ބޯފެން އުފެއްދުމުގައިވެސް އިޢާދަކުރަނިވި ހަކަތަ ބޭނުންކުރެވޭނެ އިންތިޒާމުތަކެއް ހަމަޖައްސަން ޖެހޭ: ރައީސުލްޖުމްހޫރިއްޔާ

ދުނިޔެ ކުރިމަތިލާންޖެހިފައިވާ ތިމާވެށީގެ މައްސަލަތަކަށް ބަލާއިރު، ބޯފެން އުފެއްދުމުގައި ވެސް އިޢާދަކުރަނިވި ހަކަތަ ބޭނުންކުރެވޭނެ އިންތިޒާމުތަކެއް ހަމަޖައްސަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވެއްޖެއެވެ.

އެމް.ޑަބްލިޔޫ.އެސް.ސީ ގެ 27 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ކްރޮސް ރޯޑްސް މޯލްޑިވްސްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން 70 އިންސައްތަ ރަށުގައި ސާފު ބޯފެނާއި ނަރުދަމާގެ ޚިދުމަތް ލިބެން ނެތްކަން ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ އެ މަނިކުފާނު ވެވަޑައިގެންނެވި ވަޢުދާ އެއްގޮތަށް ވެރިކަމުގެ މި ފަސް އަހަރުގެ ތެރޭގައި ރަށުގެ އާބާދީގެ ކުޑަބޮޑުމިނަށް ބެލުމެއް ނެތި، އެއް އުޞޫލަކުން، ހުރިހާ ރަށެއްގައި، ސާފު ބޯފެނާއި ނަރުދަމާ ނިޒާމުތައް ޤާއިމުކުރުމުން ދިވެހިންގެ ދިރިއުޅުމަށް ވަރަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.

"އެންމެ މުހިންމު ބަދަލަކީ، ނަޖިހުން ތަޣައްޔަރުނުވާ ފެނުން، ސާފުތާހިރުވުމުގެ ފުރުޞަތު ލިބުމާއެކު، ރައްޔިތުންގެ ޞިއްޙީ ދުޅަހެޔޮކަމަށް އަންނާނެ ބަދަލު. އެއީ އެތައް ބަލިތަކަކުން ދިފާޢުކޮށްދޭނެ ކަމެއް. އަދި ފެނަށް ޖެހުމުގެ މައްސަލައަށް ލިބޭނެ ދާއިމީ ޙައްލަކަށްވެސް ވާނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ބޯފެނާއި މި ޚިދުމަތްތައް ޤާއިމުކުރުމަށް، ބަޖެޓުން ކުރަމުން އަންނަ ބޮޑެތި ޚަރަދުތައް، 2024 ވަނަ އަހަރުން ފެށިގެން ކުރަން ނުޖެހޭނެކަން ފާހަގަކުރައްވައި، ނަތީޖާއެއްގެ ގޮތުން އެ ފައިސާއިން ރައްޔިތުންނަށް ބޭނުންވާ އެހެނިހެން ޚިދުމަތްތައް ތަރައްޤީކޮށް ފުޅާކުރުމުގެ ފުރުޞަތު ފަހިވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ސަރުކާރުން ކުރިޔަށްގެންދާ ނަރުދަމާގެ މަޝްރޫޢުތައް ވެސް ކުރިއަށް ގެންދަނީ ތިމާވެށީގެ ރައްކާތެރިކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ދީގެންކަމުގައި ފާހަގަކުރައްވާ ވިދާޅުވީ މިއަހަރުގެ ބަޖެޓުގައި ވެސް ތިމާވެށި ޙިމާޔަތްކުރުމަށް، 1.5 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށެވެ. އަދި އޭގެތެރެއިން 836 މިލިއަން ރުފިޔާ ކަނޑައަޅާފައިވަނީ ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތަށްކަން ފާހަގ ކުރެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.