނީ ހައްޖުކޯޕަރޭޝަންގެ ކިއުގައި މިވަގުތު ތިބި މީހުންނަށެވެ. އަދި ބާކީ 100 ޖާގައަށް އެދުމުގެ ފުރުޞަތު ހުޅުވާލާ މިހާރު ފޯމް އަންނަނީ ބަލައިގަންނަމުންނެވެ.

މި 100 މީހުން ހޮވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 2 ވަނަ ދުވަހު ނަގާ ގުރުއަތުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.