ރިސޯޓު ކުލި ކުޑަކުރަން ސަރުކާރުން ހުށަހެޅި ބިލު އަނބުރާ ގެންދަނީ

ރިސޯޓު ކުލި ކުޑަކުރަން ސަރުކާރުން ހުށަހެޅި ބިލު އަނބުރާ ގެންދަވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

ރިސޯޓު ކުލި ކުޑަކުރަން ހުށަހަޅާފައިވަނީ ޓުރިޒަމްގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލުގައެވެ.

ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށްވާ "ވަން އޮންލައިން" ގައި ބުނެފައިވަނީ ރައީސް ސާލިހު އެގޮތަށް ނިންމެވީ އިކޮނޮމިކް ކައުންސިލްގައި އެކަމާއިބެހޭގޮތުން ވާހަކަ ދެއްކެވުމަށްފަހުގައި ކަމަށެވެ.

"ރިސޯޓްތަކުގެ ކުލި ކުޑަކުރަން ހުށަހެޅި ނިންމުން އަނބުރާ ގެންދަން ރައީސް ނިންމެވީ މިހާރު ހިނގަމުންދާ ރަޝިޔާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ އިގުތިސޯދަށް ބޮޑެތި އަސަރުތަކެއް ކުރާނެތީ، ރާއްޖެއަށް ލިބެން އޮތް އެއްވެސް އާމްދަނީއެއް މިވަގުތު ދޫކޮށްލެވެން ނެތުމުން." އެ ނޫހުގައި ބުނެފައިވެއެވެ.

އެ ބިލު ގެންދެވިރު، އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމާއި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ އާއި ބައެއް ވިޔަފާރިވެރިން ވަނީ ކުލި ކުޑަކުރަން ނިންމައިފިނަމަ ރާއްޖޭގެ އިގުތިސޯދަށް އަތުވެދާނެ ނުރަނގަޅު އަސަރުތަކާބެހޭގޮތުން ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.