އުކުޅަހަށް ކުރެއްވެވި ދަތުރުފުޅަށްފަހު ރައީސް ސާލިހު މާލެ ވަޑައިގެންފި

ވިއަވަތި ރާއްޖެ ކޮންފަރެންސް ބޭއްވެވުމަށް އަރިއަތޮޅު އުތުރުބުރީ އުކުޅަހަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކުރެއްވެވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މެންދުރުފަހު އެނބުރި މާލެ ވަޑައިގަންނަވައިފިއެވެ.

މިމަހުގެ 28-29 ގައި ކުރިޔަށްގެންދިޔަ މި ކޮންފަރެންސްގެ މައިގަނޑު އެއް މަޤްޞަދަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ފުރިހަމަކުރައްވައި ކައުންސިލުތައް ބާރުވެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފަށްޓަވާފައިވާ މަސައްކަތް އިތުރަށް ހަރުދަނާކުރެއްވުމެވެ.

މި ކޮންފަރެންސް ފެށުމުގެ ކުރިން ކޮންފަރެންސްގެ ބައިވެރިންނަށް އަމާޒުކޮށްގެން ގުޅުން ބަދަހިކުރުމުގެ ގޮތުން ސްޕޯޓްސް ފެސްޓިވަލްއެއް ވަނީ އުކުޅަހުގައި ކުރިޔަށްގެންގޮސްފައެވެ. ދެ ދުވަހުގެ މުއްދަތައް ކުރިޔަށްދިޔަ މި ކޮންފަރެންސްގައި ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުވުމާއި ގުޅޭގޮތުންނާއި، ބިނާވެށި ޕްލޭން އެކުލަވާލުމާއި ގުޅޭގޮތުންނާއި، ރަށްރަށުގެ ތަރައްޤީގައި އަންހެނުންގެ ކޮމިޓީގެ ދައުރާއި ގުޅޭގޮތުންނާއި، ލާމަރުކަޒީ ނިޒާމުގެ މިހާރުގެ މިސްރާބާއި ގުޅޭގޮތުން 4 ސެޝަނެއް ވަނީ ކުރިޔަށްގެންގޮސްފައެވެ.

ސަރުކާރުން އެންމެ އިސްކަން ދެއްވާ އެއްކަމަކީ ސިޓީއާ އަތޮޅާއި ރަށްރަށުގެ ތަރައްޤީއާ ގުޅޭ ކަންކަން ނިންމުމުގައި އެ ސިޓީއެއް އަތޮޅެއް ނުވަތަ ރަށެއްގެ ކައުންސިލާ ރައްޔިތުންގެ މަޝްވަރާއާ އެކުގައި އެކަންކަން ނިންމުމަށް ފުރުޞަތު ދެއްވުން ކަމުގައިވާތީ މި ސެޝަންތަކުގައި ކައުންސިލަރުން ހުށަހަޅުއްވަން ބޭނުންވެލައްވާ ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ވަޒީރުންނަށް ހުށަހަޅުއްވައި އެކަންކަމާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ ޚިޔާލުބަދަލުކޮށް މަޝްވަރާކުރައްވާފައެވެ.

ވިޔަވަތި ކޮންފަރެންސް 2022 ވަނަ އަހަރު ކުރިޔަށްގެންދިއުމަށް ހަމަޖެހިފައި ވަނީ 3 ސަރަޙައްދަކަށް ބަހާލައިގެން ކޮންމެ ސިޓީ ކައުންސިލަކާއި، އަތޮޅު ކައުންސިލަކާއި، ރަށު ކައުންސިލަކާއި، އ.ތ.މ ކޮމެޓީ ބައިވެރިވާގޮތަށެވެ. މިގޮތުން މި އަހަރު ބާއްވާ ފުރަތަމަ ކޮންފަރެންސް އަކީ މެދުރާއްޖެތެރޭގެ އަތޮޅު ތަކަށް އަމާޒުކޮށް އއ. އުކުޅަހުގައި މި ބޭއްވުނު ކޮންފަރެންސްއެވެ.

މި ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ވަޒީރުންނާއި އެކި މުވައްސަސާތަކުގެ ފަންނީ ބޭފުޅުންނާއި މޭޔަރުންނާއި ކައުންސިލް ރައީސުންނާއި އ.ތ.މ ކޮމެޓީތަކުގެ ރައީސުން ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.