17  ގާނޫނަކަށް ސަރުކާރުން އިސްލާހު ހުށަހަޅައިފި

17  ގާނޫނަކަށް ސަރުކާރުން އިސްލާހު ހުށަހަޅައިފިއެވެ.

މީގެ ތެރޭގައި ޖުޑީޝަރީ އާއި ކޯޓުތަކާއިބެހޭ ތިން ގާނޫނަކަށް އިސްލާހު ގެނައުމުގެ ބިލުތައް ވެސް ހިމެނެއެވެ.

އެޓަރނީ ޖެނެރަލްގެ އޮފީހުން ބުނީ ސަރުކާރުގެ ފަރާތުން މަޖިލިހުގެ މި އަހަރުގެ ދެވަނަ ދައުރަށް ހުށަހަޅަން ގަސްދުކުރާ ބިލުތަކުގެ ލިސްޓެއް ރައީސް އޮފީހުން، މަޖިލީހަށް އިއްޔެ ފޮނުވާފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ކޯޓުތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހާއި ފަނޑިޔާރުންގެ ގާނޫނަށް ހުށަހެޅި އިސްލާހާއި ޖޭއެސްސީގެ ގާނޫނަށް ހުށަހެޅި އިސްލާހު ހިމެނެއެވެ.

ޖިނާއީ ކުށްތަކާ ބެހޭ ގާނޫނުތަކަށް ހުށަހެޅި އިސްލާހުތަކަށް ބަލާލާއިރު، ޖިނާއީ އިޖުރާއަތުގެ ގާނޫނަށާއި، ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށާއި، ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލު ކުރުމުގެ ގާނޫނަށާއި، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ އިތުރުން، ގޭންގު ކުށްތައް މަނާކުރުމާ ބެހޭ ގާނޫނަށާއި ބިރު ދެއްކުމާއި، ތޫނު ހަތިޔާރާއި، ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނަށް ވެސް އިސްލާހު ހުށަހަޅާފައިވެއެވެ.

މީގެ އިތުރުން ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށާއި، މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ޚަރަދުކުރުން ހުއްޓުވުމުގެ ގާނޫނަށް ވެސް އިސްލާހު ގެނައުމަށް ސަރުކާރުން ވަނީ ނިންމައި ބިލްތައް ފޮނުވާފައެވެ.

ސަރުކާރުން ހުށަހެޅި ބައެއް އިސްލާހުތަކުގެ ތެރޭގައި ގާނޫނީ ފަންނުގެ ގާނޫނަށް ހުށަހަޅާ އިސްލާހާއި ދައުލަތުގެ މާލިއްޔަތު ގާނޫނަށް ހުށަހަޅާ އިސްލާހާއި އާބިޓްރޭޝަންގެ ގާނޫނަށް ހުށަހަޅާ އިސްލާހު ހިމެނެއެވެ. އަދި ސިއްހީ ޚިދުމަތް ދިނުމުގެ ގާނޫނަށް ހުށަހަޅާ އިސްލާހާއި ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނަށް ހުށަހަޅާ އިސްލާހާއި އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް ހުށަހަޅާ އިސްލާހު ވެސް ހިމެނެއެވެ.

ސަރުކާރުން ހުށަހެޅި ބިލުތަކުގެ ތެރޭގައި ކުނި ނައްތާލުމާއި މެނޭޖުކުރުމުގެ ބިލާއި މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ބިލާއި ފޮރިން އިންވެސްޓްމެންޓުގެ ބިލު ހިމެނެއެވެ. އަދި ހެލްތު ސަރވިސަސްގެ ބިލާއި ކެމިކަލް ހަތިޔާރު މަނާކުރުމުގެ ބިލު ވެސް ހިމެނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.