އަންހުނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތައް މިހާރަށްވުރެ ހަރަކާތްތެރިކުރުމަށް މަސައްކަތް ކުރާނަން: ރައީސް ސާލިހު

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށް ދޫކުރާ ބަޖެޓް މިހާރަށްވުރެ ބޮޑުކުރުމަށާއި އެކޮމެޓީ މިހާރަށްވުރެ ހަރަކާތްތެރި ކޮމެޓީއަކަށް ހެއްދެވުމަށް މަސައްކަތްކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އުކުޅަހުގައި ކުރިޔަށްދިޔަ ވިއަވަތި ރާއްޖޭގެ ދެވަނަ ކޮންފަރެންސްގެ އެންމެ ފަހު ސެޝަނުގައި ކޮންފަރެންސް ނިންމަވާލެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައެވެ. އެގޮތުން އެމަނިކުފާނު ވަނީ މި ކޮންފަރެންސްގައި ކައުންސިލު ރައީސުންނާއި އަދި އ.ތ.މ ކޮމެޓީގެ ރައީސުން ފާހަގަކުރެއްވި ކަންކަމަށް ބަލާއިރު މައިގަނޑު ގޮތެއްގައި ހުރިހާ ފަރާތްތަކުންވެސް ފާހަގަކުރެއްވީ މާލީ ފުދުންތެރިކަން އިތުރުކުރުމުގެ ވާހަކަތައް ކަމުގައެވެ. އެގޮތުން މާލީ ބާރުވެރިކަން އިތުރުކޮށް މިހާރަށްވުރެ ބޮޑު ބަޖެޓެއް ދިނުމުގައި މުޅި ދައުލަތުގެ އާންމުދަނީ ބައްލަވަންޖެހޭކަމަށާއި އެހެންކަމުން އެކަމުގައި ކުރިޔަށްދާނެ ގޮތަކާމެދު ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރައްވާނެކަމުގައި ވިދާޅުވިއެވެ.

އިހްތިޞާސް ކަނޑައެޅުމުގައި ހުރި ދަތިތަކާއި ބިނާވެށި ޕްލޭން ހެދުމުގައި ހުރި ދަތިތަކާއި އ.ތ.މ ކޮމެޓީ މިހާރު އޮތްގޮތުން ހުރި ދަތިތަކަކީވެސް މި ކޮންފަރެންސްގައި ވަރަށްބޮޑަށް ފާހަގަކުރެއްވިގެންދިޔަ ވާހަކަތަކެކެވެ. މިކަންކަމަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބިނާވެށި ޕްލޭން ހެދުމުގައި މި ކޮންފަރެންސްގައި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް އިރުޝާދު ދެއްވެވި ލުއިގޮތްތަކުގެ ބޭނުން ހިއްޕަވައިގެން ކައުންސިލްތަކުން ބިނާވެށި ޕްލޭންތައް އެކުލަވާލައި ފާސްކުރެއްވުމަށް ފޮނުވައިދެއްވުމަށެވެ. އެގޮތުން ލޭންޑްޔޫސް ޕްލޭންތައް ހުށަހެޅުމުން ވީހާ ވެސް އަވަހަށް ޕްލޭންތައް ފާސްކޮށްދީ ރަށުގެ ތަރައްޤީއަށް އިތުރަށް ބޭނުންވާ ކަންކަން ކުރުމަށް ފަސޭހަގޮތްތައް ހޯދައިދެއްވުމަށް ސަރުކާރުން މަސައްކަތްކޮށްދެއްވާނެކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އޭގެ އިތުރުން ރައްޔިތުންގެ ޚިޔާލު ހޯދައިގެން ލޭންޑްޔޫސް ޕްލޭން ތައްޔާރުކުރުމުގެ މަރުޙަލާ މިހާރަށްވުރެ ފަސޭހަކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވާނެކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ދެ ދެދުވަހުގެ މުއްދަތަށް އުކުޅަހުގައި ކުރިޔަށްގެންދިޔަ ވިއަވަތި ކޮންފަރެންސް 2 މިއަދު ނިންމާލާފައިވާއިރު މި ކޮންފަރެންސް އަމާޒުކޮށްފައި ވަނީ މެދުރާއްޖެ ތެރޭގެ އަތޮޅުތަކަށެވެ. ފުރަތަމަ ބޭއްވި ވިއަވަތި ރާއްޖެ ކޮންފަރެންސާ ޚިލާފަށް މިފަހަރު ކޮންފަރެންސް ކުރިޔަށްގެންދަނީ ރާއްޖެ 3 ސަރަޙައްދަކަށް ބަހާލައިގެންނެވެ. އަދި ކުރީގެ ކޮންފަރެންސާ ޚިލާފަށް މިއަހަރުގެ ކޮންފަރެންސްގައި އ.ތ.މ ކޮމެޓީގެ ރައީސުންވެސް ބައިވެރިވެވަޑައިގަތެވެ. މިއަހަރުގެ ފުރަތަމަ ކޮންފަރެންސް އަކީ މެދުރާއްޖެތެރޭގެ އަތޮޅު ތަކަށް އަމާޒުކޮށް އ.އ އުކުޅަހުގައި ބޭއްވި ކޮންފަރެންސްއެކެވެ. މި ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ވަޒީރުންނާއި އެކި މުވައްސަސާތަކުގެ ޓެކްނިކަލް ބޭފުޅުންނާއި މޭޔަރުންނާއި ކައުންސިލް ރައީސުންނާއި އ.ތ.މ ކޮމެޓީތަކުގެ ރައީސުން ބައިވެރިވެވަޑައިގަންނަވައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.