ޑިޖިޓަލް ކާޑު ތަޢާރަފްކުރުމުން މާލެ އައިސް އުފުލަންޖެހޭ ތަކުލީފަށް ހައްލު ލިބޭނެ: ޝައުނާ

ޑިޖިޓަލް ކާޑު ތަޢާރަފްކުރިޔަސް އައިޑީ ކާޑު ޕްރިންޓްކުރަން ބޭނުންވާ މީހުންނަށް އެފުރުޞަތު އޮންނާނެ ކަމަށް  އެންވަޔަރަމަންޓް އެންޑް ޓެންކޮލޮޖީ މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ މެދުރާއްޖެތެރޭގެ ރަށްތަކަށް ޚާއްޞަކޮށްގެން ފެށި "ވިއަވެތި ރާއްޖެ" ކޮންފަރެންސް ގައި ވާހަކަ ދައްކަވަމުންނެވެ.

އައިޑީކާޑު ހައްދަން މާލެއަށް އަންނަން ޖެހުމުގެ ކަންބޮޑުވުން ކައުންސިލެއްގެ ރައީސަކު ފާޅުކުރެއްވުމުން މިނިސްޓަރު ޝައުނާ ވިދާޅުވީ ޑިޖިޓަލް ކާޑު ތަޢާރަފްކުރެވުމުން އެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ. އަދި މިއަހަރުގެ ފަހުކޮޅުގައި ޑިޖިޓަލް އައިޑީ ކާޑް ތައާރަފު ކުރެވޭނެ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އެ ޕްރޮޖެކްޓްގެ މަސައްކަތް ވަރަށް ބޮޑަށް ގޮސްފައިވާ ކަމަށާއި ބާކީ މިހާރު އޮތީ ސަރުކާރުގެ އިދާރާތަކުގެ ޑޭޓާ އެއަށް އެންޓަރ ކުރުން ކަމަށެވެ.

ރާއްޖޭގެ ޑިޖިޓަލް އައިޑެންޓިޓީ ނިޒާމެއް ގާއިމްކުރުމުގެ ޕްރޮޖެކްޓްގައި ހިމެނެނީ ޑިޖިޓަލް އައިޑެންޓިޓީ ޕްލެޓްފޯމެއް ގާއިމްކުރުމާއި ސްމާޓް ފޯނުތަކުގައި ބޭނުންކުރާ ޑިޖިޓަލް އައިޑެންޓިޓީ އެޕްލިކޭޝަނެއް ތައާރަފުކުރުމާއި ބަޔޯމެޓްރިކް އައިޑެންޓިޓީގެ ނިޒާމެއް ގާއިމުކުރުމާއި ކޮންޓެކްޓްލެސް ސްމާޓް އައިޑެންޓިޓީ ކާޑެއް ތައާރަފުކުރުމެވެ.

ރާއްޖޭގައި ޑިޖިޓަލް އައިޑެންޓިޓީ ނިޒާމެއް ތައާރަފް ކުރުމަށް ސަރުކާރުން ނިންމީ މިދިޔަ ފެބްރުއަރީ މަހުއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.