ޕްރޮގްރެސިވް ކޯލިޝަނުން ހުޅުމާލޭގައި ކުރިއަށް ގެންދާ "އިންޑިއާ އައުޓް" އިހުތިޖާޖުގައި ތިން މީހުން ހައްޔަރުކޮށްފި

ޕްރޮގްރެސިވް ކޯލިޝަނުން ހުޅުމާލޭގައި ކުރިއަށް ގެންދާ "އިންޑިއާ އައުޓް" އިހުތިޖާޖުގައި ތިން މީހުން ހައްޔަރުކޮށްފިއެވެ.

މި އިހުތިޖާޖު ކުރިއަށް ގެންދަނީ ހުޅުމާލޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނަރ ދިރިއުޅުއްވާ ފްލެޓް ކައިރީގައެވެ. މި އިހުތިޖާޖުގައި ބައިވެރިވާ މީހުން ހުއްޓުވުމަށް ގިނަ އަދަދެއްގެ ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

އިހުތިޖާޖުގެ ބައިވެރިން އިންޑިއާ އައުޓް ބެނަރތަކާއި ދިދަތައް ހިފައިގެން ތިބިއިރު، ޝުޢޫރުތައް ވެސް ދަނީ ފާޅުކުރަމުންނެވެ.

މީގެ ހަތަރު ދުވަހަސް ކުރިން އިންޑިއާއިން ރާއްޖެއަށް ކަނޑައައެޅުއްވި ސަފީރު މުނޫ މަހާވުރު ދިރިއުޅުއްވާ ޢިމާރާތް ކުރިމަތީގައި "އިންޑިއާ އައުޓް" ވަނީ ސްޕްރޭ ކޮށްފައެވެ.

ޕީޕީއެމް އާއި ޕީއެންސީގެ ޕްރޮގްރެސިވް ކޯލިޝަނުން ކުރިއަށްގެންދާ މި ހަރަކާތަކީ ރާއްޖޭގައި އިންޑިއާ ސިފައިން ޤާއިމްވެ ތިބުމާއި ދެކޮޅަށް ހިންގާ ހަރަކާތެކެވެ. މި ހަރަކާތް މާލޭގެ ބައެއް ސަރަހައްދުތަކާއި އަތޮޅުތަކުގެ ބައެއް ރަށްރަށުގައި ވެސް އަންނަނީ ހިންގަމުންނެވެ.

އެހެންނަމަވެސް އެ ހަރަކާތަކީ އިންޑިއާ މެދު ނަފްރަތު އުފެއްދުމުގެ މަޤްޞަދުގައި ހިންގާ އަދި ޤައުމީ ސަލާމަތަށް ނުރައްކާހުރި ހަރަކާތެއްކަމަށް ބުނެ އެހަރަކާތް ހުއްޓުވުމަށް ސަރުކާރުން ވަނީ އެކި ގޮތްގޮތުން މަސައްކަތް ފަށާފައެވެ. މިގޮތުން ރައީސް ޞާލިޙްގެ ރިޔާސީ ޤަރާރަކުން ވަނީ އެ ހަރަކާތް ހުއްޓުވުމަށް ކަމާގުޅުންހުރި އިދާރާތަކަށް އަމަރުކުރައްވާފައެވެ.

ނަމަވެސް އެ ޤަރާރަށް ގޮންޖަހާ އެ ހަރަކާތް އަންނަނީ ހިންގަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.