ލާމަޒުކަޒީ ޤާނޫނަށް ގެނެވުނު އެންމެ ބޮޑު އެއް އިސްލާހަކީ ރަށްރަށުގެ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގައި ކައުންސިލުގެ ދައުރުބޮޑުކުރުން: ރައީސް

ލާމަޒުކަޒީ ޤާނޫނަށް ގެނެވުނު އެންމެ ބޮޑު އެއް އިސްލާހަކީ ރަށްރަށުގެ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގައި ކައުންސިލުގެ ދައުރުބޮޑުކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ދެވަނަ ސެޝަން ޗެއަރކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ލާމަޒުކަޒީ ޤާނޫނަށް ގެނެވުނު އެންމެ ބޮޑު އެއް އިސްލާހަކީ ރަށްރަށުގެ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގައި ކައުންސިލުގެ ދައުރުބޮޑުކުރުންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެކަންކުރަން ކަނޑައެޅިފައި އޮތީ ޕްލޭން އެކުލަވާލާއިރު އެރަށެއްގެ ރައްޔިތުންގެ ޚިޔާލާ މަޝްވަރާއާއެކު އެބަޔަކު ބޭނުންވާ ވިސްނުމެއް އޭގައި ހިމެނޭގޮތަށް ޕްލޭން އެކުލަވާލައިގެންކަން ކަމަށެވެ.

އެހެންނަމަވެސް ޤާނޫނަށް ގެނެވުނު މި ބަދަލާއެއްގޮތަށް ބިނާ ވެށި ޕްލޭންތައް އެކުލަވާލުމަށް ކައުންސިލްތަކަށް ދަތިތަކާ ކުރިމަތިވެފައިވާތީ މިއަދު ބޭއްވި ސެޝަންގެ އެންމެ ބޮޑު ބޭނުމަކީ އެކަންކަމާ މަޝްވަރާކޮށް ގޮތްތަކެއް ހޯދައިދެއްވުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބިނާވެށި ޕްލޭން ހެދުމަށް ކުރިމަތިވެފައިވާ ދަތިތަކާ ގުޅޭގޮތުން ވިއަވަތި ރާއްޖެ ކޮންފަރެންސްގެ މިއަދު ބޭއްވި ދެވަނަ ސެޝަންގައި ކުރެވުނު މަޝްވަރާތަކުގެ އަލީގައި ބިނާވެށި ޕްލޭން ހެދުމަށް ކުރިމަތިވެފައިވާ ދަތިތަކަށް ގޮތްތަކެއް ހޯއްދެވޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޗެއަރ ކުރެއްވި މި ސެޝަންގައި ޕެނަލިސްޓުންގެ ގޮތުގައި މިނިސްޓަރ އޮފް ޓޫރިޒަމް، ޑރ. ޢަބްދުﷲ މަޢުޞޫމާއި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ އާއި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، މުޙައްމަދު އަސްލަމާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ސީ.އީ.އޯ، ފާތުމަތު އަފްޝަން ލަޠީފާއި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު، ޢަލީ ނިޔާޒް ހިމެނިވަޑައިގަންނަވައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.