ރާއްޖޭގެ އިޤްތިޞޯދާއި ދިފާއީ އަދި ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށް އެމެރިކާ އާއެކު މަޝްވަރާ ކުރައްވައިފި

ރާއްޖޭގެ އިޤްތިޞޯދާ ދިފާއީ އަދި ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށް މަޝްވަރާ ކުރައްވައިފިއެވެ.

މި މަޝްވްރާ ކުރައްވާފައިވަނީ އެމެރިކާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ޝާޜޭ ޑެފެއާރ މިޒް އަންޑްރެއާ އަޕެލް ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އާއި މިޒް އަޕެލް ވަނީ ދެ ޤައުމުން ވެސް އެ ޤައުމުގެ އެމްބަސީ އަނެއް ޤައުމުގައި ޤާއިމުކުރުމުގެ ކަންކަން ކުރިޔަށްގެންދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި މި ފިޔަވަޅަކީ އެމެރިކާއާ ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިވެ ކުރިއަރާނެ ކަމެއްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.

މިޒް އަޕެލް ދެއްކެވި ވާހަކަފުޅުގައި މީގެ 60 އަހަރު ކުރިން ދެ ޤައުމުގެ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށް، ދެ ޤައުމުގެ ދެމެދު އޮތް ދުވަސްވީ ގާތްގުޅުމަކީ އެމެރިކާ ސަރުކާރުން ފަޚުރުވެރިވާ ގުޅުމެއްކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖެއަކީ ނިސްބަތުން ކުޑަ ޤައުމެއް ނަމަވެސް ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެ ހޯދާފައިވާ ކުރިއެރުން އެކަމަނާ ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ޤައުމުން ރާއްޖޭގެ އެކި ދާއިރާތަކަށް ފޯރުކޮށްދެމުން އަންނަ އެހީތެރިކަން ފާހަގަކުރައްވައި ޚާއްޞަގޮތެއްގައި ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި އެމެރިކާ ސަރުކާރުން ފޯރުކޮށްދިން އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ރާއްޖޭގެ އިޤްތިޞޯދާ ދިފާއީ އަދި ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރައްވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.