އެމެރިކާއަކީ އާންމުންގެ އަތުގައި ހުރި ބަޑީގެ އަދަދު ގައުމުގެ އާބާދީއަށްވުރެ ގިނަ ހަމައެކަނި ގައުމު

އެމެރިކާގައި ބަޑި ގެންގުޅުން ކޮންޓުރޯލުކުރުމަށް ގޮވާލައި މުޒާހަރާކުރަނީ

ދުނިޔޭގައި ގައުމުގެ އާބާދީއަށްވުރެ އާންމުން ގެންގުޅޭ ބަޑީގެ އަދަދު ގިނަ ހަމައެކަނި ގައުމަކީ އެމެރިކާކަން ހާމަވެއްޖެއެވެ. އެމެރިކާގައި އާއްމު ތަންތަނުގައި ބަޑިޖަަަހައި މީހުން މަރާ އަދަދު އިތުރުވެ، ފާއިތުވި ހަފުތާގައި ކުޑަކުދިން ކިޔަވާ ސްކޫލެއްގެ ތެރޭގައި ޒުވާނަކު ބަޑިޖަހައި 19 ކުދިން މަރާލާފައި ވަނިކޮށް، މިކަން ހާމަކޮށްފައި ވަނީ ސްމޯލް އާމްްސް ސާވޭ (އެސްއޭއެސް) ކިޔާ ޖަމާއަތަކުން ނެރުނު ރިޕޯޓެއްގައެވެ. މިއީ ސުވިޒަލޭންޑުގައި މައި އޮފީސް ހުންނަ ޖަމާއަތެކެވެ.

އެ ރިޕޯޓުގައި ވާގޮތުން އެމެރިކާގެ އާއްމުންގެ އަތުގައި ހުރި ބަޑީގެ އަދަދަށް ބަލާއިރު، އާބާދީގެ ކޮންމެ 100 މީހަކަށް 120.5 ބަޑި ގެންގުޅެއެވެ.

މީގެ އިތުރުން، ސީއެންއެން ހެދި ދިރާސާއަަކުން ދައްކާ ގޮތުގައި، އާއްމުންގެ ތެރެއަށް ބަޑިޖަހައި ގިނަ ބަޔަކު މަރާލުމުގެ ހާދިސާއެއް މަދުވެގެން އަހަރު އެެއް ފަހަރު ހިނގާ ހަމައެކަނި ގައުމަކީވެސް އެމެރިކާއެވެ.

އެސްއޭސްގެ ރިޕޯޓުގައި ބުނާގޮތުން، ބަޑި ގެންގުޅޭ މިންވަރަށް ބަލާއިރު، އެންމެ ގިނައިން ބަޑި ގެންގުޅޭ ސަރަހައްދަކީ ފޯކްލޭންޑް އައިލޭންޑްސް އެވެ. އެ ސަރަަހައްދުގައި އާބާދީގެ ކޮންމެ 100 މީހަކަށް 62 ބަޑި ގެންގުޅެއެވެ. ތިންވަނައަށް އެންމެ ބަޑި ގިނަ ގައުމު ކަމަށްވާ ޔަަމަނުގައި އާބާދީގެ ކޮންމެ 100 މީހަކަށް 53 ބަޑި ގެންގުޅެއެވެ.

އަނެއްކޮޅުން ޖަޕާނާއި، ކޮރެޔާ ފަަދަ ކުރިއަރާފައިވާ އޭޝިޔާގެ ގައުމުތަަކުގެ ބަޑި ގެންގުޅޭ މީހުންގެ އަދަދު ވަރަށް މަދެވެ. އެ ދެ ގައުމުގައިވެސް އާއްމުންގެ ތެރޭން ބަޑި ގެންގުޅެނީ އާބާދާގެ ކޮންމެ 500 މީހުންގެ ތެރޭން އެކަކެވެ.
އެސްއޭއެސްގެ ދިރާސާއިން އިތުރަށް ހާމަވެފައިވާ ގޮތުގައި އެމެރިކާގެ އާބާދީއަކީ ދުނިޔޭގެ އާބާދީގެ %4.2 ކަމުގައި ވިޔަސް ދުނިޔޭގައި އާއްމުން ގެންގުޅޭ ބަޑީގެ %46 ގެންގުޅެނީ އެމެރިކާ މީހުންނެވެ. ބަޑީގެ އަދަދަށް ބަލާއިރު، މުޅި ދުނިޔޭގައި އާއްމުން ގެންގުޅޭ 857 މިލިއަން ބަޑީގެ ތެރޭން 393 މިލިއަން ބަޑި ގެންގުޅެނީ އެމެރިކާގައެވެ.

އެމެރިިކާގައި އާއްމުން އާދަޔާ ޚިލާފަށް ގިނައިން ބަޑި ގެންގުޅޭއިރު، ބަޑީގެ ހަމަލާތަކުގެ ޝިކާރައަކަށް ވާ އެމެރިކާ މީހުންގެ އަދަދުވެސް އާދަޔާ ޚިލާފަށް ގިނައެވެ. ސީއެންއެންގެ ދިރާސާއަކުން ދައްކާ ގޮތުގައި 2019 އަަހަރު އެމެރިކާގެ އާބާދީ ކޮންމެ އެއް ލައްކަ މީހެެއްގެ ތެރޭން 4 މީހަކު ވަނީ ބަޑީގެ ހަމަލާގެ ޝިކާރައަކަށް ވެފައެވެ. މިއީ ތަރައްގީ ވެފައިވާ ގައުމުތަކުގެ ނިސްބަތަށްވުރެ 18 ގުނަ އިތުރު އަދަދެކެެވެ.

އެސްއޭއެސްގެ ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި އެމެރިކާގެ އާބާދީ %44 މީހުން ދިރިއުޅެނީ މަދުވެގެން އެއް ބަޑި އޮތް ގެއެއްގައެވެ. އަދި ކޮންެމެ ތިން މީހުންކުރެ އެކެއްގެ އަތުގައި ބަޑިއެއް އޮވެއެވެ.

މުޖުތަމައުގައި އާއްމުންގެ މެދުގައި ބަޑި ގެންގުޅުން އާދަޔާއި ޚިލާފަށް އިތުރުވެ، ބަޑީގެ ހަމަލާތަކުގައި މީހުން މެރުމުގެ ހާދިސާތައް އިތުރުވެފައި ވިޔަސް، ބަޑި ގެންގުޅުން ކޮންޓުރޯލުކުރުމަށް ހަރުކަށި ފިޔަވަަޅު އެޅުމަށް ތާއީދުކުރަނީ އެމެރިކާގެ އާބާދީގެ ދެބައިކުޅަ އެއްބައިހާ މީހުންނެެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.