ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ ސެނެގާލުގެ ޓިވުއާނޭ އަވަށުގައި ހުންނަ ހޮސްޕިޓަލެއްގައި ބުދަ ދުވަހުގެ ރޭ އަލިފާން ރޯވުމުގެ ސަބަބުން 11 ތުއްތުކުދިން މަރުވެއްޖެއެވެ.
"އަލަށް އުފަންވި 11 ތުއްތުކުދިން ޓިވުއާނޭގެ މާމޭ އަބްދޫ އަޒީޒު ސީ ދަބާޚް ހޮސްޕިޓަލުގެ ނެއޯނެޓޮލޮޖީ ޑިޕާޓްމަންޓުގައި ރޯވި އަލިފާނުގައި މަރުވި ޚަބަރު ދެންެމެ މިއެހީ ހިތާމައާއި ހައިރާންކަމާއެކު." ސެނެގާލްގެ ރައީސު މަކީ ސަލް ކުރެއްވި ޓުވީޓެއްގައި ވެއެވެ.
"އެ ކުދިންގެ މައިންނަށާއި، އާއިލާތަކަށް އަހަރެންގެ ހިތުގެ ފުންމިނުން ހަމްދަރުދީވަން." އޭނާ ވިދާޅުވެފައި ވެއެވެ.
:"ސަލާމަތްކުރެވުނީ ތިން ކުދިން." ޓިވުއާނޭގެ މޭޔަރު ޑެމްބާ ޑިއޮޕް ވިދާޅުވިއެވެ. އޭނާ އިތުރަށް ހާމަކުރެއްވި ގޮތުގައި އަލިފާން ރޯވާން ދިމާވީ ކަރަންޓު ޝޯޓަކުންނެވެ. އާއްމުންގެ މެދުގައި ޑިއޮޕް ސީ ގެ ނަމުން މަޝްހޫރުވެވަޑައިގެންފާ ޑިއޮޮޕްއަކީ ސެނެގާލްގެ ގާނޫނުހަދާ މަޖިލީހުގެ މެންބަރެއްވެސް މެއެވެ.
މިހާރު ޖެނީވާގައި ކުރިއަށްދާ ޑަބްލިޔުއެޗްއޯގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަން ސުވިޒަލޭންޑަށް ވަޑައިގެން ހުންނެވި ހެލްތު މިނިސްޓަރު އަބްދުލާޔި ދުޔޯފް ސަރް ވިދާޅުވީ އޭނާ ވަގުތުން ސެނެގާލަށް އެނބުރިވަޑައިގަންނަވާނެ ކަމުގައެވެ. ސެނެގާލުގެ އަމިއްލަ ޓީވީ ޗެނަލެއް ކަމުގައިވާ ޓީއެމްއެފްއަށް ދެއްވި ބަސްދީގަތުމެއްގައި އޭނާވެސް ފާހަގަކުރެއްވި ގޮތުގައި ހޮސްޕިޓަލުގައި އަލިފާން ރޯވީ ކަރަންޓު ޝޯޓަކުންނެވެ.
"މިއީ ވަރަށް ނަސީބު ދެރަ ގޮތަކަށް ދިމާވި، ހިތާމަވެރި ހާދިސާއެއް. ކަން ހިނގި ގޮތް ބަލަން ތަހުގީގެއް ވަނީ ފަށާފައި." އޭނާ އިތުރަށް ވިދާޅުވިއެވެ.
ސެނެގާލުގެ ޚަބަރުފަތުރާ ވަސީލަތްތަކުން ބުނާގޮތުގައި މާމޭ އަބްދޫ އަޒީޒު ސީ ދަބާޚް ހޮސްޕިޓަލަކީ ދާދި ފަހުން ހުޅުވި ހޮސްޕިޓަލެކެވެ.
މި ހޮސްޕިޓަލުގައި މި ހިނގި ހާދިސާއަކީ ސެނެގާލުގެ އާއްމު ސިއްހީ ޚިދުމަތް ދޭ ތަންތަނުގައި ހިނގަމުން އަންނަ މިފަދަ ހިތާމަވެރި ހާދިސާތަކަށް އިތުރުވި ބޮޅެކެވެ. ފާއިތުވި އެޕްރީލް މަހު، އުތުރުގެ އަވަށެއް ކަމުގައިވާ ލިގުއެރޭގެ ހޮސްޕިޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 4 ތުއްތުކުދިން މަރުވެފައި ވެއެވެ.
އެފްރިކާގެ ހުޅަނގު ބިތުގައި، އެޓްލާންޓިކް ކަނޑުގެ އައްސޭރީގައި، މޮރިޓޭނިޔާ، މާލީ، ގިނީ އަދި ގިނީ ބިސާއޮއާ އިންވެގެން އޮންނަ ސެނެގާލަކީ 17 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ގައުމެކެވެ. އެފްރިކާގެ ތަރައްގީ ވަމުން އަންނަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ސެނެގާލުގެ އާބާދީގެ %97.2 މީހުންނަކީ މުސްލިމުންނެވެ.